މަރަދޫފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

އައްޑޫސިޓީގައި މިރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެފައި -- ފޮޓޯ: ސޯޝަލްމީޑިއާ

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ބުދަވިލޭރޭ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ މެންދަމު 1:16 ކަންހާއިރު، މަރަދޫފޭދޫ ބޯޅަދަނޑު ސަރަހައްދު ބޮޑުމަގުގައި ހިނގި އެކްސިޑެންޓެއްގައި 25 އަހަރުގެ ޒުވާނަކު މަރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގީ މިރޭ 1:16 ކަންހާއިރު މަރަދޫފޭދޫ ބޮޑުމަގުގައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެއީ 25އަހަރުގެ ޒުވާނެއް. އޭނާ ދުއްވި ސައިކަލް ޕޭވްމަންޓުގައި ޖެހި ކަހާލައިގެން ވެއްޓި މި އެކްސިޑެންޓް ހިނގީ."

މަރަދޫފޭދޫ ބޯޅަދަނޑު ސަރަހައްދުން "ބެންޑު" ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވެފައިވަނީ، ސ. ހިތަދޫ، ގަސްރުހައުސް، މޫގިލް ރަޝީދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް