އެފްރިކާގެ ދެ ގައުމަކާ އެކު ރާއްޖެއިން ޚާރިޖީ ގުޅުން އުފެއްދުމަށް މަޝްވަރާކޮށްފި

ސައުދީގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދާއި ކެމަރޫން ސަފީރު އިޔާ ތިޖާނީ ބައްދަލުކުރައްވަނީ ---

އެފްރިކާ ބައްރުގެ ދެ ގައުމަކާ އެކު ރާއްޖެއިން ޚާރިޖީ ގޮތުން ގުޅުން އުފެއްދުމާ މެދު މަޝްވަރާކޮށްފި އެވެ.

އެ ދެ ގައުމަކީ މެދުތެރޭ އެފްރިކާގައި ދެ ގައުމު ކަމުގައިވާ، ޗާޑު އަދި ކެމެރޫނެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ 2019-2020 ދައުރުގެ ގޮނޑިއަށް ރާއްޖެއިން އިންތިޚާބުވުމަށް މަސައްކަތް ކުރަމުންދާ އިރު، އެކި ގައުމުތަކަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަ ސަފީރުން ގެންދަނީ އެގައުމުތަކުގައި ތިއްބަވާ ބޭރުގެ އެހެން ޑިޕްލޮމެޓުންނާ ބައްދަލުކުރައްވަމުންނެވެ.

އޭގެ ތެރެއިން، ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު އިއްޔެ ވަނީ ސައުދީގައި ހުންނަވާ ޗާޑުގެ ސަފީރު އުސްމާން މަތާރު ބްރޭމޭއާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަދު ސަފީރު ހަމީދު ވަނީ ސައުދީގައި ހުންނަވާ ކެމަރޫން ސަފީރު އިޔާ ތިޖާނީއާ ބައްދަލުކުރައްވައިފަ އެވެ.

ސައުދީގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު، ސައުދީގެ ޗާޑް ސަފީރު އުސްމާންއާ ބައްދަލުކުރައްވަނީ ---

ދެގައުމުގެ ސަފީރުންނާ ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުމުގައި، ދިވެހި ސަފީރު އަބްދުﷲ ހަމީދު ވަނީ، ރާއްޖެއާ އެގައުމުތަކާ އެކު ޚާރިޖީ ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި އދގެ ސަލާމަތީ މަޖިލީހަށް އިންތިޚާބުވުމަށް ރާއްޖެއަށް ތާއީދުކުރެއްވުމަށް ދެގައުމުގެ ސަފީރުންގެ ކިބައިން ދިވެހި ސަފީރު އެދިވަޑައިގެންނެވި އެވެ.

ޗާޑާއި ކެމެރޫނަކީ ވެސް މީގެ ކުރިން ފްރާންސްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ދެ ގައުމެވެ. ޗާޑުގެ ގާތްގަނޑަކަށް 14 މިލިޔަނުގެ އާބާދީއެއް އޮންނަ އިރު، އޭގެ ތެރެއިން 55 ޕަސަންޓަށް ވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އަދި ކެމަރޫންގެ 22.5 މިލިޔަން މީހުންގެ އާބާދީގެ 18 ޕަސަންޓަކީ މުސްލިމުންނެވެ.

ރާއްޖެއިން މިހާތަނަށް ދުނިޔޭގެ 165 ގައުމަކާ ޚާރިޖީ ގުޅުން ގާއިމުކޮށްފައިވެ އެވެ. އެންމެ ފަހުން ގުޅުން ގާއިމުކުރީ ކެރީބިއަންގެ ޖަޒީރާ ގައުމެއް ކަމުގައިވާ ސެއިންޓް ކިޓްސް އެންޑް ނީވިސްއާއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް