ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް ކާނަލް އައްޔަން ކުރަން ކޮމެޓީން ރުހުން ދީފި

ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް): ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމެޓީގެ އިއްތިފާގުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައިލެންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ކޮމެޓީން އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރި ރިޕޯޓުގައި ބުނެފައި ވަނީ ކާނަލަކީ ހާރިޖީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ޑިޕްލޮމެޓިކް މިޝަން އާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ސަފީރު ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށެވެ.

"...މުހައްމަދު ނަޝީދު އަކީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ، ޑިޕްލޮމެޓިކް މިޝަން އާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ކިންގްޑަމް އޮފް ތައިލެންޑް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަމުގައި ނިންމަވައި.." ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް އިއްޔެ ފޮނުވި ރިޕޯޓުގައިވެ އެވެ.

ސަފީރު ކަމަށް ކާނަލް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައި ވަނީ އިންޓަވިއު ކުރުމަކާ ނުލަ އެވެ.

ކާނަލް ނަޝީދުގެ ނަން ދިރާސާ ކުރުމަށްފަހު، ކޮމެޓީން ފޮނުވި ރިޕޯޓު، ދެން ބާއްވާ މަޖިލީހުގެ ޖަލްސާއަކަށް އިއްވާނެ އެވެ. ސަފީރު ކަމަށް ކާނަލް އައްޔަން ކުރާނީ އޭނާގެ ނަން މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.

ޑީއާރްޕީގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ކާނަލް ނަޝީދަކީ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފެހި ގާނޫނުއަސާސީ އެކުުލަވާލި ހާއްސަ މަޖިލީހުގައި މާލެ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. މަޖިލީހުގެ ގޮނޑިތައް ކާނަލް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވައިގެންނެވެ.

ކާނަލް ނަޝީދު ވަނީ 2004 އިން ފެށިގެން 2007 އަށް ދަރުމަވަންތަ ސްކޫލުގައި ޓީޗަރެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭގެ ކުރިން އޭނާ އުޅުއްވީ ސިފައިންގޭގަ އެވެ. ސިފައިން ގޭގައި އޭނާ މަސައްކަތް ކުރެއްވީ 1999 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށެވެ.

comment ކޮމެންޓް