ދިވެހިރާއްޖެއަށް ހާއްސަ "މުޞްޙަފް މާލްދީފް" ބަހަން ފަށައިފި

"މުސްހަފް މާލްދީފް"ގެ ފުރަަތަމަ ކޮޕީތަކުގެ ތެރޭން މުސްޙަފެއް --- ފޮޓޯ/ ރައީސް އޮފީސް

އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒާއި ބަޙްރައިންގެ ޤުރްއާން ކެއާރ ސޮސައިޓީ ގުޅިގެން ދިވެހިންނަށް ހާއްސަކޮށް ޗާޕްކޮށްފައިވާ "މުޞްޙަފް މާލްދީފް" ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން "ކޮންމެ ދިވެއްސަކަށް މުޞްޙަފެއް" މި ޝިއާރުގެ ދަށުން މުޞްޙަފް ޗާޕްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.

އެ މިނިސްޓްރީން ބުނީ މިހާރު ރާއްޖެއަށް ޖުމްލަ 100،000 މުޞްޙަފް ޗާޕްކޮށްގެން ގެނެސްފައިވާ ކަމަށެވެ. އަދި އެ މުޞްޙަފްތައް ބެހުމަށް ހަމަޖެހިފައި ވަނީ 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުޞްޙަފް ބަހާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 13:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ. މުޞްޙަފް ބަލައި ދާއިރު އައިޑީކާޑު ވެސް ގެންދަން ޖެހެއެވެ.

އެ މިނިސްޓްރީން ބުނީ އަދި ވަރަށް އަވަހަށް މުޞްޙަފްގެ އިތުރު ކޮޕީތަކެއް ގެންނާނެ ކަމަށާއި އެއާއެކު އިތުރު މީހުންނަށް ބަހާނެ ކަމަށެވެ.

comment ކޮމެންޓް