ކޮނޑޭ ކައުންސިލްގެ އެކައުންޓް ފްރީޒްކުރަން ކުރި އަމުރު ބާތިލްކޮށްފި

ސުޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ގއ. ކޮނޑޭ ކައުންސިލްގެ އެކައުންޓު ފްރީޒްކުރަން އެރަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ކޮނޑޭ ކައުންސިލްގެ އެކައުންޓްތައް އެރަށު ކޯޓުން ފްރީޒް ކުރީ ކައުންސިލް އިދާރާ އާ ދެކޮޅަށް އެރަށު ރަބީއުގެ އަލީ ނާސިރު ހުށަހެޅި މައްސަލައެއްގައެވެ. އެ މައްސަލައަކީ ޕާކް ހަޔާތު މޯލްޑިވްސް ހަނޑަހާ ރިސޯޓުން ކޮނޑޭއަށް ގެންނަ ކުނި ނައްތާލުމަށް ވެފައިވާ އެއްބަސްވުން އެރަށު ކައުންސިލް އިދާރާ އިން ބާތިލްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބޭރުން ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެ ހުކުމްގެ ދަށުން ކޮނޑޭ ކައުންސިލް އިދާރާ އިން ނާސިރަށް ދައްކަންޖެހޭ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުން ކައުންސިލް އިދާރާ އަށް އަންގާފައިވެއެވެ.

ކޮނޑޭ ކައުންސިލުން ނެރުނު އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ބޭންކު އޮފް މޯލްޑިވްސްގައި ކޮނޑޭ ކައުންސިލުން ހުޅުވާފައިވާ އެކައުންޓަކީ އާންމު މަސްލަހަތާ ގުޅުންހުރި އެކައުންޓެއް ކަމަށެވެ. އެހެންކަމުން އެފަދަ އެކައުންޓެއް ފްރީޒް ކުރުމަކީ އެކަމުގެ ސަބަބުން އެ އިދާރާ އިން އާންމުންނަށް ދެމުންދާ ޚިދުމަތްތަކަށް ބުރޫއަރައި ދައުލަތުގެ އިދާރާއެއްގެ ހިންގުން އެ އަމުރުގެ ސަބަބުން ހުއްޓުމަކަށްއަތުވެދާނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

comment ކޮމެންޓް