އަދީބުގެ ސިޓީއެއް: "އަޅުގަނޑު ދުށް ހަގީގަތަކީ ހަގީގަތެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ގެންނަނީ --- ސަންފައިލް ފޮޓޯ

ޖަލުގެ ތޭރިތަކުގެ ފަހަތުގައި އޮންނަ އިރު އިހުސާސް ވަނީ "އަޅުގަނޑު ދުށް ހަގީގަތަކީ ހަގީގަތެއް ނޫން" ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ސިޓީއެއް ފޮނުއްވައިފި އެވެ.

ދޫނިދޫގެ ޖަލުގައި އޮންނަވައި އަދީބު ސޮއިކުރައްވައި ދިވެހި ރައްޔިތުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމަނިކުފާނަކީ ރައްޔިތުންނަށް މެދުވެރިވި ގިނަ ހާލަތްތަކަކާއި ސަބަބުތަކެއްގެ ނަތީޖާ ކަމަށެވެ.

"ކޮންމެ ގަބޫލުކުރުމަކީ އަދި އިވޭ ކޮންމެ އަޑަކީ ހަގީގަތަކަށް ވާކަށް ނުޖެހޭ. ހަގީގަތުން ބައެއް އެނގިގެން ނަތީޖާއަށް ވާސިލުވުމަކީ އަމުދުން ކުރެވޭނެ ކަމެއް ނޫން" އަދީބުގެ ސިޓީގައި ބުނެފައިވެ އެވެ.

ޖަލުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ ސިޔާސީ ހަޔާތުގައި މިތުރުންނާއި އާއިލާ ތަފާތު ނުކުރާ ކަމަށެވެ. އަދި އޭނާއަކީ ހިތުން ޖާގަދެވުނު ކޮންމެ މީހެއްގެ ތަކުލީފުތައް ދުރުކުރުމަށްވީ ވަރަކުން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ކޮށްދެވުނު ނަމަ ކޮށްދެވިފައިވާ އެއްވެސް ކަމަކީ ބަދަލަކަށް އުއްމީދުކޮށްގެން ކޮށްފައިވާ ކަންކަމެއް ނޫން. ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑުގެ ހެޔޮދުއާ،" އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބުގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ އެއްވެސް ބޭފުޅަކީ އިންސާނީ ހައްގުތައް ލިބިދިނުމުގައި ހުރަސް އެޅިގެންވާނޭ ބޭފުޅަކަށްވާން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ކުށެއްގެ އަދަބަކީ އެކަނިވެރި ކަމާ އެކު އޮވެ މަރުވުން ކަމަށް ވެސް ތިޔަ ބޭފުޅުން ދެކެވަޑައެއް ނުގަންނަވާނެ،"

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ވާހަކަ ފާހަގަކުރައްވައި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ ސިއްހީ މައްސަލަތަކުގެ ވާހަކަތަކަކީ ހޮޅުއަށިތަކުގެ މައުލޫއަށްވުމަކީ އެއްވެސް އިރެއްގައި އެދުނު ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ސިއްހީ މައްސަލަތަކުގެ މައުލޫމާތު އާންމުކުރަން މަޖުބޫރުވީ މިއަދުގެ ހާލަތު ހުރިގޮތުން "އެހީތެރިކަމަށް ކުރެވޭ އުންމީދެއްގެ ބޮޑުކަމުން ކަމުން" ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ކިޑްނީގައި ހިލަހުރުމާއި އިންޓަރނަލް ސިސްޓެއް ހުރުމާއި އަދި ލޮލުގެ ބައްޔެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވުން ހިމެނޭ. މިއިން އެއްވެސް ކަމަކަށް އެކަށީގެންވާ ހައްލެއް ނުލިބި އެކަމާމެދު ކުރަންޖެހޭ ފިކުރުތަކަކީ މިމައްސަލަތަކުގެ މައްޗަށް އަންނަ އިތުރު ތަކުލީފެއް" އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަމުންދާގޮތް ފެންނަ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ރައްޔިތުންނާ ދައްކަން ހުރި ވާހަކަތައް ނުހަނު ގިނަ" ކަމަށެވެ. ސިޔާސީ މަޝްރަހަށް ބަލާއިރު ވެސް ހައްލު ނުކުރެވޭ ވަަރަށް ސިޔާސީ މަޝްރަހު އަލުން ބިނާ ނުކުރެވޭ މިންވަރަށް "ވީރާނާވެފައި ނުވޭ" ކަމަށް އަދީބު ވިދާޅުވި އެވެ.

comment ކޮމެންޓް