ގަތަރާ ގުޅުން ކަނޑާލުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހުސެއިން މުހައްމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުއްދަކަވަނީ --- ފޮޓޯ: މަޖިލިސް

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ހުށަހެޅި އެ މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލާފައި ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން 40 މެމްބަރުން ވޯޓު ދީގެންނެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ 22 މެމްބަރުންނެވެ.

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް 33 އަހަރުވީ ސިޔާސީ ގުޅުން މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ރާއްޖެ އިން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ބުނެ އެވެ، އެކަމާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ގަލްފު ސަރަހައްދުގައި އެފެދިފައިވާ ދެބަސްވުންތަކަކަށް ފަހު ރާއްޖެއިން ގަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން މެމްބަރު ހުސެއިން މުހައްމަދު މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ގަތަރަކީ ކުރީއްސުރެއް ވެސް ރާއްޖެއާއެކު ގާތްގުޅުމެއް ބާއްވަމުން އަންނަ އެކުވެރި ގައުމަކަށްވެފައި، ރާއްޖޭގެ ތަރައްގީއަށް ދީލަތި އެހީތަކެއް ވެދެއްވަމުންދާ ގައުމެއް ކަމަށެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ރައްކާތެރިކުރުމާއެކު ރާއްޖެއާ އެކުވެރިކަން އުފައްދަން ބޭނުންވާ ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ކުރިއށް ގެންދިއުން ކަމަށް ބުނެފައިވާއިރު ރާއްޖެއާއި ގަތަރާ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލައެއް ނުވަތަ ދެބަސްވުމެއް ނެތްކަން ފާހަގަ ކުރައްވާފައިވެއެވެ.

އެހެންކަމުން ގަތަރާއެކު އޮތް ގުޅުން ކުއްލި ގޮތަކަށް ކަނޑާލުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުވެދާނެ ކަމަކަށްވެދާނެތީވެ، އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކާ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެއްޅުއްވީ ކަމަށް މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް