ހިރިލަންދޫ ބަލި މަޑުކަމެއްގެ ތެރޭގައި، ބެލެވެނީ "ސްވައިން ފްލޫ" ކަމަށް

ހިރިލަންދޫ: އެ ރަށުގައި ހަލުވިކަމާ އެކު އަންނަނީ ރޯގާއެއް ފެތުރެމުން: ފޮޓޯ: ހަމްދާން ޝަރީފް

ތ. ހިރިލަންދޫގައި "ސްވައިން ފުލޫ" ކަމަށް ބެލެވޭ ރޯގާއެއް ފެތުރި ގިނަ ބަޔަކަށް ރޯގާޖެހިފައިވާ ކަމަށް އެރަށު ކައުންސިލްއިން ބުނެފި އެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގައި ރޯގާއެއް ފެތުރޭތާ ހަތަރު ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި އެގޮތުން ވޭތުވެދިޔަ 38 ގަޑިއިރު ތެރޭގައި 40 އަށްވުރެ ގިނަ މީހުން ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

އެރަށުގެ އާބާދީއަކީ 1200 މީހުންނެވެ.

"ބޮޑަށް ރޯގާ ޖެހެނީ އުމުރުން ބޮޑެތި މީހުންނަށް، އެގޮތުން 30 އިން މަތީ ފިރިހެނުންނަށް ގިނައިން ރޯގާ ޖެހޭ، އަނެއްހެން އެހާ ހާލު ސީރިއަސް މީހެއް ނެތް،" ޖަލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރޯގާގެ ކަންތައް ބޮޑުވެ އަތޮޅު ހޮސްޕިޓަލުގެ ޓީމެއް އެރަށަށް ގެނެސްފައިވާ ކަމަށާއި އެޓީމުން ވެސް ލަފާކުރަނީ އެއީ ސްވައިން ފުލޫ ކަމަށެވެ.

"އަތޮޅު ހޮސްޕިޓަލް ޓީމެއް އައިސް ސާމްޕަލެއް ނަގާފައިވޭ، އަދި ނަތީޖާއެއް ނުލިބޭ، އެޓީމާ އެކު އައި ޑޮކްޓަރެއް، އެޑޮކްޓަރު ވެސް ވިދާޅުވަނީ ސްވައިން ފުލޫކަމަށޭ ބެލެވެނީ،" ޖަލާލް ވިދާޅުވި އެވެ.

އެރަށުގައި ކުއްލި ގޮތަކަށް ރޯގާ ފެތުރުން އާންމުވެފައިވާ އިރު މަދިރި މަދުކުރުމުގެ ހަރަކާތްތަކަކާއި ސިއްހީކަންތަކަށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށް ޖަލާލް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.

މިއަހަރު ކުރީކޮޅު މުޅި ރާއްޖެ ހިމެނޭ ގޮތަށް ވަނީ ވަރަށް ބޮޑަށް ސްވައިން ފުލޫ ފެތުރި އެތައް ބަޔަކު އެބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް