އަހަރެންގެ ހިތް އަނބުރާދީ

"ސަލްވާ...." ހައިކަލް ގޮވާލީވެސް ޖަޒުބާތުގެ ސަބަބުން ބަރުވެފައިވާ އަޑަކުންނެވެ. އެއީ އީމާންތެރިއަކުވެސް މަގު އޮޅުވާލާފަދަ ޖަގަހައެކެވެ. ސަލްވާގެ ހިތަށް ފިނިވުމާއިއެކުވެސް ހައިކަލްގެ އެއަތް ދުރުކޮށްލާކަށް ނުކެރުނެވެ. ފިރިމީހާކަމުގައި ހިތް ވިސްނާދިންއިރު އެއްވެސް ކަމަކާއި ދެކޮޅުހަދާކަށް ކެރޭނީ ކިހިނެއްހެއްޔެވެ؟ ކުރިންވެސް އޭނަވަނީ ވައުދުވެފައެވެ. ހައިކަލް ތެދުވެގެން އައިސް ސަލްވާއިން ހެމޮކްއިން ޖާގައަކަށް އެދުމުން ދެމީހަކަށް ތިބެވޭނެ ޖާގަ ނެތްނަމަވެސް އޭނައަކަށް ހައިކަލް ދުރުކޮށްލެވޭނެ ގޮތެއްނެތެވެ. އެއަށްވުރެ ބޮޑަށް ހައިކަލްގެ ލޮލުގެ ޖާދޫގައި ސަލްވާ ޖެހެވިއްޖެއެވެ. އެހެން ހުރިހާކަމެއް ހަނދާން ނައްތާލާފައި އެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިޔައީ ހިތުން ރުހުމުންނެވެ. ނަމަވެސް އިރުކޮޅެއްފަހުން ސަލްވާއަށް ބޭ އިޚުތިޔާރުގައި ހައިކަލް ދުރުކޮށްލެވެން އުޅެވުނެވެ. އޭނަގެ މާ ބޮޑަށް ނުތަނަވަސްވީއެވެ. ކޮންމެހެން ނޫނެކޭ ބުނަންވެގެން އޭނަ ގަސްތުގައި ކުރިކަމަކަށްވުރެ ހާސްވެގެން ކުރެވުނު ކަމެކެވެ. ހައިކަލްއަށް ސަލްވާގެ ބިރު އިހުސާސްކުރެވުމުން ވިސްނިގެން ހުއްޓާލީ އަމިއްލައަށެވެ. ހައިކަލް ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ހެމޮކްއިން ތެދުވެ ޖިންސްގެ ޖީބަށް އަތްޖަހާލައިފިއެވެ.

"ސޮރީ............."ހައިކަލް ހުރީ ހަމަޖެހިލާފައެވެ. ސަލްވާ ތެދުވުނުއިރު އޭނަ ހުރީ ދެރަވެފައެވެ. ލަދުގެންފައެވެ. ހައިކަލް މާފަށް އެދުނު ސަބަބެއްނޭގިފައެވެ. ހައިކަލް އޭނައާއިމެދު ދެކޭނެގޮތެއްވެސް ނޭގެއެވެ. ލޯބިވާނަމަ އެގޮތަށް ދުރަށް ދާކަށް ނޫޅުނީހެވެ. ހައިކަލް ވިސްނާނީ އަދިއޭނަ އެފަދަ ބޮޑު ސްޓެޕެއްނަގަން ތައްޔާރުނޫންކަމެވެ. ހައިކަލް އަށް ބައެއްކަންތައްތަކަށް ހުއްދަ ދެވުނަސް މާދުރަށް ދާން އޭނަވެސް ކަންބޮޑުވަނީއެވެ. ހައިކަލް މަޖުބޫރުކުރަން ނޫޅެ އޭނަގެ ކުޑަ ކުޑަ އިޝާރަތަކަށް ހުއްޓާލިކަން ނަސީބެކޭ ހިތަށް އަރާފައި ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އެމޫނަށްވެރިވި ކުލަވަރުތައް ފަނޑުއަލީގައިވެސް ހައިކަލްއަށް ފެނުނެވެ.

"ނިދަންދާންވީ ދޯ. ދެން ނެތެއްނު އިތުރުކަމެއް. އަހަރެންވެސް ވަރަށް ވަރުބަލިވެއްޖެ......" ހައިކަލް ހީލިއެވެ.

"އެންގްރީ ވިތް މީ؟" ސަލްވާ ކަންބޮޑުވިއެވެ. މާފަށް އެދެން ހާސްފަހަރު ހިތަށް އަރާފައިވެސް ނުކެރުނެވެ.

"ނޮޓް އެޓް އޯލް........ އަހަންނަށް އެނގޭ ސަލްވާގެ ހިތުގައިވެސް އަހަންނާއިމެދު ކޮންމެވެސް ކަހަލަ ފީލިންގްސްއެއް ވާނެކަން. ޑީޕްޑައުން އަހަންނަށް ފީލްވޭ ސަލްވާ ރެޑީނޫންކަން. ސޯ އިޓްސް ޓޯޓަލީ ފައިން ވިތް މީ. ސަލްވާ މިރޭ ކަންތައް ތިކުރީ އެންމެ ރަގަޅަށް. އެހެންނޫންނަމަ އައި ވުޑް ހޭވް ޑަން ސަމްތިން އައި ރިގްރެޓް. " ހައިކަލް ކޮންމެވެސް ވަރަކަށް މާޔޫސްވިނަމަވެސް އޭނަ ހަގީގަތް ގަބޫލުކުރިއެވެ. އެއުމުރުގެ އަންހެންކުއްޖަކަށްވެފައި ސަލްވާއަދިވެސް އޭނައަށް ބީރައްޓެއްސެވެ. ސިއްރުވެރިއެވެ. އޭނަ ކަންތައް ސިއްރުކުރާވަރު އެނގެނީ އަލަމާރީގެ ތަޅުދަނޑި ފޮރުވައިގެން ގެންގުޅޭވަރުންނެވެ. ސިއްރު އެއްޗެއް ނުވާނަމަ އެހާވަރުން ނޫޅޭނެއެވެ. އޭނަގެ ބައްޕަ ހަވާލުކުރި އަމާނާތަކަށްވާއިރު އޭނަވެސް އެކަން ވިސްނަންވާނެއެވެ. ލޯތްބަކީ އެކަނި ޖިސްމުގެ އާލާކަން ކެނޑުވުމެއްވެސް ނޫނެވެ. ކެތްތެރިވާންޖެހޭނެއެވެ. ކެތްތެރިވުމުގެ މޭވާ ފޮނިވާނެއޭ ބުނެއުޅޭ ނޫންހެއްޔެވެ؟ ސަލްވާއާއި އޭނަ ގުޅެން ހުރިއްޔާ ގުޅޭނެއެވެ. މިހާރުވެސް އެދެމީހުންގެ ދޭތެރޭގައިވަނީ ކިތަންމެ ކަމެއް ހިގާފައެވެ. އެންމެ ކަމަކަށް ސަލްވާ ނޫނެކޭ ބުންޏޭ ކިޔާފައި އަދި ހައިކަލް ކޮންމެހެން ސަލްވާދެކެ ހިތްހަމަނުޖެހިފައި ހުންނާކަށް ނުޖެހޭނެއެވެ. އޭނައަށްވެސް ސަލްވާގެ އިހުސާސްތައް އެނގެއެވެ. ކިތަންމެ ދުވަހެއްވިޔަސް އޭނަ ކެތްކުރާނެއެވެ. ދެ ފިކުރެއްގައި ހުރެގެން ހައިކަލްއާއި ސަލްވާއެކު އެކީގައިހެން ހިގަމުން ދިޔައިރު ގަހެއްގެ ފަތެއް ހެލިލިޔަސް ސަލްވާ ޖެހިލަނީ ހައިކަލްއާއި ގާތަށެވެ. ހައިކަލްއަށް ސަލްވާ ބިރުން އުޅޭކަންވިސްނި ކޮނޑުގައި އަތް ވަށައިލިއެވެ.

"ބިރުންތަ؟ މިހާ ދީނީ އަންހެންކުއްޖަކު ހެއްދެވިފަރާތް ނޫން ފަރާތެއްދެކެ ބިރު ގަންނާނެކަމަށް ހީވެސްނުކުރަން. ސަލްވާ ބިރުކަނޑުވާލަން އެބަޖެހޭ. ކިހިނެއްތަ އަހަރެން ހަދަންވީ........." ހައިކަލް ސަމާސާކޮށްލީވެސް ލިބުނު މާޔޫސީކަން ފޮރުވާށެވެ. ހަގީގަތުގައި މިރޭ އޭނަ އުއްމީދުކުރިގޮތަކަށް ނުވުމުން އޭގެ އަސަރު ހިތަށް ކުރީ މާވަރަކަށެވެ. މިހާ އިޝްގީ ރެއެއް ބޭކާރުކޮށްލެވުމަކީ ހީކުރެވުނުކަމެއްނޫނެވެ. ސަލްވާއާއިމެދު ހިތުގައި ޝަކުވާ އުފެދިޔަނުދޭން ކިތަންމެ މަސައްކަތްކުރިޔަސް މިރޭގެ އުފާތަކަށް ހުރަސްއެޅީވެސް ސަލްވާއެވެ. އޭނަގެވެސް ކުށެވެ. ސަލްވާގެ ސިކުނޑިއާއި ކުޅެލަން ނޫޅެ މާ އަވަހަށް ހަތިޔާރު ބެހެއްޓީއެވެ.

ހައިކަލް ސަލްވާ ގޮވައިގެން އެމީހުން ނިދަން ޚާއްސަކުރެވިފައިވާ ބަޔަށް ދިޔައެވެ. ރޭގަނޑު އެތަން ޒީނަތްތެރިކަމުން ހައިރާންކުރުވާހާ ވެއެވެ. ކޮންމެ ތަނެއްވެސް ފެންނަލެއް ފުރިހަމަކަމުން ބަލާބަލާ ފޫއްސެއްނުވާނެއެވެ. އެނދު އެހާ ތަނަވަސްވެފައި އެތައް ކުޝަންތަކާއި މަޑުރަޖާގަނޑާއިއެކު ހުދު ސަދުވާއެއް ވައްޓާލެވޭގޮތަށްވެއެވެ. އަރާމާއި ފޮނި ނިންޖަށް އެ ބޮޑު އެނދު ދައުވަތުދޭފަދައެވެ. ބޮޑެތި ރަތް އުއްބައްތިތަކުގެ އަލި އެހާ އިޝްގީއެވެ. އެތަނުގެ ވައަތްފަރާތުގައި ހުރި ބައިގާ ހުރި ޖެކޫޒީ ހުރީ ދިމާލަށް ފެންނާށެވެ. ފަރުދާ ކަހާލާއިރަށް ކުރިމަތީގައި އޮތީ ޕޫލާއި އެކު ފެހިކުލައިގެ ހިތްފަސޭހަމޫދެވެ. އެދިމާލުގައިވެސް އަރާމުކޮށްލަން ބޭނުންނަމަ ބީޗްޗެއަރތަކެވެ. ހަނީމޫން ޖޯޑަކަށް އެންމެ އެކަށީގެންވާފަދަ ހުވަފެނީ އަރާމާއި ރާހަތު ލިބިދޭ މަންޒިލެވެ. ޖިސްމުތަކުގައި އަލިފާން ހިފާލާފަދަ ތަނެކެވެ. ދުނިޔެމަތީގެ ސުވަރުގެއެވެ.

ސަލްވާ އެނދުގައި އޮށޯތްގޮތަށް ރަޖާގެ ދަށުގައި ފޮރުވިގަތެވެ. ހަމަޖެހިލުމާއިއެކު ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމަކާއިނުލައެވެ. އޭނަ ދެރަވީ ހައިކަލްއަށްޓަކައެވެ. ކުރެވުނުކަންތައްތަކާއި މެދުގައެވެ. ހައިކަލްގެ ރަގަޅުކަން ފެނިފައެވެ. ހައިކަލް އޭނަދެކެ ފޫހިވެދާނެތީއެވެ. އޭނަދެކެ އެހިތުގައި ޝަކުވާ އުފެދިދާނެތީއެވެ. އޭނަ ހާދަ ގޯހެވެ. އަމިއްލަ ނަފުސް ކުށްވެރިކުރުމުގެ އިތުރުން ހައިކަލް ހެއްދެވިފަރާތްދެކެ ބިރުގަންނަކުއްޖެކޭ ކިޔައިގެން އެދެއްކި ވާހަކަތަކާއިމެދު ވިސްނިވަރަކަށް އުދާސްކަން ބޮޑުވެ މާބޮޑަށް ރޮވެންފެށިއެވެ. ރަޖާއިން އަނގަމަތީގައި އަޅާ ބާރުކޮށްލީވެސް އަޑު ބޭރުވިޔަނުދިނުމަށެވެ. ހައިކަލް ފާޚާނައަށްވަދެފައި ނުކުތްއިރު ސަލްވާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހި ހިތަށް އުދަގޫވިއެވެ. އޭނަ ހީކުރީ އަދި ނުބައިކޮށެވެ.

"ކިހިނެއްވީ ސަލްވާ؟ ކީއްވެ ތިރޮނީ....ޝްޝް ހުއްޓާލާ ހަމަ މިހާރު..." ހައިކަލް އެނދުގެ މަގަތުގައި އިށީދެފައި ރަޖާ ދުރުކޮށްލަން މަސައްކަތްކުރިއެވެ.

"ސަލްވާ؟ އަހަރެން ބުނީމެއްނު ސޮރީއޭ. ދެން ސަލްވާ އެވަރުން ރޯވަރު ބޮޑުކަމެއްވެސް ނުވެއެއްނު ދޯ. ބޭނުންނުވާކަމެއް އަހަންނަށް ކުރެވުނުކަމުގައި ވަނީނަމަ މާފަށް މިއެދެނީ. ދެން ތިގޮތަށް ރޮންޏާ މިދަތުރުވެސް ފަނިވެދާނެ. ސަލްވާ ބޭނުމީ ރަށަށް ދާންތަ؟ ވާހަކަދެއްކީމަ ދޯ އަހަންނަށްވެސް އެނގޭނީ. ނުބުނެ ރުޔަސް ނޭގޭނެ. ރަށަށް ދާން ބޭނުމިއްޔާ ހަމަ މިހާރުވެސް ގެންގޮސްދާނަން...." ހައިކަލް އެކިގޮތްގޮތަށް ވާހަކަދައްކައިގެން ސަލްވާ ރުއިން ހުއްޓާލައިފިއެވެ. ތެދުވެގެންގޮސް މޫނު ދޮވެލައިގެންވެސް އައެވެ. ހައިކަލް ބުނި ކޮންމެކަމެއް ކިޔަމަންތެރިކަމާއިއެކު އޭނަ ކުރިއެވެ. ހައިކަލް ފަހުން އުޅުނީ ވިސްނައިގެންނެވެ. ދުރުންނެވެ. ސަލްވާ ހާސްވާވަރުގެ ކަމެއް ނުކުރަން އަޒުމް ކަނޑައަޅައިގެން ހުރިފަދައެވެ. ދެމީހުން ނިދަން އޮށޯވެ ދެފަރާތަށް އެނބުރިގެން ތިއްބަސް ލޮލުގައި ނިދީގެ ކަންފުޅެއްވެސްނެތެވެ. ރަޖާދަށުގައި ދެފަރާތަށް ފުރޮޅި ފުރޮޅިތިއްބާ އެތައް ދަމެއްވޭތުވެގެން ހިނގައްޖެއެވެ.

އެ އާއިލާގެ މެމްބަރުން ރިޒޯޓުގައި ފަސް ދުވަސް ވޭތުކުރީ އެއްވެސް ފިކުރެއް ޚިޔާލެއްނެތި މަޖާކުރުމުގައެވެ. ސަލްވާވެސް ފަހުން ހުރީ ހަމަޔަކަށް އެޅިފައެވެ. ސަލްވާ ބައިސްކަލް ދުއްވަން ދަސްކުރިއެވެ. ޖެޓްސްކީ ބަނާނާ ރައިޑްފަދަ އާކަންތައްތައް ތަޖުރިބާކުރެވުނެވެ. އެވެސް އެންމެ ލޯބިވާ ފަރާތާއެކުގައެވެ. ހައިކަލްއާއި އެކުގައެވެ. އެއިން ކޮންމެ ފަހަރަކުވެސް އާޒީންއާއި އަޒަލް އުޅުނީ އެކީގައެވެ. ހައިކަލް ފްލައިބޯޑްކުރިއިރު ސަލްވާ ހުރީ ނޭވާހިފަހައްޓާލައިގެންނެވެ. ހައިކަލްއަށް ކަމެއްވެދާނެތީ ހިތް ހާސްވިއެވެ. ނަމަވެސް ފަހުން ވިސްނީ ޕޮޒިޓިވްކޮށެވެ. ހެއްދެވި ފަރާތާއި ވަކީލުކޮށްފައި އޭނަ ހުރީ ވީޑިއޯ ނަގާށެވެ.

ދުނިޔޭގެ ވަގުތީ އަރާމާއި އުފާ އޭގެ އެންމެ ފުރިހަމައަށް ލިބުނަސް ކޮންމެ ވަގުތަކުވެސް މި ގޮވަތްޗާއި ވަކިވެގެން ދާނެކަން ސަލްވާ ހަދާން ނައްތައެއްނުލައެވެ. އޭނަ ހުރިހާ ވަގުތެއްގައިވެސް ދީނީ އަޅުކަންތައް ފުރިހަމަކުރެއެވެ. އެހެންމީހުންނަށް ނަމޫނާއަކަށްވިއެވެ. އަޒަލްމެންފަދަ ހުޅަގުގެ އުސޫލަށް ލޯބިކުރާ ކުދިންނަށްވެސް ސަލްވާގެ އުޅުންފެނި އެކަމަށް ހިތް ލެބުނެވެ.

މާލެއަށް އަންނަން ލޯންޗަށް އަރާފައިވެސް ސަލްވާ އެކުދިންނަށް ދަތުރު ދުޢާކުރަން ހަނދާންކޮށްދިނެވެ. އެއާއިލާގެ ހަތަރު މެމްބަރުންގެ ދޭތެރޭގައިވާ ގުޅުންވަނީ ހީނުކުރާހާ ބޮޑަށް ގާތްވެފައެވެ. ހައިކަލްއާއި ސަލްވާވެސްމެއެވެ. އަދި ސަލްވާއާއި އަޒަލް އަދި އާޒީންވެސްމެއެވެ. އެންމެންވެސް ޓޭންވެފައިވާއިރު ރީތިކަމުން ހިތްތައް ހަސަދަވެރިވާހާވެއެވެ.

ލޯންޗުގައި ތިއްބާ ހައިކަލްއަށް ހޮސްޕިޓަލުން ކޯލެއްއައެވެ. އެކްސިޑެންޓްވެ ބޮލަށް އަނިޔާއެއް ލިބިގެން ގެނެވުނު ޒުވާނަކު ސީޓީ ސްކޭން ރިޕޯޓް ނިމިގެން ޑޮކްޓަރަކު ގުޅީއެވެ. ސަލްވާއާއި ދެކުދިން ކާރަށް އަރުވާފައި ހައިކަލް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

ރޯޒްމެހެލްގެ ކާރު ޕާކްކުރާތަނަށް ކާރު ރަގަޅަށް މަޑުކޮށްނުލެވެނީސް ހަލަނި އަޒަލް ކާރުގެ ދޮރު ހުޅުވާލައިފިއެވެ. ބެކްޕެކް ބުރަކަށީގައި އެޅުވިއެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން ކުދިން ގެއަށް ވަންނާން އައެވެ. ސަޕްރައިޒް ލިބި ހުއްޓުން އެރީ ސަލްވާއަށެވެ. ހާސްވެގެންގޮސް މުޅި ކުއްޖާ ފިނިވިއެވެ. ސިޓިންރޫމްގެ ސޯފާއެއްގައި އެއްއަރިއަކަށް އޮށޯވެލައިގެން ވިޝާމް އޮތްއިރު އޭނަގެ އަތްއޮތީ ބިންމަތީގައެވެ. އެއަތުގައި ޓީވީ ރިމޯޓްވެސް އޮތެވެ. އޭނަ އޮތްގޮތުން ޓީވީބަލަން އޮތްވާ ނިދުނީކަން ހާމަކޮށްދިނެވެ. ނޫޖިންސަކާއި ރަތާއި ކަޅުގެ ގަމީހެއްލައިގެން އޮތްއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ނިދީގައިވެސް ރީތިކަމުން ފުރިފައިވާ މޫނެކެވެ. ސަލްވާ ކިތަންމެ އަވަހަށް ދުރުބަލައިލިކަމުގައި ވިޔަސް އަޒަލް ބުނި އެއްޗަކުން އޭނަގެ ފިޔަވަޅުތައް ހުއްޓުވިއެވެ.

"ލަނޑެއްދޭންވާނެ ދޯ. ސަލްވާ މިތާ މަޑުކޮށްލައްޗޭ. އައިލް ބީ ބެކް....." އަޒަލް ދުމެއްޖެހިހެން ގޮސްފައި ދެތިން މިނިޓްނުވަނީސް އެނބުރިއައީ އައިސްކިއުބްތަކެއް ހިފައިގެންނެވެ. ވިޝާމްގެ ގަމީހުގެ ތެރެއަށް އެއްބައި އަޅާލާފައި ކަންފަތްމަތީގައިވެސް އައިސްކިއުބެއް ބޭއްވިއެވެ. ފިނިވެ އަނދަންފެށުމުން ކުއްލިއަކަށް އުދަގުލެއްވެގެން ކަހަލަ ގޮތަކަށް އަނގަ ހަދާލާފައި ކަންފަތް ފޮޅާލާފައި ވިޝާމް ތެދުވިއެވެ. އޭނަގެ ނަޒަރު އެންމެ ކުރިން ހުއްޓުނީ ސަލްވާއަށެވެ. ކަޅުހެދުމާއިއެކު ރަތްކުލައިގެ ޝޯލެއްއަޅާފައި ހުރިއިރު ދޮންމޫނަށް އަރާފައިވާ ރަންކުލައިގެ އިތުރުން ގުދުރަތީ ލިޕްސްޓިކްގެ ސަބަބުން އެކުއްޖާ ފެނުނީ ހޫރެއްފަދައިންނެވެ. ވިޝާމްގެ ހިތް އަވަސްވެގަތީ ވަކިގޮތަކަށްނޫނެވެ. ކޮންމެވެސް ދުވަހަކުން ސަލްވާ އެހިތް ހުއްޓުވާނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ.

"އާޒްގެ ކަންތަކޭ. އައި ޑިޑިންޓް ޑޫ އެނީ ތިންގް..ސޮ.....ސޮރީ......" އަޒަލް ހީލާފައި ކިޔައިލި އެއްޗަކުން އާޒީންއާއި ސަލްވާއަށް ލިބުނު ހައިރާންކަމާއިއެކު އެކަކު އަނެކަކަށް ބަލައިލެވުނެވެ. އާޒީން ލަދުވެސް ގަތެވެ. އަޒަލް މޮޔަވީހެއްޔެވެ؟ ތިމާގެ ފިރިމީހާގެ ގަޔަށް އާޒީން އަތްލުމަކީ އެއީ ހާދަ ލަދުވެތިކަމެކެވެ. ސަމާސާއަކަށްވެސް އެހެން ބުނެގެން ނުވާނެއެވެ. މާއިޒް ނަމަވެސް އެހެން ބުނަން އެންމެ ރަގަޅެވެ. ހަގީގަތުގައި އަޒަލްއަށް އެއީ ކާކުކަން ވަކިކުރަން ނޭގުނީއެވެ. އޭނަ އަބަދުވެސް ޖެއްސުންކޮށް ލަނޑުދޭމީހަކީ މާއިޒްއެވެ. އެހެންވެ މިފަހަރުވެސް އާދައިގެ މަތިން މާއިޒްއަށް ލަނޑެއްދޭން އުޅުމުން ރީއްޗަށްވެސް ގޯހެއް ހެދިއްޖެއެވެ. ބޭޒާރުނުވެ ސަލާމަތްވީ އޭނަގެ ނަސީބި ރަގަޅުކަމުންނެވެ. ވިޝާމްއާއި އެކަހަލަ ސަމާސާއެއްކޮށް ލެވުމުން އަޒަލް ހުރީވެސް ކަންބޮޑުވެފައެވެ.

"ޒެލްވެސް ދެން ހާދަހާއޭ. އައިސްކިއުބުން ހަމަލާދިނީ؟ އަހަންނަށްވެސް ކުރެވިދާނެ ކަންތައް އެބަހުރި......" ވިޝާމްގެ އަޑު އިވިފައި އަޒަލްއަށްވެސް ސިހުމެއް ލިބުނެވެ. އޭނައަށް ވިޝާމްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ފާޑަކަށް ރަކިވެފައެވެ. އާއްމުކޮށް އެންމެން އޮޅުވާލަން އެފަދަ ކޮންމެ ވަގުތަކު އުޅޭ ކުއްޖާއަށްވެސް ޝޮކެއްލިބި އަނގަ ހަދައިގެން ހުރިތަން ފެނިފައި ސަލްވާއާއި އާޒީންއަށްވެސް ތިބެވުނީ ވާނުވާ ނޭގިފައެވެ. އެހާ މަޖާވެފައި ހުރި އަޒަލްއަށް އެގޮތަށް ބަދަލެއްއައީ ކީއްވެކަމެއް ނޭގިފައެވެ. އިރުކޮޅެއްގެ ހިމޭންކަމެއް ވެރިވެގެން ދިޔުމާއިއެކު ހީގަތީ އާޒީންއެވެ.

"ޒެލް ޔޫ އާ ޝޭމްލެސް. އަހަރެން ޒެލްގެ ހަޒްބެންޑްއާއި އެކަހަލަ ސަމާސާ ކުރާނެތަ؟ ޔޫ އާ ކްރޭޒީ.......އައި ރިއަލީ ޑޯންޓް ލައިކް ޔޫ ރައިޓް ނައު...އައިމް ވެއިޓިން ފޯ ޔޫ ޓު އެޕޮލޮޖައިޒް........." އަޒަލް ބުނި އެއްޗެއް އާޒީން ބުނީ ކޮންމެހެން ކޮޕީކުރާކަށް ނޫނެވެ. ދެކުދިން އެގޮތަށް އާއްމުކޮށް އެއް ޖުމްލަތައް ކިޔުމަކީ އާކަމެއްވެސް ނޫނެވެ.

"ހެހެ.......އައި ސްވިއަރ ހަމަ އެއްގޮތަކަށްވެސް ވިޝާމް މިގޭގައި އުޅޭނެކަމަކަށް ހަދާނެއްނުވި. ހޫނުކަމުންނާއި އަވި އައިނު އަޅައިގެން ހުރީމަ ހަމަ މާޒްކަމަށް ހީވީ. އެހާވަރަށް މޫނަށް ނުބަލަން. ދޮންބެކަމަށް ހީކޮށް ގަނޑުފެން އެޅުނީ އޯކޭ އޯކޭ.....އާޒް. އައިމް ސޮރީ..." އަޒަލް އަވިއައިނު ނަގާފައި ބެލިއެވެ. ނަމަވެސް އޭނައަށް ވިޝާމްގެ މޫނު ނޭގުނެވެ. ވަކިކުރާކަށް ނޭގުނެވެ. ކިތަންމެ ރީއްޗަށް މީހާގެ ސިފަ އެނގުނަސް ވަކިކުރަން ނޭގުމަކީ ހާދަ ދެރަކަމެކެވެ. ހިތަށް އުދަގޫތަކެއްވިއެވެ. އޭނައަށް މި ފޭސްބްލައިންޑްނެސް އާއި ހަގުރާމަކުރާނީ ކިހިނެއްހެއްޔެވެ؟ އަންނާނީ މިފަދަ އެއް ދުވަހެއް ދެ ދުވަހެއްނޫނެވެ. އޭނަގެ ބަލީގެ ސިއްރު ދެނެހުރި މީހަކީ ވިޝާމްއެވެ. ބައްޕައަށް އެނގިއްޖެއްޔާ ހާދަ ދެރަވާނެއެވެ. ވަގުތުން ސީޓީ ސްކޭން އެއްޗެހި ހަދަން އުޅޭނެއެވެ. ބައްޔެއް ވެއްޖެއްޔާ އޭގެ ފަރުވާއެއް އޮންނާނެކަން އަޒަލްވެސް ދަނެއެވެ. ޑޮކްޓަރުންގެ ފަރުވާގެ ތެރޭގައި އިންޖެކްޝަން ހިމެނޭތީ އޭނަ ހާދަ ބިރުގަނެއެވެ.

އެތަނަށް ވެރިވެގެން ދިޔަ އުދަގޫކުރުވަނިވި ހިމޭންކަން އިރުކޮޅަކަށް ދެމިގެން ދިޔައެވެ. ވިޝާމްގެ ރީތިކަމާއި އެސްފިޔަތަކުގެ ދިގުކަން އާޒީންގެ ލޮލުގައި އަޅައިގަތްކަމަކަށްވިއެވެ. ނަމަވެސް މާއިޒްގެ ފުރިހަމަކަމާއި އަޅާބަލާއިރު ވިޝާމް އުޅެނީ ފަހަތުގައިކަމަށް އޭނަ ނިންމިއެވެ.

އާޒީން އަޒަލްގެ ކޯތާފަތުގައި ބޮސްދީފައި އަވަހަށް ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ސަލްވާވެސް އަވަހަށް އެތަނުން ދާން ކުރިއަށް ފިޔަވަޅު އެޅިޔަސް ރޯޒްމެހެލް ދެން ކުރިއެކޭ އެއްގޮތް ނުވާނެކަން ޔަގީންވެ ބިރުގަންނަގޮތްވިއެވެ. ވިޝާމްގެ ލޯތްބާއި އޭނަގެ މެސެޖުތައް ނުދެނެހުރިކަމަށް ހަދާފައި އެއްފަރާތް ކޮށެއްވެސް ނުލެވޭނެއެވެ. ވިޝާމް އަޒަލް އާއި ކައިވެނިކުރީވެސް ލޯތްބަކުންނޫނެވެ. ދެންމެ އެދެމީހުންގެ ލޮލުގައި ވި ޝުޢޫރުތަކުންވެސް އެކަން ހާމަކޮށްދީފިއެވެ. ވިޝާމް ފެނުމުން އަޒަލް އުފަލެއްނުވިތާގައި ހުރީ ފާޑެއްވެފައެވެ. ވިޝާމް މިގެއަށް އައީ އެންމެ މަގުސަދެއްގައެވެ. ވިޝާމް އަޒަލް "ޔޫޒް" ކުރީއެވެ. ނާޖާއިޒް ފައިދާއެއްނެގީއެވެ. އެކުއްޖާއަށް ދެވޭ ކޮންފަދަ ބޮޑު އަނިޔާއެއްހެއްޔެވެ؟ އަޒަލްގެ ކުށެއްއޮތީއެއް ނޫނެވެ. އެކަން އެނގިއްޖެއްޔާ ދެންވާނެ ގޮތެއް ހިތަށް އަރުވާފައިވެސް އޭނަގެ ގައިން ހީބިހިނެގިއެވެ. ވިޝާމް ޑޮކްޓަރެއްގެ ގޮތުގައިހުރިއިރު އޭނަގެ ތަބީއަތުގައި ހުންނަންވާނީވެސް މީހުންނަށް އެހީވުމުގެ މާތް ސިފައެވެ. މިހާ ދަށް ފެންވަރަކަށް އޭނަ ވެއްޓިގަތްކަމަށްޓަކާ ސަލްވާ ހިތާމަކުރިއެވެ. ސަލްވާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ލޯންޗު ދުއްވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަނބުރާގޮތްވެފައި ހުއްޓަސް ސަލްވާ އެންމެ ފުރަތަމަވެސް އުޅެގަތީ ނަމާދުކުރާށެވެ. ތަނެއްގައި ބުރަކަށި ޖައްސާލައިފިއްޔާ ކަންނެތްވެދާނެއެވެ.

އިޝާނަމާދުކުރިގޮތަށް ސަލްވާ ކައުޗްގައި ޖައްސާލިތަނާހެން ނިދިގަދަވެ ދެލޯ ހުޅުވައިނުލެވޭވަރު ވިނަމަވެސް ހައިކަލް އަންނަންދެން ހޭލާ އިންނަން އަޒުމް ކަނޑައެޅިއެވެ. ހައިކަލްއަށް ގުޅުމުން ބުނީ މިރޭ ނުކާނެކަމުގަޔާއި ސަލްވާ ކައިގެން ނިދުމަށެވެ. އޭނަ މިރޭ އިމަޖެންސީ ދިމާވެގެން ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި ބުނުމުން ސަލްވާވެސް އަރާމުކުރަން ކައުޗްގައި އޮށޯތެވެ. ފޯނުން ޔޫޓިއުބަށް ވަނެވެ. މޫތަސިމް އަލްހަމީދީގެ ފުރުގާން ސޫރަތް އަޑުއަހާ އަހާ ފޫއްސެއްނުވާނެއެވެ. ކޮންފަދަ ރީތި ރާގެއްހެއްޔެވެ؟ އަޑުވެސް އެހާ ހިތްގައިމުވެފައި އަހާލަން ފަސޭހައެވެ. އެއީ ސަލްވާ އެންމެ ރުހޭ ގާރީންގެ ތެރެއިން އެކެކެވެ. ކިޔަވަން ފެށުމާއިއެކު ފެށުމާއިއެކު ހިތަށް މަޑުމޮޅިކަން ވަނެވެ. ފިނިކަމެއް ލިބުނެވެ. ކޮންމެފަދަ އަސަރުގަދަ އާޔަތެއްހެއްޔެވެ؟ ހެއްދެވިފަރާތުގެ އެއްކައުވަންތަކަމަށް ހެކިނުވާ މީހުންނަށް އެ އާޔަތުން އަސަރުނުކުރާންވީ ކީއްވެހެއްޔޭ ސަލްވާގެ ހިތަށް އެރިއެވެ.

ހައިކަލް ހޮސްޕިޓަލްގެ ސްޓާފްރޫމްގައި ކޮފީއެއް ބޯލަން ޖައްސައިލިއިރު މޫނުމަތިން ފެނުނީ ހަމަޖެހިފައިކަމުގެ ކުލަވަރެވެ. ނަމަވެސް ކުއްލިއަކަށް ފެނުނު ސޫރައަކުން އެމޫނަށް ސީރިޔަސްކަންވެރިވެ އެތަނުން ތެދުވެގެން ދާންވެސް ހިތަށްއެރިއެވެ. ރައުދާ މިތަނުން ޖޮބެއް ހޯދީ އޭނަގެ ދިރިއުޅުމަށް ދަތިކުރަންވެގެންނެވެ. ވަގުތު ފާއިތުވީފަހުން އޭނަގެ ފަހަތުގައި އަޅުވައިގެން އުދަގޫކޮށްގެން ފައިދާއެއް ނެތްކަން ރައުދާއަށް ނޭގެންޏާ ހާދަ ދެރައެވެ.

"ހައި ޑޮކްޓަރ ހައިކަލް މޭ އައި ޖޮއިން ޔޫ؟ " ރައުދާގެ ނަޒަރުގައި ހުރީ ސަމާސާގޮތެކެވެ.

"ސޮރީ. އަހަރެން ދާން އުޅެނިކޮށް ތިއާދެވުނީ......" ހައިކަލް ވިސްނާލާފައި ޖަވާބުދިނެވެ. ހަގީގަތުގައި ރައުދާއާއި އެއް ކޮޓަރިއެއްގައި ބަންދުވެގެން އެންމެ ސިކުންތުކޮޅަކަށް އިންނާކަށްވެސް އޭނަގެ ހިތެއްނުރުހެއެވެ.

"ހައިކަލް. މިދައްކާ ވަހަކަ އަޑުއަހާފައި ގޮސްދާނަންތަ؟ " ރައުދާ ހައިކަލްގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުއްޓުނެވެ. ހައިކަލް ސޯފާގައި އިށީދެލައިގެން އިންއިރު ފައިތިލައިގާ ރައުދާގެ ފައި ޖެހޭހިސާބު ކައިރީގައެވެ. ހައިކަލް ކުއްލިއަކަށް ކޮޅަށް ތެދުވެފައި ބަލައިލިއިރު ކޮންމެހެން ހަރުކަށިކަމެއްވެސް އެނަޒަރަކު ނުވެއެވެ. އެދެލޮލުގައިވާ ޝުއޫރު ތަރުޖަމާކުރަން ޚުދު ރައުދާއަކަށްވެސް ފަސޭހައެއްނޫނެވެ. ނަމަވެސް އެދެލޮލުގެ އެހެރަ ތޫނުކަމަށްޓަކާ ރައުދާގެ ހިތްވެސް ތެޅިގަތެވެ. އަންހެންކުދިންގެ ހިތްތަކުގައި ކޫރުން އަޅުވާފަދަ ގޮތެއް ހައިކަލްގެ ލޮލުގައިވެއެވެ. ހައިކަލް ފެންނައިރަށް އޭނަގެ ހިތްވެސް އަވަސްވެ ދެފައިވާ ވަރު ހުސްވާގޮތްވެއެވެ. މިރީތި ފިރިހެނާ މިލްކުކުރަން އޭނައަށް ލިބުނު ފުރުސަތުދޫކޮށްލެވުނު ކަމަށްޓަކާ ރައުދާ ހިތާމަކުރިއެވެ. އޭރު އޭނައަށް އެވަރު ވިސްނައިނުލެވުނީއެވެ.

"މިއީ ޕާސަނަލް ވާހަކަދައްކަން އޮތް ތަނެއްނޫން. އެކަމަކު ޕޭޝަންޓަކާއި ބެހޭގޮތުން ދައްކަން އޮތިއްޔާ މިހިރީ އަޑުއަހަން............." ހައިކަލްގެ ވާހަކަ ހުރިގޮތުން ރައުދާ ލަދުގަންނަގޮތްވިއެވެ. ހައިކަލްގެ ޝަޚުސިއްޔަތުގެ ސަބަބުން ރައުދާއަށް ކުރާ އަސަރުތަކުން ހިތަށް އައިހާ އެއްޗެއް ކިޔާކަށްވެސް ނުކެރެއެވެ. ހައިކަލް ފެންނައިރަށް ދައްކަން ހުންނަ ވާހަކަތައް ހަދާންނެތިވެ މީހާ ކުޑަވާގޮތްވެއެވެ.

"ޕޭޝަންޓެއްގެ ވާހަކައެއްނޫން. އިޓްސް އެބައުޓް އަސް..." ރައުދާ އެއްޗެކޭ ބުނަން އުޅުނެވެ.

"ބުނަން ވާހަކައެއް. ރައުދާ އަހަރެން ފެންނަ ކޮންމެތާކުން ތިގޮތަށް ތަކުރާރުކޮށް އެއް ވާހަކައެއް ދެއްކިޔަސް މިހިތް ބަދަލެއްނުވާނެ. އަހަރެމެން ދެމީހުންނޭ ކިޔައިގެން ދައްކާކަށް ވާހަކައެއް ނެތް. އެ ޗެޕްޓަރ ކްލޯޒްޑްއޭ ބުނާނީ ކިތައް ފަހަރުކަމެއްވެސް ނޭގޭ......." ހައިކަލް ރައުދާގެ މޫނަށް ބަލާވެސް ނުލާ އެހެން ދިމާލަކަށް ބަލަން ހުރިތަން ފެނިފައި ރައުދާއަށް އަސަރުކުރިއެވެ. އެހެން ފިރިހެނުން އޭނައަށްޓަކާ މޮޔަވެގެން ފަސްފަހަތުން އުޅޭއިރު އޭނަގެ ރީތިމޫނަށް ބަލައިގެން ހިތް ނުފުރޭއިރު ހައިކަލް ހާދަ ތަފާތެވެ. އޭނަގެ ރީތިކަމުންވެސް މި ހިލަ ހިތަށް އަސަރެއްނުކުރެއެވެ. ނޫނީ ބަލަން ބިރުގަންނަނީ އަސަރުކޮށްފާނެތީއެވެ.

"އަހަރެން ލައްވާ އާދޭސްކުރުވަންތަ ތިއުޅެނީ؟ އެހާ ހިތް ހަރުމީހަކަށް ވީ ކޮންދުވަހަކުތަ؟ އެހެން ބަލިމީހުންނަށް ޝިފާދޭއިރު އެންމެ މީހެއްގެ ހިތް ހަލާކުކުރެވުމުން ތި ހިތަށް ހަމަޖެހުމެއް ލިބެނީތަ؟ " ރައުދާ މާޔޫސްވާގޮތްވިއެވެ.

"ޔޫ އާ ރޯންގް. އާދޭސްކުރުވާކަށް ނެތިން. މިހާރު އަހަރެމެން ދޭތެރޭގައި އެއްވެސް ގުޅުމެއްނެތްކަން ހަދާންކޮށްގެން ހުރެ ވާހަކަދައްކާ. އަހަރެން ސިންގަލްކޮށް ހުންނަތާ ކިތައް އަހަރުވެގެން ދިޔައީ. ލޯބިނުވިޔަސް ބައިވެރިޔަކަށް ބޭނުންވި ދުވަސްވެސް އައި. ދުވަހަކުވެސް ހާލުބަލައިލަންވެސް ގުޅިމީހެއްނޫން. އާ ދިރިއުޅުމެއް ފެށީމަ ދެން ތިގޮތަށް ފެންނަހާތަނަކުން އަޅައިގެން ނޫޅުނިއްޔާ ރަގަޅީ...." ހައިކަލް ނުރުހިފައިވާ ގޮތަކަށް ބުނެލިއެވެ.

"ދަރިންނަށްވުރެ ޅަ އަންހެންކުއްޖަކާއި އިނީމަ މީހުން މަލާމާތްކުރާނެ. އެއްޗެހި ކިޔާނެ...." ރައުދާ ބުނެލިއެވެ. ނަމަވެސް ސަލްވާ ކިތަންމެ ޅަނަމަވެސް ހައިކަލްފަދަ ހުރިހަ ފުރިހަމަ ސިފަތަކެއް ލިބިފައިހުރި މީހަކާއި އިނުމުން މީހުން ދައްކާނެ ވާހަކައެއް ނޯންނާނެކަން ޚުދު ރައުދާއަށްވެސް އެނގެއެވެ. އެކަހަލަ ކިތަންމެ ސަލްވާއެއް ހައިކަލްއަށް ލިބިދާނެއެވެ. ހައިކަލްއަށްޓަކާ ކިތަންމެ ރީތި އަންހެންކުއްޖަކުވެސް ގުރުބާންވެދާނެއެވެ. ހުރިހާ ރީތި ސިފަތަކެއް މިލްކުކޮށްލައިގެންހުރި ވަރުގަދަ ޝަޚުސިއްޔަތެއްގެ ވެރިއެކެވެ.

"ލެޓް ދެމް ޓޯކް. އައި ޑޯންޓް ގިވް އެ ޑޭމް. އައި ޑޯންޓް ކެއަރ މީހުން ދައްކާ ވާހަކަތަކާއިމެދު. އެހެންމީހުން ވިސްނަފާނެ ގޮތަކާއިމެދު ކިޔާފާނެ އެއްޗަކަށް ބަލަބަލާ ތިބެގެން އުފާވެރިކަމެއް ނުހޯދޭނެ. އަހަންނަށް އެނގޭނީ އަހަރެން އިންނާނެ އަންހެކުއްޖަކު. އެއީ އެހެންމީހުން ވިސްނަންޖެހޭނެކަމެއްހެން ހިޔެއްނުވޭ. އަހަރެންގެ ޒާތީކަންތައްތަކައި ވާހަކަދެއްކުމުގެ ހައްގެއް އެހެންމީހަކަށް ނެތް. އަހަރެން ނެތިން ދެން އިތުރު މީހަކު ދިރިއުޅުމަށް ގެންނާކަށް........." ހައިކަލް މިހުރިހާ ދުވަހު ވާހަކަ ނުދައްކަން ހުއްޓަސް ވާހަކަދެއްކީ ރައުދާއަށް އުއްމީދެއް ނުދޭންވެގެންނެވެ. ރައުދާ އޭނަގެ ހަޔާތަށް އަލުން އަންނަން ފައި ވިއްދާފައި ހުރިކަން ވިސްނި ވަގުތުން އެކަން ހުއްޓުވަން ބޭނުންވިއެވެ. ސަލްވާ އޭނަގެ ހަޔާތުން ދުރަށް ދިޔަކަމުގައި ވިޔަސް ދެން އިތުރު އަންހެނަކަށް އޭނަގެ ދިރިއުޅުމުން ޖާގައެއްނެތެވެ.

"ހައިކަލް. ކުދިން ބޭނުންވިޔަސް ތި ނިންމުން ބަދަލުނުކުރާނީތަ........."

" އޭރު އަހަންނަށްވެސް ކުދިންގެ މަންމަ ބޭނުންވި. އަޒަލްވެސް މަންމައަށް ބޭނުންވެގެން ރުއި ޒަމާނެއްވެސްއައި. ފޯ ގޯޑްސް ސޭކް ދޭ އާ އެއިޓީން ނައު. މަންމައާއި ދައްކަންޖެހޭ ވާހަކައެއް އޮތިއްޔާ ކަމެއް އޮތިއްޔާ އެކުދިންގެ މަންމައާއި ބައްދަލުވުމުގެ މިނިވަންކަންދީފައި އެއޮތީ. އެކަމަކު ކުދިންނަށްޓަކާ ކުދިންގެ ޕޭރެންޓުން ގުޅޭކަށް ނުޖެހޭނެ. ޔަގީނުންވެސް މިހަށިގަނޑުގައި ފުރާނަ ހުރިހާ ހިދަކު ރައުދާއަކާއި ނީންނާނަން......." ހައިކަލްގެ އެންމެ ފަހު ޖުމްލަ ރައުދާގެ ހިތް ރޫރޫއަޅުވާލައިފިއެވެ. ހައިކަލްގެ ކުރިމަތީގައި ރޮވިދާނެތީ އޭނަ ކުއްލިއަކަށް ފުރަގަސްދިނެވެ.

"ހައިކަލްގެ މަންމަ ގުޅާފައި އެދުނު އަޅުގަނޑު ހައިކަލްއާއި ގުޅެން. ބެގްކުރި........" ރައުދާ އެހެން ބުނެލާފައި ބާރުބާރަށް ހިގާލާފައި ދިޔައީ އެންމެފަހުގެ ތީރު ހައިކަލްގެ ހިތަށް ހަރާލާފައެވެ. ހައިކަލް ސޯފާގެ އަތްގަނޑުގައި ލެނގިލިގޮތަށް ދެލޯ މަރާލައިފިއެވެ. މަންމަ ރައުދާއަށް ގުޅައިގެން އެވަރުގެ ވާހަކައެއް ބުނުމަކީ އޭނައަށް ގަބޫލުކުރެވޭ ޒާތުގެ ކަމެއްނޫނެވެ. އާދޭސްކޮށްގެންވެސް އަދި ރައުދާ އޭނައާއި ގުޅުވަންވެސް މަންމަ ބޭނުންވަނީހެއްޔެވެ؟ މަންމައަށް ރައުދާގެ ފަރާތުން ފެނިގެން އުޅެނީ ކޮންކަމެއްކަމެއްވެސް ނޭގެއެވެ. ރައުދާއާއި ގުޅެން ބޭނުންނުވާކަމުގައި އޭނަ ސާފުބަހުން މަންމަމެން ކައިރީ ބުނާނީއެވެ. ނަމަވެސް އޭރުން މަންމަ ރުޅިގަދަވެގެންގޮސް ހަދާނެގޮތެއް އެނގެނީއެއްނޫނެވެ. ރޯޒްލީންގެ ހަދާންވެފައި ހައިކަލްގެ ހިތަށް ނުބައި އަސަރުތަކެއްކޮށް ފެންކަޅިވާގޮތްވިއެވެ. މަންމަ އެންމެ ލޯބިވި އެއްދަރިއަކީ އެއީއެވެ. ނަމަވެސް ރޯޒްލީންއާއިމެދު މަންމަމެން ކަންތައްކުރީ ހާދަ ނިކަމެތިކޮށެވެ. އިއްޒަތާއި ގަދަރަށްޓަކާ ދަރިން ގުރުބާންކުރަންވެސް މަންމަ ފަހެއްނުޖެހޭނެއެވެ.

ދިރިއުޅުން އުފާވެރިވާނީ އެކަކު އަނެކަކުގެ އިހުސާސްތއް ދެނެގެން ދޫދީގެންނެވެ. ނުފޫޒު ފޯރުވަންވެއްޖެއްޔާ އެގެއެއްގެ އުފާވެރިކަން އެއްކޮށް ނެތިގެން ހިގައިދާނެއެވެ. އަޒަލްއާއި އާޒީން ކިތަންމެ ޅަނަމަވެސް އެކުދިންވެސް ބައްޕައާއި ދޮންމަންމަގެ އުފާވެރިކަމަށް ހުރަސްއަޅާކަށް ނެތެވެ. އެންމެން ގުޅިގެން ނޫނީ އުފާވެރިކަން ނުހޯދޭނެތީއެވެ. އެކުދިން އެގޮތަށް ދެކުނަސް ވަށައިގެންވަނީ ދުޝްމަނުން ގަތަމުންދާ ދާ ތަކެވެ.

ވިޝާމް ބެލްކަނީގައި ބަލަންހުއްޓާ ހައިކަލްއާއި ސަލްވާ އެކީގައި ކާރުންފޭބިތަން ފެނުނެވެ. ދެމީހުން ބާޒާރުކޮށްލައިގެންހެން ހީވިއެވެ. ސަލްވާގެ އަތުގައި ހުރި ކޮތަޅުތައް ހައިކަލް އަތުލިއެވެ. ހައިކަލް ހިނިތުންވެލާފައި ލޯބިން ބަލައިލަމުން އެބުނި އެއްޗަކުން ސަލްވާވެސް ހީލިއެވެ. ދެއަތުން ހުރިހާ ކޮތަޅެއް ހިފާލަމުން ސަލްވާއަށް ޖެހުނީ ކުދި ކޮތަޅަކާއި ދަބަސް އުފުލާށެވެ. ފެނުނު މަންޒަރުން ވިޝާމްގެ މުޅި ދުވަސް ޚަރާބުވިއެވެ. ދެލޯ ފެންކަޅިވިއެވެ. މިކަހަލަ މަންޒަރުތައް ފެނުމަށްވުރެ އޭނަގެ ދެލޮލުގެ ފެނުން ގެންދެވިޔަސް ހިތަށް މާ ފަސޭހަވާނެއެވެ. ކުރި އަސަރާއިއެކު ވިޝާމް ރޭބަން އައިނުން ދެލޯ ފޮރުވާލައިފިއެވެ. ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ އޭނަ ކޮޓަރިއަށް ވަންނާން ދަނިކޮށް މީހެއްގެ ގައިގާ އަޅައިގަތުމުން އަޒަލްކަމަށް ހީކޮށް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އާޒީން މާފަށް އެދިފައި ހިނގައިގަތުމުން އެއީ އަޒަލްނޫންކަން ވިސްނުނެވެ. ވިޝާމް ބެލްކަންޏަށް ނުކުމެ ހުރެ ސިގިރެޓް ރޯކޮށްލައިފިއެވެ. ސިގިރެޓަކަށްފަހު ސިގިރެޓެއް ހުލިކުރަމުންދިޔައިރު ސިކުނޑީގައި ފުނިޖެހެމުންދިޔަ ޚިޔާލުތައް މަދުވެލާ ލުޔެއްލިބުނުކަމުގެ އިހުސާސްކުރެވުނެވެ.

ޒައިތޫންމެންނާއިއެކު މެހެރީން އެނބުރިއައުމުން ގޭތެރޭގެ ފަޅުކަން ކެނޑުނެވެ. މެހެރީން އިރުނާރަނީސް ތެދުވާގޮތަށް މުޅިގޭތެރޭގެ ހުރިހާކަމެއްގައި ބައިވެރިވެ ޒިންމާތައް ނަގާގޮތުން އެގޭގެ ވެރިއަކީ އޭނަކަމުގައި ހީވާފަހަރުވެސް އާދެއެވެ. މަސައްކަތުމީހުން ކުރާ ހާކަމެއް ސުޕަވައިޒްކުރަން ހުންނަނީވެސް މެހެރީނާއެވެ. އެގޭގެ ކޮންޓްރޯލް އެހެން މީހަކު ނަގާފާނެތީ މަހެރީނާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ސަލްވާއާއި އެހާ ހަސަދަލައިގެން އުޅޭ އެއްސަބަބަކީވެސް އެއެވެ. އޭނަ އޮފީހަށްދަނީ އެހެންމީހުން ޑިއުޓީއަށްދާފަހުންނެވެ. އެއީހަގީގަތުގައި ސަލްވާއަށް ލެއްވި ނަސީބެކެވެ. އޭނަ ހެދުނު ބަދިގޭގައި އުޅެންވެސް ފަސޭހައެވެ. އެހެންނޫންނަމަ ވިޝާމްއައިސްދާނެތީ ހުންނަން ޖެހޭނީ ސިހިސިހިއެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނަގެ ހުރިހާ ހަރަކާތަކަށް ފާރަލައިގެން މެހެރީނާ ހުރުމުން ވިޝާމްއަށް ބޭނުންވާ ފުރުސަތެއް ނުލިބެނީކަންނޭގެއެވެ. އަޒަލް ފިޔަވާ އެންމެހެން ހެދުނު ޑިއުޓީއަށް ނުކުންނާން ޖެހެއެވެ. ސަލްވާއާއި އާޒިން ދަނީ ކޮލެޖަށެވެ. ހައިކަލް އެކުދިން ލާފައި ޑިއުޓީއަށް ދިޔުން އާދަކުރިއެވެ. ބަލާދަނީވެސް ހައިކަލްއެވެ. ހައިކަލްއާއި ސަލްވާ އެކީގައި ނުނިދިކަމުގައިވިޔަސް އެދޭތެރޭގައި އޮތް ގުޅުން އައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންނެވެ. ސަލްވާގެ ލަދުރަކިކަން މަޑުމަޑުން ކެނޑެމުންގޮސް ހައިކަލްއާއި ކެރިގެން ވާހަކަދައްކާލެވޭވަރުވިއެވެ.

ހައިކަލް ކޮފީތަށްޓެއް ހަދައިދޭން އެދުމުން ސަލްވާ ބޭރަށް ނުކުތްއިރު ކޮންމެވެސް ވަރަކަށް ބިރުގަންނަގޮތްވިއެވެ. މިގަޑީގައި ވިޝާމްއާއި ދިމާވެއްޖެއްޔާ އެފިރިހެނާ ހަދާނެގޮތެއްވެސް އެނގެނީއެއްނޫނެވެ. ހައިކަލް ގޮވައިގެން ދާން އުޅެފައިވެސް ލެޕުން މަސައްކަތެއްކުރަން އިނުމުން އުދަގޫކުރާކަށް ނުކެރުނެވެ. ކާކޮޓަރިއާއި ހަމަޔަށްދެވުނުއިރު މެހެރީނާ ވެސް ފަހަތުން އަންނަތަން ފެނުނެވެ.

"އަބަދުވެސް މެހެރްދައްތަ ހުންނަނީ ހިޔަނިހެން..." ސަލްވާ ހިތާހިތުން ކިޔައިލިއެވެ.

މެހެރީނާ ފްރިޖުން ޖޫސްތަށްޓެއް އެޅުމަށްފަހު ބޭސްގުޅައެއް ކާލައިފިއެވެ. އަނެއް ގުޅަ ދިއްކޮށްލީ ސަލްވާއަށެވެ.

"މިއީ ވިޓަމިންއެއް. ސަލްވާ ހިކިކޮށް ހުންނާތީ ތަންކޮޅެއް ރޫފަރަގަޅުވާނެކަން ނޭގޭ، މި ގުޅަ ކާލަބަލަ....." މެހެރީނާ ސަލްވާގެ އަތަށް ލައްވާދިނެވެ.

"ރޫމަށްގޮސްފައި. ހައިކަލް ލަސްވެގެން އުޅޭނެ..." ސަލްވާގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިގައިލިއެވެ.

"ރޫމަށް ދާނީ އަދި ފަހުން.އިހަށް އިށީދެބަލަ މިތާ. އަހަރެން ދޮންބެއަށް ކޮފީތަށި ގެންގޮސްދީފާނަން...."މެހެރީނާ އެދުނެވެ. އަދި ޖޫސްތަށްޓެއް ސަލްވާއަށް ދިއްކޮށްލުމުން ސަލްވާ ދެވަނަފަހަރަށްވެސް ދެކޮޅުހެދިއެވެ.

"ސޮރީ މެހެރްދައްތާ. ހައިކަލްގެ ހުއްދަނެތި އެއްވެސް ބޭހެއްކާކަށް ނުކެރޭނެ. އަހާފައި ކާނީ...." ސަލްވާގެ އެޖުމްލައިން މެހެރީނާ ރުޅިގަދަވެގެން އަލިފާންވިއެވެ. މޫނު އަނގުރުގަނޑެއްހެން ރަތްވެގެން ދިޔުމާއިއެކު ބާރު އެތިފަހަރެއް ސަލްވާގެ މޫނަށް ވީއްލާލައިފިއެވެ.

"ކަލޭ. ކަލޭގެ ތިހިތްވަރު. އަދި މަށާއިމެދު ޝައްކުކުރަންވެސް ފެށީތަ؟ ނިކަންގޮސް ދޮންބެ ކައިރީ އަހަންނޭ ކިޔައިގެން ކުޓުވަބަލަ. މިބޭސްގުޅު ކާލާފައި މިތަނުން ދެވޭނީ. އަނގަ ހުޅުވާ. ހަމަ މިހާރު......" މެހެރީނާ ސަލްވާއަށްވުރެ ބާރުގަދަކަމުން އޭނަ ސަލްވާ ގޮނޑިއަށް ތިރިކޮށްލުވާފައި ގަދަކަމުން އަނގަ ހުޅުވަން އުޅެގަތެވެ. މެހެރީނާ ސަލްވާގެ ދެކޮލަށް ފިތާ އަނގަވެސް އިރާނުލީކިރިޔާއެވެ. ސަލްވާ ކުއްލިއަކަށް މެހެރީނާ ކޮށްޕާލާފައި ދުއްވައިގަތްގޮތަށް ރޮމުން ރޮމުންގޮސް ކޮޓަރިއަށް ވަދެވުނުއިރު މުޅިކުއްޖާވެސް ރޫރޫއަޅައެވެ. ހައިކަލް ލެޕްޓޮޕް ލައްޕާލާފައި ތެދުވެގެން އައިސް ސަލްވާގެ ދެކޮނޑުގައި ހިފަހައްޓާލިއިރު އެދެލޮލުން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ހައިކަލް ސުވާލުކުރަންފެށިއެވެ.

(ނުނިމޭ)

comment ކޮމެންޓް