އުދުހިފައި ފުރަތަމަ ރަށަށް ދިޔަ ކެޕްޓަންގެ ހިތް ފުރިއްޖެ!

އިދާމް އޭނާގެ މަންމަ އާއި ބައްޕައާ އެކު: އޭނާ އަކީ ކުޑަހުވަދު އަށް ފުރަތަމަ ޖެއްސި ފުލައިޓްގެ ކެޕްޓަން-- ފޮޓޯ: އިދްހާމް

ދ. ކުޑަހުވަދޫ އެއާޕޯޓަށް ޖެއްސި ޓެސްޓް ފުލައިޓާ އެކު މުޅި އެ ސަރަހައްދު ހެއްވާލި އެވެ. އުދުހިފައި އެއްތަނުން އަނެއްތަނަށް ދެވޭނެތީ އެވެ. އެއަށް ވުރެ ބޮޑު އުފަލެއް ލިބުނު އާއިލާއެއް އެބަވެ އެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ޖެއްސި ފުރަތަމަ ފުލައިޓް ދުއްވަން އިނީ އެ ރަށަށް ނިސްބަތްވާ އިބްރާހިމް ހުސެއިން އާއި ނަސީމާ އަހުމަދުގެ ހަގު ދަރިފުޅު މުހައްމަދު އިދާމް އެވެ.

"މިއީ ކެރިއާގައި އެންމެ ދެކެން ބޭނުންވި އެއް ދުވަސް، ވަރަށް އުފާވެއްޖެ، އަސްލު މި އުފާ ނޭނގެ ބުނެދޭން، އަދި ބައްޕަ އުފާވެފައި ހުރިވަރު ފެނި ވަރަށް އުފާވި،" ކެޕްޓަނެއްގެ ގޮތުގައި އަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިދާމް ވިދާޅުވި އެވެ.

އެމެރިކާގެ މަޔާމީ އިން ޕައިލެޓްކަން ހާސިލުކޮށްފައިވާ އިދްހާމް ވިދާޅުވި ގޮތުގައި އެ ރަށުގައި އެއާޕޯޓެއް އަޅާ ވާހަކަ އަޑު އިވުނީންސުރެ އެއާޕޯޓަށް ޖައްސާ ފުރަތަމަ ފުލައިޓް ދުއްވާ މީހަކީ އޭނާ ކަމަށް ވުމަށް އެދިއެދި ހުއްޓެވެ.

އިދާމް އޭވިއޭޝަން ކެރިއާގައި: އޭނާ އަކީ ކުޑަހުވަދޫއަށް ފުރަތަމަ ޖެއްސި ފުލައިޓްގެ ކެޕްޓަން-- ފޮޓޯ: އިދްހާމް

"ދުވަހަކު ވެސް ކުރިން ހިތަކަށް ނާރާ ރަށުގައި އެއާޕޯޓެއް އަޅާނެއޭ އެހާ އެއާޕޯޓްތައް ގިނަވާ އިރު ވެސް، އެހެން ހުއްޓާ ރަށުގައި އެއާޕޯޓް އަޅަން ފެށީ، ދެން އަޅުގަނޑުގެ ވެރިން ގާތު ވެސް ބުނިން ފުރަތަމަ ފުލައިޓްގައި ދާން ބޭނުމޭ،" އިދާމް ވިދާޅުވި އެވެ.

އުފަލުން ހުރި އިދާމްގެ ބައްޕަ އިބްރާހިމް ވިދާޅުވީ އޭނާގެ ތިން ދަރިން ތިބޭ އިރު އޭގެ ތެރެއިން ހަގު ދަރިފުޅު އިދްހާމްގެ ފަރާތުން އޭނާ އަށް އެލިބިގެން ދިޔައީ ބޮޑު އުފަލެއް ކަމަށެވެ.

އިދާމް އޭވިއޭޝަން ކެރިއާގައި :އޭނާ އަކީ ކުޑަހުވަދޫއަށް ފުރަތަމަ ޖެއްސި ފުލައިޓްގެ ކެޕްޓަން-- ފޮޓޯ: އިދްހާމް

ކުޑަހުވަދޫ އެއާޕޯޓާ އެކު ރާއްޖޭގެ އެއާޕޯޓުތަކުގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ. ކުޑަހުވަދޫ އެއާޕޯޓަކީ 1،800 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭގައި ޖެޓު ޖެއްސެ އެވެ.

ކޮންމެ އަކަސް ދ. އަތޮޅަށް ދަތުރު ފަތުރުގައި ލުއިކަމެއް ގެނެސްދިން އެއާޕޯޓް ހާއްސަވެގެންގޮސްފައި މިވަނީ ކުޑަހުވަދޫ އާއިލާއަކަށް ބޮޑު އުފަލެއް ވެސް ގެނެސްދެމުންނެވެ.

comment ކޮމެންޓް