މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ޝިފާ

ޝިފާ މުހައްމަދު: މާލޭގެ ފުރަތަމަ އަންހެން މޭޔަރު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލޭ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރަށް އަލަށް އިންތިހާބުވި ކައުންސިލްގެ މޭޔަރަކަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ޝިފާ މުހައްމަދު އިންތިހާބުކޮށްފި އެވެ.

އޭނާ އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ މިރޭ ބޭއްވި މާލޭ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ. މާލޭ ސިޓީގެ ފުރަތަމަ އަންހެން މޭޔަރުގެ މަގާމަށް ޝިފާ އިންތިހާބުވީ އެ ކައުންސިލުގެ 13 މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން، 11 މެމްބަރުންގެ އަގުލަބިއްތު ލިބިގެންނެވެ.

ޝިފާ ވަނީ މިދިޔަ ދައުރުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފަ އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.

މާލޭ ސިޓީގެ ތިން ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރަކަށް ހޮވުނީ ޝަމާއު ޝަރީފެވެ. އޭނާ އިންތިހާބުވީ 12 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މެންބަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އެވެ.

ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވައި ދެން ތިއްބެވީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި މެންބަރުންނެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ މެންބަރުން:

  • އާދަމް ޝަރީފް، ހުޅުހެންވޭރު ދާއިރާ، އެމްޑީޕީ
  • އާހުމަދު ނިޔާޒް، މެދު ހެންވޭރު ދާއިރާ، އެމްޑީޕީ
  • އިބްރާހިމް މަނިކް، ހެންވޭރު ދެކުނު ދާއިރާ، އެމްޑީޕީ
  • މުހައްމަދު ފިޝާވިލް ސަލީމް، ހެންވޭރު އުތުރު ދާއިރާ، ޑީއާރުޕީ
  • ޝިފާ މުހައްމަދު، ގަލޮޅު އުތުރު ދާއިރާ، އެމްޑީޕީ
  • ޝަހީން މަހްމޫދް، ގަލޮޅު ދެކުނު ދާއިރާ، އެމްޑީޕީ
  • މުހައްމަދު ނަޝީދު، މައްޗަންގޮޅި އުތުރު ދާއިރާ، އެމްޑީޕީ
  • އަހުމަދު ޒަމީރު، މައްޗަންގޮޅި ދެކުނު ދާއިރާ، އެމްޑީޕީ
  • މުހައްމަދު ފަޒީން، މާފަންނު އުތުރު ދާއިރާ، އެމްޑީޕީ
  • ޝަމާއު ޝަރީފް، މާފަންނު ހުޅަނގު ދާއިރާ، އެމްޑީޕީ
  • އަޒްރާ މޫސާ، މާފަންނު މެދު ދާއިރާ، އެމްޑީޕީ
  • ހުސައިން ޝަރީފް، މާފަންނު ދެކުނު ދާއިރާ، އެމްޑީޕީ
  • ހަމްނާ ވަހީދު، ވިލިމާލެ ދާއިރާ، އެމްޑީޕީ

މިރޭގެ ރަސްމިއްޔާތުގައި އެ މެންބަރުން ވަނީ މަގާމުގެ އިގުރާރުގައި ވެސް ސޮއިކުރައްވާފަ އެވެ.

comment ކޮމެންޓް