ހޯމަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

ވިއްސާރަ ދުވަހެއްގައި ބަޔަކު ކުޑައަޅައިގެން މަގެއްގެ މަތިން ހިނގާފައިދަނީ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން މިހާރަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، މިހާރުގެ މޮޑިއުލްތައް ދައްކާގޮތުން ހޯމަ ދުވަހުން ފެށިގެން މިހާރަށްވުރެ މޫސުން ރަނގަޅުވާނެ ކަމަށާއި ނަމަވެސް ފަހަރެއްގައި އެ މޮޑިއުލްތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ވައިބާރުވާނެ ކަމަށާއި، އެގޮތުން 15 މޭޅާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެތީވެސް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ކަނޑުގަދަވުމުގެ ސަބަބުން އިއްޔެވެސް ވަނީ ކަނޑުމަތީގެ ހާދިސާތައް ހިނގާފަ އެވެ. އޭގެ އިތުރުން ގަދަ ވައިގެ ސަބަބުން އެކި އެކި ރަށްރަށުގެ ގޯތި ގެދޮރަކަށާއި، ގަސްތަކަށްވެސް ވަނީ ގެއްލުންވެފަ އެވެ.

comment ކޮމެންޓް