ޕާކިސްތާނުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހަދަނީ

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ސަފީރާއި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ސަލާމް ކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕާކިސްތާން ސަރުކާރާ ގުޅިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ނުވަތަ މެޑިކަލް ސްކޫލެއް ގާއިމް ކުރުމުގެ ވާހަކައަކީ ވަރަށް ކުރީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ތެރޭގައި ވެސް ލ. ގަމުގައި ޔުނިވާސިޓީއަކާއި އެކު މެޑިކަލް ކޮލެޖެއް އެޅުމުގެ ވާހަކަތަކެއް އޭރު އޮތް ސަރުކާރުން ދެއްކެވި އެވެ.

އަދި 2013 ވަނަ އަހަރު ރާއްޖޭގައި މެޑިސިން ކިޔަވާދެވިދާނެތޯ ބެލުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ސްރީލަންކާގެ ވަފުދެއް ރާއްޖެ އައި އިރު، އޭގެ ދެ އަހަރު ފަހުން ކަމާ ބެހޭ ފަރާތްތަކާ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބައްދަލުކޮށް މެޑިކަލް ކޮލެޖެއް ހެދުމާ ގުޅޭ ގޮތުން ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓް މެދުވެރިކޮށް ހެދި ފީސިބިލިޓީ ސްޓަޑީއެއްގެ މައްޗަށް މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް އެޅުމުގެ ވާހަކަތަކެއް އެންމެ ފަހުން ތިލަވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭރުގެ ހެލްތު މިނިސްޓަރު އަދި ޔޫތު މިނިސްޓަރު ކަމުގައި މިހާރު ހުންނެވި އިރުތިޝާމް އާދަމް ވަނީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ދާދި ފަހުން ޕާކިސްތާނުގެ ބޭފުޅަކު ރާއްޖެ ވަޑައިގަތް އެގައުމުގެ މެޑިކަލް ކޮލެޖެއް ރާއްޖޭގައި ހެއްދެވުމާ ގުޅޭ ސާވޭއެއް ހައްދަވާފައިވާ ކަމަށެވެ. އަދި ހެއްދެވި ސާވޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"އެބޭފުޅާގެ ސާވޭއިން ދިވެހިރާއްޖޭގެ އައިޖީއެމްއެޗްގައި މިހާރު ހުރި ފެންވަރާއި ހާލަތަށް ބަލާ އިރު، ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމް ކުރުމުގެ ހުރިހާ ކަންތައްތައް ހުރީ މަގުފަހިވާގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ދިރާސާގެ މައްޗަށް ބިނާކޮށް މިހާރު ކުރިއަށްދަނީ އެކި ފަރާތްތަކުން އެހީ ހޯދައިގެންނާއި ސަރުކާރުގެ ތެރެއިން ބަޖެޓް ހޯދުމުގެ މަސައްކަތާއި މިއަދުގެ ހަލަތު ބަލާ ދިރާސާތައް ކުރުން ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް މިނިސްޓަރު މިއަދުގެ ރަސްމިއްޔާތުގައި ހާމައެއް ނުކުރައްވަ އެވެ.

ޕާކިސްތާނާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން ޕާކިސްތާން މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރުމަށް ޕޯސްޓް ކުރުމާއި ސިއްހީ ދާއިރާގެ އެކި ރޮނގުތަކުން މީހުން ތަމްރީން ކުރުމާއި ޕާކިސްތާނުން ތަމްރީން ވުމަށް ފުރުސަތު ދެވޭ ދަރިވަރުންނަށް ހާއްސަ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ޕާކިސްތާނުގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން އެ ގައުމުގެ ކޮލެޖަކަށް ވަނުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ "ސްކޮލެސްޓިކް އެސެސްމެންޓް ޓެސްޓް 2" (އެސްއޭޓީ 2) އިމްތިހާން ނުހަދައި، ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގެ މެޑިކަލް ކޮލެޖުތަކުގައި ކިޔެވޭނެ އިންތިޒާމު ޕާކިސްތާނު ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަޖައްސައިދެއްވާފަ އެވެ.

comment ކޮމެންޓް