ކައިވެނި ރޫޅުނީ އަހަރެންގެ ސަބަބުން: މަނީޝާ

މަނީޝާ ކޮއިރަލާ އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި އެންމެ ކާމިޔާބު ވެގެން ދިޔަ ބަތަލާ އެވެ. އެންމެންގެ 'ޑްރީމް ގާލް' އަށް މަނީޝާ ވެގެން ދިޔަ އެވެ.

ނަމަވެސް އޭނާގެ އަސްލު ދިރިއުޅުމަކީ ނާކާމިޔާބު ދިރިއުޅުމެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. އެއީ އޭނާގެ އަލަތު ކައިވެނި ދެ އަހަރު ތެރޭގައި ރޫޅުމުންނެވެ.

ަމަނީޝާ އާއި ނޭޕާލްގެ ވިޔަފާރިވެރިޔާ ސަމްރާތު ދަހަލް ކައިވެނި ކުރީ 2010 ވަނަ އަހަރު އެވެ. ނަމަވެސް ދެ އަހަރު ތެރޭގައި އެ ކައިވެނި ވަނީ ރޫޅިފަ އެވެ. އެހާ ލޯބިން ކައިވެނި ކުރި ދެމީހުން އެހާ އަވަހަށް ވަރި ވާން ޖެހުނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރި ނަމަވެސް، މީގެ ކުރިން އެ ސުވާލަށް ޖަވާބު ދީފަ އެއް ނުވެ އެވެ.

ކެންސަރު ބަލީގައި ގިނަ އަހަރުތަކެއް ވަންދެން އުޅުމަށް ފަހު މަނީޝާ މިހާރު ވަނީ ބަލިން މުޅިން ފަސޭހަ ވެފަ އެވެ. އަދި މާދަމާ ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު 'ޑިއާ މާޔާ' އާއެކު މަނީޝާ މިވަނީ ބޮލީވުޑަށް އެނބުރި އައުމަށް ތައްޔާރުވެފަ އެވެ.

ވަރަށް ފަހުން މަނީޝާ ވަނީ އޭނާގެ ކައިވެންޏާ ގުޅޭގޮތުން މީޑިއާ އާއި ބައެއް ވާހަކަތައް ހިއްސާ ކޮށްފަ އެވެ. މަނީޝާ ބުނީ ކައިވެނި ރޫޅުނީ އޭނާގެ ސަބަބުން ކަމަށާއި، އަވަސް އަރުވާލައިގެން ކައިވެނި ކުރަން ބޭނުންވީ ވެސް އޭނާ ކަމަށެވެ.

މަނީޝާ ބުނީ އޭނާ ދިރިއުޅެމުން ދިޔައީ ހުވަފެނީ ދުނިޔެ އެއްގައި ކަމަށާއި، ކައިވެންޏާ މެދު ވެސް ގެންގުޅުނީ އެފަދަ ވިސްނުމެއް ކަމަށެވެ.

"އަހަރެން ފުރިހަމަ ޒިންމާ ނަގަން. އަހަރެން ބޭނުންވީ އަވަހަށް ކައިވެނި ކުރަން. އެކަމަކު ކައިވެނި ކުރި ފަހުން އެނގުނީ އެއީ އަހަންނަށް ކުރެވޭ ވަރަށް ވުރެ އުނދަގޫ ކަމެއް ކަން. އަނެއް ފަރާތުގެ އެއްވެސް މައްސަލަ އެއް ނެތް. މައްސަލަ އަކީ އަހަރެން. ކައިވެނި ރޫޅުނީ އަހަރެންގެ ސަބަބުން،" މަނީޝާ ބުންޏެވެ.

މަނީޝާ ބުނީ ކައިވެންޏަށް ފަހު ދެމީހުންގެ ދޭތެރޭގައި ވަރަށް ގިނަ މައްސަލަތައް ޖެހުނު ކަމަށާއި، އެފަދަ ކައިވެންޏެއް ދެމެހެއްޓުމަށް ވުރެ ރަނގަޅު ވާނީ ވަކިވުން ކަމަށެވެ. އަދި މިހާރު ސަމްރާތު އާއި އޭނާ އާ ދޭތެރޭ އެއްވެސް މައްސަލަ އެއް ނެތް ކަމަށް މަނީޝާ ބުންނެވެ.

ނަމަވެސް މިހާރު ދިރިއުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ދެވަނަ ފަހަރަށް ކައިވެނި ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް