ޝަރީއަތް ނިމެންދެން ޒައިދު ގޭބަންދަށް ބަދަލުކޮށްފި

22 ފެބްރުއަރީ 2017: ޒައިދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފަނޑިޔާރަކު ބްލެކް މެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ތިން ދައުވާއެއް އުފުލާފައިވާ މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ޒައިދު ގޭބަންދަށް ބަދަލުކުރީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

އެ އަޑުއެހުމަކީ ސިއްރުން ބާއްވާ އަޑުއެހުމެއް ކަމުގައިވާތީ އެ އަޑުއެހުމާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާއަކަށް ނުލިބެއެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ޒައިދު ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރުމުން ވެސް އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

މޮބައިލް ފޯނާއި ލެޕްޓޮޕުން އެއްވެސް އެއްޗެއް ނުފެނުމުން، ގެއްލިގެން އުޅޭ ޕީޕީއެމްގެ ހާޑްޑިސްކުތައް ހުރީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުގައި ކަމަށް ބުނުމަށާއި އަދި ރައީސް މައުމޫން ގެންދަވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުން ކަމުގައި ބުނެ ބަޔާނެއް ދިނުމަށް ތަހުގީގުގައި ފުލުހުން ގެންދަނީ ތަކުރާރުކޮށް އެދެމުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މައުމޫން ހައްޔަރުކުރުމަށް ޓަކައި އޭނާގެ ބަޔާން ކޮންމެހެންވެސް ބޭނުންވާ ކަމަށާއި، އެކަމުގައި އެއްބާރުލުން ނުދީފި ނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީއަތެއް ނެތި އޮންނަހެން އޭނާ ވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް އެތައް ފަހަރަކު ފުލުހުން ބުނެފައިވާ ކަމަށް ވެސް ޒައިދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

comment ކޮމެންޓް