ލަންކާއަށް އެކި ފަރާތްތަކުން އެހީ ފޯރުކޮށްދޭން ފަށައިފި

ލަންކާގެ ކަލުތާރާ ޑިސްޓްރިކްޓުގައި ފެންބޮޑުވެފައި -- ފޮޓޯ: އޭޕީ

ކޮލަމްބޯ (މެއި 28): ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުން ދިޔުމުގެ ސަބަބުން ބޭރުގެ އެކި ފަރާތްތަކުން އެގައުމަށް އެހީ ފޯރުކޮށްދޭން ފަށައިފި އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ބުނި ގޮތުގައި އެގައުމަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 146 އަށް އަރާފަ އެވެ. އަދި އެހާދިސާތަކުގައި ގެއްލުނު މީހުންގެ އަދަދު ވަނީ 112 އަށް އަރާފަ އެވެ.

އެހެންކަމުން ލަންކާ ސަރުކާރުން ވަނީ ހާލުގައި ޖެހިފައިވާ ބައި މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އެހީއަށް އެދިފަ އެވެ.

އޭގެ ސަބަބުން އދން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ފެން ސާފުކޮށްދޭ ޓެބްލެޓާއި، ޓެންޓު ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި އިންޑިއާއިން ކަނޑުބޯޓު މެދުވެރިކޮށް އެހީ ފޮނުވާފައިވާ އިރު ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވަނީ ވިއްސާރައިގައި ގެއްލުންވި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، ޕާކިސްތާނާއި އެމެރިކާއިން ވެސް ވަނީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ގައުމުގެ ހުޅަނގުގައި އޮންނަ ކަލުތާރާ ޑިސްޓްރިކްޓަށާއި ދެކުނުގައި އޮންނަ ރަތްނަޕޫރީ އަށާއި މަތާރާ އަށެވެ. އެސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެއީ 2003 ވަނަ އަހަރު ލަންކާއަށް ކުރި މޫސުމީ ވިއްސާރައިގެ ފަހުން އެގައުމަށް ކުރި އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ. ދެހާސްތިން ވަނަ އަހަރުގެ ވިއްސާރައިގައި 250 މީހުން މަރުވެ، 10،000ގެ ސުންނާފަތިވި އެވެ. (ޓެލެގްރާފް)

comment ކޮމެންޓް