ނަގޫރޯޅީގައި ގެއްލުންވި މީހުންނަށް އެހީވުމަށް މީރާގެ މުވައްޒަފުން 60،000 ރުފިޔާ ހޯދައިފި

މީރާގެ މުވައްޒަފުން އެހީގެ ރަމްޒީ ޗެކާ އެކު

އައްޑޫ ސިޓީގެ ހިތަދުއަށް ދާދި ފަހުން އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމުގެ ގޮތުން މީރާ އިން 60،000 ރުފިޔާ ހޯދައިފި އެވެ.

މީރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީ އަށް ނިސްބަތްވާ މުވައްޒަފުން އިސްނަގައިގެން ހުޅުވި ޚާއްސަ ފަންޑަށް އެ އޮތޯރިޓީގެ މުވައްޒަފުން ހަދިޔާކުރި 60،000 ރުފިޔާ ބަހަން ނިންމާފައި ވަނީ އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކަމަށް ހިތަދޫ އަވަށު އޮފީހުން ރިޕޯޓް ކޮށްފައިވާ 12 ގޭގެ ޢާއިލާތަކަށް ކަމަށެވެ. އަދި އެ ފައިސާ ބެހުމަށް ނިންމާފައި ވަނީ ކޮންމެ ގެއަކަށް ވެސް 5،000 ރުފިޔާ ކަމަށެވެ.

މީރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ފައިސާ އެ އާއިލާތަކަށް ރަށްދުކުރާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި 12 ގެއަކަށް ގެއްލުންވެ، އެ 12 ގޭގައި މީހުން ނޫޅެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ފަރާތުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. .

comment ކޮމެންޓް