ޔޫސޭގެ ދިރިއުޅުމަކީ މިއީބާ ސަން ޓީވީން މިރޭ ދައްކަން ފަށާނެ

ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ"، މިރޯދަމަހު ކޮންމެ ރެޔަކު ސަން ޓީވީން ގެނެސްދޭނެ --

ބެލުންތެރީން ހެއްވާލުމުގައި އެފަދަ ދެވަނައެއް ނުވާ ދިވެހި ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ޚާއްސަކޮށްގެން ގެނެސްދޭ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް މިރެއިން ފެށިގެން ސަން ޓީވީން ދައްކަން ފަށާނެއެވެ.

އިޖްތިމާއީ، ސިޔާސީ އަދި މިނޫންވެސް އެއިރެއްގައި އެންމެ ގަދައަށް ވާހަކަ ދެކެވޭ، ތަފާތު މައުޟޫތަކަށް، ޔޫސޭ ތައްޔާރުކުރާ ކޮމެޑީ ސިލްސިލާ، ދިރިއުޅުމަކީ މިއީބާގެ އެޕިސޯޑެއް ހަފްތާގެ ކޮންމެ ރެއެއްގެ ވެސް 11:00ގައި ސަން ޓީވީން ގެނެސްދޭނެއެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް މި ސިލްސިލާގެ އާ އެޕިސޯޑެއް ދެއްކުމަށް ހަމަޖެހިފައި ވާއިރު، ދެން ދައްކާނީ ކުރީގެ އެޕިސޯޑުތަައް ކަމަށް ސަން ޓީވީން ބުނެއެވެ.

ބުހާރީ ފިލްމްސްގެ އުފެއްދުމެއް ކަމަށްވާ ދިރިއުޅުމަކީ މިއީބާގެ އެޕިސޯޑުތައް ސަން ޓީވީން ދެއްކުމަށް މި ދެފަރާތުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް އެކުލަވައިލެވިފައެވެ.

ދިރިއުޅުމަކީ މިއީބާގެ މުޅިން އާ އެޕިސޯޑަކާއެކު، މިރޭ 11 ޖަހާއިރު، ސަން ޓީވީ މެދުވެރިކޮށް ބެލުންތެރީންނާ ބައްދަލުކުރުމަށް ޔޫސޭ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މިފަހަރުގެ ދިރިއުޅުމަކީ މިއީބާ، މީގެ ކުރީން ގެނެސްދީފައިވާ މި ސިލްސިލާގެ އެޕިސޯޑުތަކަށްވުރެ ވަރަށް ބޮޑުތަން ތަފާތުވެފައި، ބެލުންތެރީން "ސަޕްރައިޒް"ކޮށްލާނޭ ކަމަށް ޔޫސޭ ބުނެއެވެ.

"މިފަހަރު ސަން ޓީވީއާ އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ހިތްހަަމަޖެހޭ. ކޮންމެ ބޭފުޅަކުވެސް މިއަހަރުގެ "ދިރިއުޅުމަކީ މިއީބާ"ގެ އެޕިސޯޑުތައް ބަލައިލުމަށް ސަން ޓީވީ އަށް ޓިއުން ކޮށްލައްވާ،" ޔޫސޭ ބުންޏެވެ.

comment ކޮމެންޓް