މިއަދަކީ ގިނަ ގައުމުތަކަށް މިއަހަރުގެ މުލަ ރޯދަ ދުވަސް

މިއަދަކީ ހިޖްރީގޮތުން 1438 ވަނަ އަހަރުގެ މުލަ ރޯދަ ދުވަސްކަން ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުން އިޢްލާންކޮށްފިއެވެ.

އޭޝިޔާއާއި އެފްރިކާގެ ގިނަ އިސްލާމީ ގައުމުތަކުގެ ސަރުކާރު ތަކުން އިޢުލާން ކުރިގޮތުގައި އިއްޔެއަކީ 1438 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަދަކީ (27 މޭ 2017 ވާ ހޮނިހިރު ދުވަހަކީ) މިއަހަރުގެ މުލަ ރޯދަ ދުވަހެވެ.

ޝަޢުބާންމަހުގެ 29 ވަނަ ދުވަހުގެ ރޭ ހަނދުފެނިގެން މިދިޔަ ހުކުރުދުވަސް މުލަ ރޯދަދުވަހުގެ ގޮތުގައި އެއްވެސް އިސްލާމީ ގައުމަކުން އިޢްލާންކުރިކަން އެނގޭކަށްނެތެވެ.

ހޮނިހިރު ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމުގައި އިޢުލާންކުރި ގައުމުތަކުގެތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިޔާއާއި އިސްލާމީ ދެ ހަރަމްފުޅު އެގައުމެއްގައި ހުންނަ ސައޫދީ އަރަބިޔާ ހިމެނެއެވެ.

މީގެއިތުރުން މެލޭޝިޔާ، ބުރުނާއި، ދިވެހިރާއްޖެ، ޕާކިސްތާން، އަފްޣާނިސްތާން އަދި މެދުތެރޭ އޭޝިޔާގެ އިސްލާމީ ގައުމުތަކާއި އިރާގާއި ސޫރިޔާއާއި ގަލްފުގެ އަރަބި ގައުމުތަކާއި ފަލަސްތީނާއި އުރުދުންނާއި ލުބްނާނުންވެސް މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމުގައި އިޢްލާންކޮށްފައިވަނީ މިއަދެވެ. އެފްރިކާގެ އަރަބި ގައުމުތަކަށް ބަލާއިރު މިސްރު، ލީބިޔާ، އަލްޖަޒާއިރު، ތޫނިސް، މޮރޮކޯ އަދި ސޫދާނުންވެސް މުލަރޯދަ ދުވަހުގެ ގޮތުގައި އިޢުންކޮށްފައިވަނީ މިއަދެވެ.

އެފްރިކާގެ އެހެންގައުމުތަކަށް ބަލާއިރު ގިނީ، ނައިޖީރިޔާ، ޗާޑް، މާލީ، ނައިޖަރ ބެނިޔަން، އަދި ސޮމާލިޔާ އިންވެސްވަނީ މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމުގައި އިޢުލާންކޮށްފައެވެ.

މުސްލިމުންގެ އަޣްލަބިއްޔަތު ނޯންނަ ގިނަ ގައުމުތަކުގެ އިސްލާމީ ޖަމްއިއްޔާތަކުންވެސް އިއުލާންކޮށްފައިވާ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަދުވަހަކީ 27 މޭ 2017 ވާ ހޮނިހިރު ދުވަހެވެ. މީގެތެރޭގައި އޭޝިޔާއާއި ޔޫރަޕްގެ ގިނަ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކުގެ އިސްލާމީ ޖަމްއިއްޔާތައް ހިމެނެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި ގެންދަވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތަހްނިޔާއާއި ވިދާޅުވަމުންނެވެ. (އަލްޖަޒީރާ)

comment ކޮމެންޓް