މިއީ ތިބާއާ ބައްދަލު ކުރާ ފަހު ރަމަޟާން މަހަށް ވެއްޖެނަމަ!

ކޮންމެ އިންސާނަކީވެސް މަރު އެ އިންސާނަކާ ބައްދަލުކުރާނެ މީހެކެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެކަން ގައިމެވެ. ނަމަވެސް މަރުވުމުގެ ކުރިން ދިރިއުޅުމުގެ ހަގީގީ ފޮނި މޭވާ ބޭނުން ނުވާނީ އަޅުގަނޑުމެން ތެރެއިން ކޮން އިންސާނެއްތޯއެވެ. ސުވާލަކީ ދުނިޔެއިން ވަކިވެގެންދާއިރު އާހިރަތުގެ ދާއިމީ ގޯއްޗަށް ގެންދެވެނީ ކިހާ ފޮނި މޭވާއެއްތޯއެވެ.

މި ވާހަކައަކީ މިގޮތަށް ދުނިޔޭގައި ދަންފަޅިއެއް ފުރިހަމަކޮށް ނިމިދިޔަ ޒުވާނެއްގެ ދިރިއުޅުމަށް ބަލާލައި ތައްޔާރުކޮށްފައިވާ ވާހަކައެކެވެ.

އަހްމަދަކީ ދުނިޔޭގެ ފޮނި މީރުކަން ހޯދުމަށްޓަކައި ރައްޓެހިންނާއިއެކު ޒުވާން ދައުރުގެ ބޮޑު ބައެއް ހޭދަކުރަމުންދިޔަ އިންސާނެކެވެ. އޭނާގެ ދުވަސްތައް ވޭތަކުރަމުންދިޔައީ މި ބިޔަ ބޮޑު އުޑުގެ ދަށުގައި އެއްވެސް ވިސްނުމެއްނެތި ދުނިޔޭގެ އަރާމާއި ލައްޒަތު ހޯދުމުގައެވެ. މުސްލިމަކަށްވެ ހުރެ ނަމާދުކުރުމާއި ރޯދަ ހިފުމާއި ޒަކާތްދިނުމާއި އެހެނިހެންވެސް އަޅުކަމަކީ އޭނާގެ ސިކުނޑިއަށް ކުޑަވެސް ވިސްނުމަކުން ކުރަންޖެހޭ ކަމެއްކަމެއް ނުދެނަހުއްޓެވެ.

ދުނިޔޭގެ ހަގީގަތަކީ މި ދުނިޔޭގައި ހޭދަކުރާ ދުވަސްތައް ވެއްޔާ މޮޑެވި ބޭކާރުވެއްޖެނަމަ އެދުވަސްތައް އަނބުރާނުލިބެނެއެވެ. އަހްމަދުގެ ޒުވާން އުމުރާ އަޅާބަލާއިރު އޭނާއާ އެއް އުމުރުފުރައެއްގެ ކުދިންނަކީ ގަވައިދުން ނަމާދުކުރުމާއި އަޅުކަމުގައި ދުވަސްތައް ގުނަމުންދާ ކުދިންނެވެ. އެހެންނަމަވެސް އަހްމަދުގެ އުމުރުން 18 އަހަރުވީއިރު އޭނާއާ 18 ފަހަރު ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރިއެވެ. މި އހަރަކީ އޭނާއަށް 19 ވަނަ ރަމަޟާންމަސް ބައްދަލުކުރާ އަހަރެވެ.

ދުނިޔޭގައި މުސްލިމުން ދިރިއުޅޭ ހުރިހާ ބިތަކުން ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ދިޔައިރު އަހްމަދު ތައްޔާރު ވަމުންދިޔައީ ރޯދަމަހު "ތާސް" ކުޅުމާއި "ގޭމް" ކުޅޭނެ ރައްޓެހިން އެއް ކުރުމުގައެވެ. އޭނާއަށް ހީވެފައި އޮންނަ ގޮތުން ރަމަޞާން މަހަކީ ކުޅުމާއި ދުނިޔަވީ ސަކަރާތުގައި ހޭދަކުރާ މަހެކެވެ.

އެހެން މުސްލިމުންނެކޭ އެއްފަދައިން އަހްމަދުވެސް ރޯދަމަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމަށް ނިދަން އޮށޯތީ ހާރު ކައިގެންނެވެ. ފަހަރެއްގައިވެސް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވީތީ އެ އަޅުކަން ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ނިޔަތަކު ނޫނެވެ. އަނެއްދުވަހަށް ހޭލާ ރައްޓެހިންނާއި އެކު ސަކަރާތްޖަހާނެ ގޮތުގެ ވިސްނުމުގެ ތެރެއިންނެވެ.

އިންސާނާގެ ފުރާނައަކީ އެމީހާގެ އަމިއްލަ އަޅެއްކަމުގައި ދެކި އުޅުނު ނިކަމަތި އިންސާނާ މިދުނިޔެއާ އަބަދަށް ވަކިވީއެވެ. ދުނިޔޭގައި އުޅުނު ދުވަސްތަކުގައި އަޅުކަމުގައި ހޭދަކުރެވުނީ ހުދު ކިތައް ދުވަސްތޯ އޭނާއަށްވެސް ނޭނގޭ ހާލުގައެވެ.

ބަލިކަށި އިންސާނާ މިދުނިޔެއިން ވަކިވެގެންދިޔައީ މައްސަރުގެ ތެރެއިން އެންމެ މާތް މައްސަރުކަމަށްވާ ބަރަކާތްތެރި ރަމަޟާން މަސް އޭނާއާ ބައްދަލުވާން ކުޑަތަންވެފައި ވަނިކޮށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

ދުނިޔޭގައި ގުންފައިޖަހާފައި މޭ ދިއްކޮށްފައި އުޅުނު ކިތައް އިންސާނުންތޯ މި ރަމަޟާން މަަހަށް ތައްޔާރުވެވުނީ؟ އޭގެތެރެއިން ކިތައް އިންސާނުންތޯޯ މި ބަރާކަތްތެރި ރަމަޟާން މަހާ ބައްދަލުކުރީ؟

އޭ އިންސާނާއެވެ. މި ދުނިޔޭއަކީ ފަނާވަނިވި ދުނިޔެއެކެވެ. މާދަމާއަކީ އަންނާނެ ކަމަށް އުންމީދު ކޮށްގެން ތިއްބަސް ހުވަފެނުންވެސް ނާންނާނެ ދުވަހެކެވެ. ކަން މިހެން ހުރިއިރު މި ބަރަކާތްތެރި ރަމަޟާންމަހަކީ ތިބާއާ ތިބާގެ އާއިލާއާ ތިބާގެ ގާތް ރަހުމަތްތެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބެނިވި ގޮތެއްގައި ހޯދުމަށް މަސައްކަތް ކުރާނެ މަހެއް ކަމުގައި ހަދާށެވެ. އޭރުން ތިބާއަށް މާދަމާއަކީ " އާހިރަތް" ބާއްޖަވެރި ދުވަހަކަށް ހެދޭނެއެވެ.

ރޯދަމަހުގެ މާތްކަން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާން އޮތްއިރު މި މަސް އެތައްގޮތަކުން ހާއްސަވެއެވެ. ރޯދަވެރިންނަށް "އައްރަޔާން" ދޮރުކޮޅު ސުވަރުގައިން ހާއްސަކުރެވިފައިވާއިރު މި މައްސަރުގެ ތެރޭގައި އެއްހާސް މައްސަރުގެ އަޅުކަމުގެ ސަވާބު ލިބޭ ރެއެއްވަކަން ދަނެ އެ ރެއަށް ތައްޔާރުވާށެވެ. ރަމަޟާން މަހުގެ ރޭތައް މަޖަލާއި އުފަލުގައި ހޭދަކުރުމުގެ ބަދަލުގައި މިއީ ތިމާއާ ބައްދަލުކުރާ އެންމެ ފަހު ރަމަޟާން މަސް ކަމުގައި ދެކި އެކަމަށް ތައްޔާރުވެ، ހެޔޮގޮތުގައި ދުވަސްތައް ވޭތު ކުރާށެވެ.

މާތް ﷲ ތިބާއަށް ހެޔޮގޮތް މެދުވެރިކުރައްވާށިއެވެ. އާމީން.

comment ކޮމެންޓް