ދޫނިދޫގައި މަސައްކަތް ކުރާ ފުލުހުންނަށް ރޯދަމަހާ ދިމާކޮށް އައު މިސްކިތެއް

ދޫނިދޫގައި އަލަށް އިމާރާތްކުރި މިސްކިތް--ފޮޓޯ/ ޕޮލިސް

ދޫނިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ދޫނިދޫއަށް ޒިޔާރަތްކުރާ މީހުން ނަމާދު ކުރުމަށް އެރަށުގައި އަލަށް އިމާރަތް ކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ މެންދުރު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތް ރަސްމީކޮށް ހުޅުއްވާދެއްވީ ހޯމް މިިސްޓަރު އަޒްލީން އަހުމަދާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އިތުރުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހުމަދު ސައުދީއެވެ.

ދޫނިދޫއަކީ ތަހުގީގަށް ބަންދުކުރާ ގިނަ އަދެދެއްގެ ބަޔަކު ބައިތިއްބާ ރަށކަށްވާއިރު އެ ރަށަކީ އަންމު ގިނަ މީހުންވެސް އެކި ބޭނުންތަކުގައި ގޮސްއުޅޭ ރަށެކެވެ. މާލެއާ ދުރު ނޫން ހިސާބެއްގައި އޮންނަ ދޫނިދޫގައި ގިނަ އަދެއްގެ ފުލުހުން މަސައްކަތް ކުރާއިރު އެ ރަށުގައި އަލަށް ހުޅުވި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއެކު ފުލުހުން އިމާރާތްކުރި އެ މިސްކިތައް ޖުމުލަ ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވެފައިވާއިރު މިސްކިތުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާރިޗް މަހުގެ ހަ ވަނަ ދުވަހުއެވެ.

ދޫނިދޫގައި އަލަށް އިމާރާތްކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޕޮލިސް

ޖުމުލަ ދެ މަސްދުވަހާއި 19 ދުވަހުން އިމާރާތްކުރި ޒަމާނީ ފެންވަރަށް ތައްޔާރުކުރެވިފައިވާ މިސްކިތް ހުޅުއްވާދެއްވުމަށްފަހު ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ އެ މިސްކިތަކީ ފުލުހުންގެ ތެރޭގައި ދީނަށްއޮތް ލޯބި ދައްކުވައިދިން ނަމޫނާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި އެކިގޮތްގޮތުން ބައިވެރިވި ފުލހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ އިސްލާމީ މުޖްތަމައުއެއް ބިނާ ކުރުމުގެ އެންމެ މުހިއްމު އެއް އަސާސަކީ މިސްކިތް ބިނާކުރުން ކަމަށާއި ފުލުހުން މި ދައްކަދިނީ ހަރުދަނާ ނަމޫނާއެއް ކަމަށެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ދީނީ ބައެއްގެ ގޮތުގައި ހެދުމަށް މުއައްސަސާއިން ކުރަމުންދާ މަސައްކަތްވެސް ޒިޔާދުވަނީ ފާހަގަ ކުރައްވާފައެވެ.

އަލަށް ހުޅުވި މިސްކތް އިމާރަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މެރިން ޕޮލިސްއަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުން ގުޅިގެންނެވެ.

comment ކޮމެންޓް