ރަންމުތް: އަންހެނުން މަދު ދާއިރާތަކުގައި މަސައްކަތްކުރާ ފިސާރި ކަނބަލުންގެ ވާހަކަ

ހޯޕް ފޯ ވިމެން އިން ނެރުނު "ރަންމުތް" ފޮތް ޖެންޑާ މިނިސްޓަރު ޒެނީޝާ ނެރެދެއްވަނީ --- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގައި އަންހެނުން މަދު ދާއިރާތަކުގައި މަސައްކަތްކުރައްވާ އަންހެން ބޭފުޅުންގެ ތަޖުރިބާ އާއި މައުލޫމާތު ހިމަނައިގެން ހޯޕް ފޯ ވިމެން އިން ހާއްސަ ފޮތެއް ނެރެފިއެވެ.

ދެ އަހަރުގެ މަސައްކަތުން މައުލޫމާތު އެއްކޮށް ތައްޔާރު ކޮށްފައިވާ އެ ފޮތް ނެރެދެއްވީ ރޭ އެކަމަށްޓަކާ ބޭއްވި ހަފްލާއެއްގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއެވެ.

ހޯޕް ފޯ ވިމެން އިން ބުނި ގޮތުގައި، ރަންމުތް ފޮތުގައި އަންހެން މަދު ދާއިރާތަކުގެ އިސް ސަފަށް ފުރަތަމަ ނުކުންނެވި އަދި މިހާރުވެސް އެ ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާބިލް އަންހެން ކަނބަލުން، އެ ކަނބަލުންގެ ހަޔާތުގައި ދިމާވި ހުރަސްތަކާއި ވާހަކަތައް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން އެ ފޮތުގައި ޖުމްލަ 26 އަންހެން ކަނބަލެއްގެ ވާހަކަ ނުވަތަ ޕްރޮފައިލް ހިމަނާފައިވެއެވެ. ރަންމުތް ފޮތުގައި ހިމަނާފައިވާ އަންހެން ކަނބަލުން:

  • މޫމިނާ ހަލީމް: ފުރަތަމަ އަންހެން މިނިސްޓަރު އަދި ރައްޔިތުން މަޖިލިސް އަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން މެމްބަރު
  • އާމިނަތު އާތިފާ: ފުރަތަމަ އަންހެން ސިވިލް އިންޖިނިއަރު އަދި އާބަން ޕްލޭނާ
  • ފާތިނާ އަބްދުލް ހަކީމް: ފުރަތަމަ އަންހެން އިލެކްޓްރިކް އިންޖިނިއާ އިން ފިލްޑް ވޯކް
  • މާރިޔާ ދީދީ: ފުރަތަމަ އަންހެން ލޯޔަރު އަދި ސިޔާސީ ޕާޓީއެއްގެ ފުރަތަމަ އަންހެން ޗެއާޕާސަން
  • ސަމްހާ ޔޫސުފް: އެމްއެންޑީއެފްގެ ފުރަތަމަ އަންހެން ހަތިޔާރު އިންސްޓުރަކްޓަރު
  • ހަސީނާ މޫސާ: ފުރަތަމަ އަންހެން އަތޮޅު ވެރިޔާ
  • އާމިނަތު މުހައްމަދު: ފުރަތަމަ އަންހެން ކަތީބް
  • ރާޝިދާ ޔޫސުފް: ބޭރު ގައުމަކަށް ކަނޑައެޅި ފުރަތަމަ އަންހެން އެމްބެސެޑަރު
  • އައިޝަތު ބިސާމް: ފުރަތަމަ އަންހެން ޕްރޮސިކިއުޓަރު ޖެނެރަލް
  • ފާތިނާ ހަމީދް: ސަރުކާރު ކުންފުންޏެއްގެ ފުރަތަމަ އަންހެން ޗެއާ
  • ފާތިމަތު ޝަފީގާ: ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފުރަތަމަ އަންހެން ސީއީއޯ
  • އައިޝާ ސުޖޫން: ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު
  • އައިޝަތު އާޒިމާ ޝުކޫރު: ފުރަތަމަ އަންހެން އެޓާނީ ޖެނެރަލް
  • އަނީސާ އަހުމަދު: ރައްޔިތުން މަޖިލީހަށް އައްޔަންކުރި ފުރަތަމަ ނައިބް ރައީސް
  • އައިޝަތު މުނީޒާ: ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ އުފެއްދުމުގެ ފަހަތުގައި އުޅުއްވި އަންހެން ބޭފުޅާ
  • އާމިނަތު ސުޒީ: ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ޑެޕިއުޓީ ހެޑްކަން ކުރެއްވި ފުރަތަމަ ކަނބަލު
  • އާއިޝަތު ރަފިއްޔާ: ސިޔާސީ ޕާޓީއެއްގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރު
  • އިޒްމިޔާ ޒާހިރު: ފުލުހުންގެ ޑިވިޝަން ކޮމާންޑަރުކަން ކުރެއްވި ފުރަތަމަ އަންހެން ކަނބަލު
  • އާމިނަތު ފަޒްލީނާ އައްބާސް: ފުރަތަމަ އަންހެން ޑީޖޭ
  • އަޒީމާ އާދަމް: މަރުކަޒީ ބޭންކުގެ ފުރަތަމަ އަންހެން ގަވަރުނަރު
  • ދުންޔާ މައުމޫން: ފުރަތަމަ އަންހެން ފޮރިން މިނިސްޓަރު
  • ހިޔާމް އަފީފް: ފުރަތަމަ އަންހެން ސީޕްލޭން ޕައިލެޓް
  • މަރިޔަމް ވިސާމް: ފުރަތަމަ އަންހެން ރެޖިސްޓްރާ
  • އާއިޝަތު ޝިމްލާ: ޕޯޓް މެނޭޖްމަންޓުން ސްޕެޝަލައިޒްވި ފުރަތަމަ ކަނބަލު
  • އަޒްމިރަލްދާ ޒާހިރު: އިސްތިއުނާފް ކޯޓެއްގެ ހެމުނު ފުރަތަމަ އަންހެން ފަނޑިޔާރު
  • ފަރީހާ ޝަރީފް: ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ އަންހެން ޗެއާޕާސަން

ހޯޕް ވޯ ވިމެންގެ އިން ބުނީ، އެފަދަ ފޮތެއް ނެރުމުގެ މަގްސަދަކީ އަންހެނުންނަކީ ވެސް ބޭނުން ކޮންމެ ރޮނގަކުން ކުރިއަށް ދެވިދާނެ ބައެއްކަން އަދުގެ ޒުވާން ޖީލަށް އަންގައިދީ އެ ދާއިރާތަކުގައި މަސައްކަތް ކުރުމަށް ބޭނުންވަނީ ވަރުގަދަ އަޒުމަކާއި ހިތްވަރަކާއެކު ކެރުން ކަން ވިސްނައިދިނުން ކަމަށެވެ.

ހިލޭ ދިނުމަށް ހަމަޖެހިފައިވާ އެ ފޮތް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ތެރޭގައެވެ.

comment ކޮމެންޓް