ރިސޯޓަކުން ކަޓަމަރަންއެއްގައި ކަނޑަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

އދ. އަތޮޅުގައި އޮންނަ އަތުރުގައު އައިލެންޑް ރިސޯޓުން ކަޓަމަރަންއެއްގައި ކަނޑަށް ނުކުތް އެ ރިސޯޓުގެ މުވައްޒަފެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އަލީ އާޒިމް މިއަދު ވިދާޅުވީ، އަތުރުގައު ރިސޯޓްގެ ވޯޓާ ސްޕޯޓްސްގައި އުޅޭ ސްރީ ލަންކާގެ ރައްޔިތަކު މިއަދު 12 ޖަހާއެހާކަންހާއިރު 15 ވަރަކަށް ފޫޓުގެ ކަޓަމަރަން އެއްގައި ކަނޑުމައްޗަށް ނުކުތުމަށް ފަހު ގަޑިއެއްގެ އިރުވީ އިރު ވެސް، އޭނާގެ ހަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، އެސަރަހައްދުގެ މޫސުން ގޯސްވުމާ އެކު ރިސޯޓްގެ އުޅަނދު ފަހަރުތަކުން އޭނާ ފެނޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 12:50 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު އދ. މަހިބަނދޫގައި އޮތް ސީ އެންބިއުލާންސް އެ ސަރަހައްދަށް ފޮނުވައިގެން އެ މީހާގެ ހަބަރެއް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކެޕްޓަން އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް