މާލެއިން މުދާ ބަރުކޮށްގެން 16 މީހުންނާ އެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ރޭ ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބޯޓު ފަރަށް އެރިއިރު އޭގައި 16 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ފަރެސްމާތޮޑާ ކައުންސިލާ ގުޅި ނަމަވެސް އެ ރަށު ކައުންސިލަށް ވެސް މިހާތަނަށް މާ ބޮޑު ތަފުސީލުތަކެއް ލިބިފައިނުވާތީ އެ ކަން ވަނީ ވާގޮތް ނުވެފައެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވީ ރޯޝަނީ ބޯޓު ފަރަށް އެރިކަން އެނގުނީ މިއަދު ކަމަށެވެ. އަދި، އިތުރު ތަފުސީލު ހޯދަން ބޯޓުގެ ކައްޕިއާ ގުޅަން މަސައްކަތްކުރި ނަމަވެސް އެކަން މިހާތަނަށް ކާމިޔާބުވެފައިނުވާ ކަމަށެވެ.
ރޭގަނޑު ކަނޑުމަގުން ދަތުރުކުރާއިރު ބޯޓު ފަހަރު ފަރަށް އެރުމަކީ ދޭތެރެއަކުން ހިނގާ ކަމެކެވެ. މި ފަދަ ހާދިސާތަކުގައި ބައެއް ފަހަރު ބޮޑެތި ގެއްލުންވެފައި އެބަހުއްޓެވެ.