ގެދޮރު ގަތުމަށް ޚާއްސަ ސުކީމެއް ބީއެމްއެލް އިސްލާމިކުން ތައާރަފުކޮށްފި

ބީއެމްއެލް އިސްލާމިކްގެ ދެ ޑިރެކްޓަރުން ކަމަށްވާ، ފާތިމަތު މަނިކެ (ކ) އާއި ޒުލްޤަރްނައިން ތަމަން (ވ) -- ސަން ފޮޓޯ: ފަޔާޒް މޫސާ

ގެދޮރު ގަތުމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، ބީއެމްއެލް އިސްލާމިކުން ތައާރަފްކޮށްފައިވާ "ހައުސިން ފައިނޭންސް ސުކީމް"ގެ ތިން ވަނަ ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފި އެވެ.

"ބީއެމްއެލް އިސްލާމިކް ހޯމް ޕާރޗޭސް ފައިނޭންސިން"ގެ ނަމުގައި މިއަދު ތައާރަފްކުރި ސުކީމަކީީ އިސްލާމިކް ފައިނޭންސްގެ ރާއްޖޭގެ އެންމެ ކުޑަ ލީސިންގް ރޭޓްގައި ގެދޮރު ގަތުމަށް ދޫކުރެވޭ ފައިނޭންސިންގް ސުކީމް ކަމަށް އެ ބޭންކުން ބުންޏެވެ.

މިއަދު ތައާރަފްކުރި ސުކީމްގެ ދަށުން، ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ގެއެއް، ނުވަތަ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ބީއެމްއެލް އިސްލާމިކްގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ޑިރެކްޓަރު ޒުލްޤަރްނައިން ތަމަން ވިދާޅުވީ، އަމިއްލަ ގެދޮރުވެރި ބަޔަކަށް ވުމަށް މަސައްކަތްކުރަމުންދާ އާއިލާތަކާއި އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޕްރޮޑަކްޓެއް، އާންމުންނަށް ތައާރަފްކުރެވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ގިނަ އަދަދެއްގެ އެޕާޓްމަންޓް އަދި ރޯހައުސްތައް މިދުވަސްވަރު ރާއްޖޭގައި ދަނީ އަޅަމުން. އަދި މިއަދު މިއިއުލާން ކުރެވުނު ޕްރޮޑަކްޓް ވެގެންދާނީ ޝަރީއާ ހަމަތަކަށް ފެތޭ އަދި މާކެޓްގައި މިވަގުތު އެންމެ ކުޑަ ރޭޓްގައި ގެދޮރު ގަތުމަށް ބޭނުންވެފައި ތިބި ކަސްޓަމަރުންނަށް ލިބޭ އުފާވެރި ޚަބަރަކަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އެ ބޭންކުން މަސައްކަތްކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވިގޮތަކަށް ބެންކުގެ ކަންކަން ބައްޓަންކުރުމަށް ކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ ހެޑް އޮފީސް

ބީއެމްއެލް އިސްލާމިކުން ވަނީ، މިދިޔަ ފެބްރުއަރީ މަހު، ހޯމް ކޮންސްޓްރަކްޝަން އަދި ރެއަލްއެސްސްޓޭޓް ފައިނޭންސިންގެ ޚިދުމަށް ފަށައިފަ އެވެ.

ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރު ފާތިމަތު މަނިކެ ވިދާޅުވީ، މިއަދު ތައާރަފްކުރެވުނު ޕްރޮޑަކްޓަކީ، އިސްލާމީ ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށް ބޭންކުން ތަޢާރަފްކުރުމަށް ހަމެޖެހިފައިވާ ހައުސިން ފައިނޭންސިން ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ފަހުގެ ޕްރޮޑަކްޓް ކަމަށެވެ.

"ކަސްޓަމަރުންނަށް އޮތް އެންމެ އުފާވެރި ޚަބަރަކީ، މިވަގުތު ބީއެމްއެލް އިސްލާމިކުން ދޫކުރާ ހައުސިން ފައިނޭންސިންގެ ހުރިހާ ޕްރޮޑަކްޓްތަކަކީ ވެސް ރާއްޖޭގައި މިވަގުތު ލިބޭނޭ އެންމެ ކުޑަ ލީސިން ރޭޓްގައި ދޫކުރާ ޕްރޮޑަކްޓަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެދޮރު އިމާރާތްކުރުމަށް ފަންޑް ބޭނުންވެފައި ތިބި ގިނަ ބަޔެއްގެ ތަރުހީބު މި ޕްރޮޑަކްޓްތަކަށް ލިބެމުންދާ ކަމަށެވެ.

"މި ޕްރޮޑަކްޓްތައް ތައާރަފްކުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އާއިލާތަކާއި އަމިއްލަ ފަރާތްތަކުން ބޭންކާ ބައިވެރިވެގެން ގެދޮރު އިމާރާތްކުރުމަށް ފޯމުތައް ހުށަހަޅާފައިވޭ." އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ފަރުމާކުރެވިފައި ވަނީ އިސްލާމީކް ބޭންކިންގް އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީންނެވެ.

ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

ހޯމް ޕާރޗޭސް ފައިނޭންސްއަށް އެދޭ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން، މާލޭ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ މާލޭ ބްރާންޗުން މިއަދުން ފެށިގެން ކުރިއަށް ދާނޭކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ. އަދި މާލޭން ބޭރުގައި ހުރި ބީއެމްލްގެ ހުރިހާ ބްރާންޗަކުން ވެސް މި ފޯމް ބަލައިގަންނަމުންދާނެ އެވެ.

comment ކޮމެންޓް