ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް، އިންޑިއާއިން ފަސްވަނަ ފަހަރަށް ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.
މިއަދު ނޭޕާލްގެ މައްޗަށް އިންޑިއާއިން ކުރި ހޯދިއިރު، ރާއްޖެއާއި ސްރީ ލަންކާ އަދި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ވެސް އިންޑިއާއިން ވަނީ ކާމިޔާބުކޮށްފައެވެ. ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން އިންޑިއާއަށް މިއަހަރު ބާއްވާ ފީބާ އޭޝިއާ ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި ނޭޕާލްގެ މައްޗަށް އިންޑިއާއިން ކުރި ހޯދީ 6-25 ޕޮއިންޓުންނެވެ. ދެވަނަ ކުއާޓާ 13-45 ޕޮއިންޓުން ކުރީގައި އޮވެ އިންޑިއާއިން ނިންމާލިއިރު، ތިންވަނަ ކުއާޓާ ނިންމާލީ 26-71 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. އަދި އިންޑިއާއިން ފަހު ކުއާޓާ ނިންމާލީ 44-90 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
އެ މުބާރާތުގެ އެއްވަނަ އިންޑިއާއިން ހޯދިއިރު، ދެވަނަ ހޯދާފައިވަނީ ބަނގްލަދޭޝްއިންނެވެ. އެ މުބާރާތުގެ ތިންވަނަ ހޯދާ ޓީމެއް ކަށަވަރުވާނީ މުބާރާތުގެ ފަހު މެޗުގައި ރާއްޖެ އާއި ސްރީ ލަންކާ މިރޭ 9:00ގައި ބައްދަލުކުރާ މެޗަށްފަހުއެވެ. ލަންކާ އާއި ނޭޕާލުން އެއް މެޗު ކާމިޔާބުކޮށްފައިވާއިރު، ރާއްޖެއަށް އަދި މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިއީ އިންޑިއާއިން ވިދިވިދިގެން ކާމިޔާބުކުރި ހަތަރުވަނަ ސާބާ ޗެމްޕިއަންޝިޕެވެ. އެންމެ ފަހުގެ ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާއެވެ.