ބިޔަ ރާޅުތަކުގެ ތެރޭގައި އެހީއަށް އެދުމުން އަނބުރާލީ ދުރަށް!

ކޮޅުވެއްޓީގައި ހުރި ދިވެހި އަންހެން މީހާ އާއިލާއާ ބައްދަލުކުރަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިފަހަކަށް އައިސް އެންމެ ބާރަށް ދެކެވެނު ވާހަކައަކީ ދިވެހި ދެމަފިރިއަކާއި ހަތަރު ބިދޭސީންނާއެކު ކޮޅުވެއްޓިއެއް އޮޔާ ގެންދިޔަ ވާހަކަ އެވެ. ސަލާމަތުގެ އައްސޭރިއަކަށް އެ މީހުންނަށް ދެވޭނެ ދުވަހަށް އެތައް ބަޔަކު ތިބީ އިންތިޒާރުކޮށްގެންނެވެ. ބިޔަ ރާޅުތަކުގެ ޝިކާރައަކަށްވެ، ރާއްޖެ ނުފެންނަ ހިސާބަށް އެ މީހުން ތިބި އުޅަނދު ގެންދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ކައްޕިއަށް ދުއްވަންވީ ކޮން ދިމާލަކަށް ކަން ހުށިޔާރުކަމާ އެކު ދެނެގަނެވުނަސް މޫސުން އެކަމަކަށް "ދީލާލެވޭ" ގޮތެއް ނުވި އެވެ.

ކޮޅުވެއްޓީގައި ތިބި ދިވެހިން އެމީހުންގެ އާއިލާއާ އެކު އިންޑިއާ މަނަވަރުގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ބިރުވެރި ގަދަ ކަނޑުގެ ތެރޭގައި ވަގުތުތައް ގުނައި، ހަފްތާއަކަށް ވުރެ ގިނަ ދުވަހު ކަނޑުމަތީގައި ހޭދަ ކުރުމަށްފަހު އެ އުޅަނދުގައި ތިބި މީހުން މިއަދު ވަނީ މާލެ ގެނެސްފަ އެވެ. އެމްއެންޑީއެފާއި އިންޑިއާ ސިފައިންގެ ބުރަ އޮޕަރޭޝަނަށްފަހު، އެ މީހުން މިއަދު މާލެ ގެނައުމުން، ކޮޅުވެއްޓީގެ ކައްޕިތާނު، ތ. ވިލުފުށި އާދަމް ނައީމް ވަނީ "ކުރުކޮށް ފޮނިކޮށް" އެ ހާދިސާ ހިނގިގޮތް ނޫސްވެރިންނަށް ކިޔާދީފަ އެވެ.

ސަލާމަތުން ހިކި ފަސްގަނޑެއްގައި ފައި ޖައްސާލެވުމުގެ ފޮނި އުންމީދެއްގައި ތިއްބައި، މާޔޫސްކަން ގެނުވި ދަނޑިވަޅެއް ދިމާވި ކަމަށާއި އެ ހާލަތު ކަން ހިނގި ގޮތް ވެސް ކަންޕިތާނު ކިޔައިދިނެވެ. އިންސާނިއްޔަތު ކަމުގެ ކުލުނެއް ނެތް ބަޔަކު، ބޮޑު އުޅަނދެއްގައި ކޮޅުވެއްޓިއާ ދިމާއަށް މިސްރާބު ޖަހާފައި ވެސް، ހާލުގައި ޖެހިފައި ތިބި ބައެއްކަން އެނގުމުން އެމީހުން އަނބުރާ ދިޔައީ ކަމަށް މާރިއާ-3 ގެ ކައްޕި އާދަމް ނައީމް ބުންޏެވެ.

ކޮޅުވެއްޓީގެ ކައްޕި މާލެއަށް އައުމަށްފަހު ފޯނެއްގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ރޭމްޕް ވެއްޓުނު އިރު އޮންނާނީ މ. އަތޮޅާ ގާތްގަނޑަކަށް 40 މޭލު ބޭރުގައި. އެހިސާބުގައި ހިފެހެއްޓިން ދެރެޔާ އެއް ދުވަސް. އެހެން ނަމަވެސް އިތުރަށް ގަދަވެ، ރޭމްޕް ވެއްޓިފައި އޮތުމާ ގުޅިގެން ހަމަ ދުރަށް ދިޔައީ. ދަނިކޮށް އެރޭ 7:30 ހާއިރު ފެނުނު އުޅަނދެއް ހަމަ ދިމާއަށް، އަޅުގަނޑުމެންނާ ދިމާލަށް އައީ. ދެން އަންނަނިކޮށް އަޅުގަނޑުމެން އަލިފާން ބޯޅަ އެއްޗެހި [ހާލުގައި ޖެހިފައިކަން އަންގައިދޭ އުކުޅު] ޖަހަން ފެށީމަ އަނބުރާލާފަ ގޮއްސި ދުރަށް،" ކައްޕި ބުންޏެވެ.

ކަނު އަނދިރީގައި ބޯ ވިއްސާރައިގައި އެއީ ކޮން ބައެއްކަމެއް ނޭންގުނެވެ. އެހިސާބުން ކޮންމެސް ވަރަކަށް މާޔޫސްވި ނަމަވެސް އުންމީދަކަށް އަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައްޕި މަސައްކަތް ކުރަމުން ދިޔައީ އެންމެ ކައިރި ހިސާބަކަށް ކޮޅުވެއްޓި ދުއްވޭތޯ އެވެ. ހުށިޔާރުކަމާ އެކު ކައްޕި ދުއްވަންވީ ސީދާ ދިމާ ދެނެގަތެވެ.

ކޮޅުވެއްޓީގައި ހުރި ބިދޭސީ އެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ނަމަވެސް ބިޔަ ރާޅުތަކާ ދެކޮޅަށް އެކަން ކާމިޔާބުވާ ގޮތެއް ކައްޕިއަކަށް ނުވި އެވެ. އެ ގަދަ ކަނޑުގައި ވެސް އިރާދަފުޅާ އެކު އެއްވެސް މީހެއްގެ ހާލު ދެރަނުވާ ކަމަށާއި އެންމެން ތިބީ އެކުވެރިކަމާ އެކު ގަދަވެ ސަލާމަތުން ކަމަށް ކައްޕި ބުންޏެވެ. ހާއްސަކޮށް ލޯބިވާ އަނބިމީހާ ދެއްކި ހިތްވަރު ވެގެން ދިޔައީ ކައްޕިއަށް ލިބުނު އިތުރު ބާރަކަށެވެ.

ރޭމްޕް ވެއްޓިފައި އޮތުމުން މަޑުމަޑުން ކޮޅުވެއްޓި ދުއްވުނު ނަމަވެސް، ދެން ޖެހުނީ މާ ވަރުގަދަ ވިއްސާރަ ގަނޑެކެވެ. އެއީ ގާތްގަނޑަކަށް ގުރައިދޫއާ މާފުއްޓާ ދެމެދުގެ ހިސާބުން ފުދޭ ވަރަކަށް ބޭރު ކަމަށް ކައްޕި ބުންޏެވެ. ސެޓަށް އެއްވެސް ރޭންޖެއް ނުލިބޭ އިރު، ގަދަ ވަޔާއެކު ރާޅުތައް ހުރިވަރުން އޭނާގެ އެއްވެސް ކޮންޓްރޯލެއް އޭރު އުޅަނދުގެ މައްޗަކަށް ނުހިނގާ ކަމަށާއި އުޅަނދު ދަނީ ހައްތަހާވެސް ރާއްޖެއާ ދުރަށްކަމަށް ކައްޕި ބުންޏެވެ.

ނަމަވެސް ރޭމްޕް ވެއްޓުނު ފަހުން 140 މޭލަށް "އައްދަށަށް" އިންޖީނު ހިންގައިގެން މ. އަތޮޅާ ދިމާއަށް ދެވުނު ކަމަށް ކައްޕި ބުންޏެވެ. ނަމަވެސް އެއީ ރޭންޖް ނުލިބޭ ހިސާބަކަށް ވާތީ މީހަކާ ގުޅޭގޮތެއް ނުވިކަމަށް ކައްޕި ބުންޏެވެ.

އިންޑިއާ ނެވީއާއި ދިވެހި ކޯސްޓްގާޑްގެ ކޮމާންޑަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރައްކާތެރިކަމުގެ ކަންކަމަށް ބަލާ އިރު، އުޅަނދުގައި ކާއެއްޗެހި ވެސް ބަރާބަރަށް ހުއްޓެވެ. ޕާނާއި ބިސްގަނޑު އަޅާނެ ކުކުޅުބިސް އަދި ފެން ފަދަ ތަކެތި އޭގައި ހުއްޓެވެ. ބަތް ކެއްކެން ވެސް ހުރި ކަމަށް އުޅަނދުގައި ހުރި ލަންކާގެ ކްރޫ ބުންޏެވެ. ކައްޕި ބުނި ގޮތުގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު، ކޮންމެ ދުވަހަކު ވަރުބަލި ނުވާނެ ވަރަށް ކެވޭނެ ތަކެތި އޭގައި ހުއްޓެވެ. ކަނޑުމަތީގައި ހޭދަކުރި ވަގުތުތަކުގައި ބަލިނުވެ ސަލާމަތުން ތިބީ ވެސް ބަރާބަރަށް ކައިގެން އުޅުމުންނެވެ.

ކައްޕީގެ ވާހަކަތަކުން ފާހަގަވީ އެ މީހުން ކަނޑުމަތީގައި ހޭދަކުރި 140 ގަޑިއިރުގައި ވެސް އުންމީދު ކަނޑާނުލާ ކަމެވެ. އުޅަނދު ދޫކޮށް އެންމެން މިއަދު މާލެއަށް އައިއިރު، އެންމެންނަށް ތިބީ އުފަލުން ރޮވިފަ އެވެ. ކައްޕީގެ މޫނުން އެއްވެސް ހާސްކަމެއް ފެންނަން ނެތަސް، އާއިލާމީހުންނާ ދިމާވެ އެމީހުންނާ ބައްދާލެވުމުން ބައެއް "އިމޯޝަންތައް" ފެނިގެންދިޔަ އެވެ. ހުރިހާ ވެސް ޝުކުރެއް އަދާކުރަނީ އެމްއެންޑީއެފާއި އިންޑިއާ ސިފައިން ކުރި މިންނެއް މަސައްކަތަށެވެ. އެބޭކަލުން ވީ ގުރުބާނީއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.

comment ކޮމެންޓް