އިސްރާއީލުން ގުދުސަށް ވެރިވެގަތީއެއް ނޫން، މިނިވަން ކުރީ: ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: އޭޕީ

ގުދުސް (މެއި 22): މީގެ 50 އަހަރު ކުރިން އިސްރާއީލުން ގުދުސަށް ވެރިވެގަތީ ނޫން ކަމަށާއި އެގައުމުން އެސަރަހައްދު މިނިވަން ކުރީ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ކުރިއަށް ދިޔަ އަރަބި އިސްރާއީލީ ހަނގުރާމައިގައި އިސްރާއީލުން އިރުމަތީ ގުދުސް ހިފިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ގުދުސް އަބަދުވެސް އޮންނާނީ އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށެވެ.

"އަޅުގަނޑު މުޅި ދުނިޔެއަށް ވަރަށް ސާފުކޮށް ހަރު އަޑުން ބުނެލަން އޮތީ ގުދުސް އަބަދުވެސް އޮތީ އަދި އަބަދުވެސް އޮންނާނީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަމަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ އެފަދައިން ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިސްރާއީލަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރައްވާނެ ކަމަށް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް، ޓްރަމްޕްގެ މިދަތުރުފުޅުގައި އެކަން ރަސްމީކޮށް އިއުލާން ނުކުރައްވާނެކަން ހާމަވުމުން އިސްރާއީލުން ވަނީ ހިތްހަމަނުޖެހިފައެވެ.

މިއަދު ގުދުސްގައި ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ފަހު މާދަމާ ޓްރަމްޕް ފަލަސްތީނަށް ވަޑައިގެން، އެގައުމުގެ ރައީސް މަހުމޫދު އައްބާސާ ބައްދަލުކުރައްވާނެ އެވެ. އަދި އޭގެ ފަހުން ބެލްޖިއަމް، ވަޓިކަން އަދި ސިސިލީ އަށް ޓްރަމްޕް ޒިޔާރަތް ކުރައްވާނެ އެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ސައުދީ އަރަބިއާއަށެވެ. އަދި އެގައުމުގައި އޮތް އަރަބް އިސްލާމިކް އެމެރިކަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ޓެރަރިޒަމް ނައްތާލުމަށް އިސްލާމީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. (ޖެރުސަލާމްޕޯސްޓް)

comment ކޮމެންޓް