ޓެރަރިޒަމް ނައްތާލުމަށް އިސްލާމީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނަން: ޓްރަމްޕް

ސައުދީގެ އެންމެ ޝަރަފްވެރި މެޑަލް ޓްރަމްޕަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭއެފްޕީ

އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ ސަގާފަތް އެހެން ގައުމުތަކަށް ފުޅާ ކުރުމުގެ ބަދަލުގައި މަސައްކަތް ކުރާނީ އިސްލާމީ ގައުމުތަކާ ގުޅިގެން ދުނިޔޭގައި ސުލްހަ ގާއިމް ކުރުމަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިއަދު ފެށި "އަރަބް އިސްލާމިކް އެމެރިކަން ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރު ސައުދީ އަރަބިއްޔާއަށް ކުރެއްވީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

"މުސްލިމު ދުނިޔޭގެ ހިތް ކަމުގައި ސައުދީ އަރަބިއްޔާއަށް އަޅުގަނޑު މި އައީ. މުސްލިމުގެ އެންމެ ގަދީމީ އަދި މުގައްދަސް ބިމުގައި ހުރެ އަޅުގަނޑު އެމެރިކާ ރައްޔިތުންނަށް ވައުދުވަން. ޒަމާނުއްސުރެ އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާ ރަހުމަތްތެރި ގައުމުތަކާއި، އާ ޕާޓްނާޝިޕްތަކެއް އުފައްދައިގެން އެ ގައުމުތަކާ ގުޅިގެން ދުނިޔެއަށް ހަމަޖެހުމާއި މަސަލަސްކަން ގެނައުމަށް މަސައްކަތް ކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ދީނާއި، އެ ރައްޔިތުން އުޅޭ ގޮތް އެހެން ގައުމުތަކުގައި އަހުލުވެރިކުރުވުމަށް އެގައުމުން މަސައްކަތެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އެގައުމުން މަސައްކަތް ކުރާނީ ގައުމުތަކުގެ މެދުގައި އިތުބާރު ދަމަހައްޓައިގެން މުޅި ދުނިޔޭގައި ހަމަޖެހުން ގާއިމް ކުރުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މަގްސަދަކީ ގައުމުތައް އެއްބައިވެ މުޅި ދުނިޔެއަށް ވަކި ހިއްޕާލާފައިވާ އެކްސްޓްރީމިޒަމް ނައްތާލުން. އަދި އަޅުގަނޑުމެންގެ މުސްތަގުބަލުގެ ޖީލަށާއި ދަރިންނަށް ފާހަގަތި މުސްތަގުބަލެއް ހޯދައިދިނުން،" ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އޭގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެގައުމުގެ އަސްކަރިއްޔާއިން މީގެ ކުރިން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި ނަމަވެސް ދެން މަސައްކަތް ކުރާނީ މުސްލިމް ގައުމުތަކަށް ހިމާޔަތް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެ މި ތިބީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމެއް ނައްތާލުމަށް މަސައްކަތް ކުރުމަށް. އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް. ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ވަކި ދީނަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން. އެއީ ހަރުކަށި ވިސްނުމާ ދެކޮޅަށް ކުރާ ހަނގުރާމައެއް،" ޓްރަމްޕް ވިދާޅުވިއެވެ.

އިސްލާމީ 56 ގައުމަކުން ބައިވެރިވާ ސަމިޓް ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސައުދީ ރަސްގެފާނު ސަލްމާން އެވެ. އެ ސަމިޓުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް