ޓެރަރިސްޓުންނާ ހަނގުރާމަ ކުރުމަށް 34,000 ސިފައިންގެ އިސްލާމީ ލަޝްކަރެއް އެކުލަވާލަނީ

ރިޔާޒް (މޭ 22): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އިސްލާމީ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އަރަބި އިސްލާމިކް އެމެރިކަން ސަމިޓް ސައޫދީ ވެރިރަށް ރިޔާޒްގައި ނިންމާލައިފިއެވެ.

މި ސަމިޓް ނިންމާލުމުގެ ގޮތުންވަނީ ރިޔާޒް ޑެކްލަރޭޝަންގެ ނަމުގައި ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ޓެރަރިޒަމާ ކުރިމަތިލުމަށްޓަކައި އެމެރިކާއާއި އިސްލާމީ ދުނިޔެއާ ދެމެދު އެލަޔަންސެއް ހެދުމުގެ މުހިއްމުކަން ހާމަކޮށްފައިވެއެވެ. އަދި އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި 34,000 ސިފައިންގެ ލަޝްކަރެއް އިސްލާމީ ގައުމުތަކުން އެކުވަލާލަން ތައްޔާރަށް އޮތްކަންވެސް މިޑެކްލަރޭޝަންގައި ހާމަކޮށްފައިވެއެވެ.

ރިޔާޒް ޑެކްލަރޭޝަންގައި، އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގާ ޓެރަރިސްޓް އަމަލުތަކުގެ 99 އިންސައްތަ ޝިކާރައަކަށްވަނީ މުސްލިމުންނާއި އިސްލާމީ ގައުމުތައްކަން ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމް ދީނާ ޓެރަރިޒަމާ ގުޅުވުމަށް ކުރާ މަސައްކަތްކުށްވެރިކޮށް ޓެރަރިޒަމަކީ އެއްވެސް ދީނަކަށް، މަޛްހަބަކަށް ނޫނީ ނަސްލަކަށް ނިސްބަތްނުވާ ހަރަކާތެއްކަންވެސް ބަޔާންކޮށްފައިވެއެވެ.

އިސްލާމީ ފިކުރަށް ބަލާއިރު މެދުމިނުގެ ފިކުރަށް ތަބާވުމަށް މުސްލިމުންނަށް ގޮވާލާފައިވެއެވެ. އަދި އިސްލާމީ އިލްމުވެރިންގެ ދަރުސްތަކާއި ޚިތާބުތައްވެސް މެދުމިނުގެ އިސްލާމީ ފިކުރާއެއްގޮތަށް ބައްޓަން ކުރުމަށް ބާރުއަޅާފައިވެއެވެ.

ރިޔާޒް ޑެކްލަރޭޝަންގައި ވަކި ގައުމަކަށް ބަހުގެ ހަމަލާތައް ސީދާ ގޮތެއްގައި ރައްދުކޮށްފައިވަނީ ހަމައެކަނި އީރާނަށެވެ. ނަމަވެސް އީރާނަށް ބަހުގެ ހަމަލާތައް ރައްދުކުރީ އީރާނުގެ އެންމެ ބޮޑު ހަތުރުކަމަށްވާ އެމެރިކާއާއި ސައޫދީންނެވެ.

މުސްލިމުންގެ މުގައްދަސް ބިންތައްކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާއަށާއި ފަލަސްތީނުގެ މުޅި ބިންތަކަށް ގަދަބާރުން ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ ޔަހޫދީ އިސްރާއީލާދެކޮޅަށް އެއްވެސް އެއްޗެއް މިސަމިޓްގައި ބުނެފައެއް ނުވެއެވެ.

އީރާނުގެ މައްޗަށް ކޮށްފައިވަނީ މެދުއިރުމައްޗަށް ބާރާއި ނުފޫޒު ހިންގާކަމުގެ ތުހުމަތެވެ. އަދި އިރާގާއި ސޫރިޔާއާއި ޔަމަންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދާޚިލީ ހަނގުރާމަތަކުގެ މަސްއޫލިއްޔަތު އަޅުވާފައިވަނީވެސް އީރާނުގެ ބޮލުގައެވެ.

މިއީ ޓެރަރިސްޓް ޖަމާއަތްތަކާއި އީރާނާދެކޮޅަށް އެމެރިކާ ގުޅިގެން ބާއްވާ ސަމިޓެއްކަމަށް ސައޫދީން އިޢްލާންކޮށްފައިވާއިރު އީރާނުންވަނީ އައިއެސް އާއި އަލްގާއިދާ ޖަމާއަތުގައި ޓެރަރިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ އީރާނުގެ ޝިޔައީން ނޫންކަމާއި އެފަދަ ޖަމާއަތްތައް އުފައްދައި އެޖަމާއަތްތައް ލީޑްކޮށް އެޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ ގޮތުގައި ގިނައީ ގަތަރާއި ސައޫދީ އަރަބިޔާގެ "ސަލަފީ ޖިހާދީ" ފިކުރުގެ މީހުންކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކުގައި ބުނާކަމަށް އީރާނުން ހާމަކޮށްފައިވެއެވެ. އަދި އައިއެސްއަށް ފަންޑްކުރާ ކަމުގެ ތުހުމަތުވެސް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކުގައި ކޮށްފައިވަނީ ސައޫދީ އާއި ގަތަރުގެ ރަސްމީ ފަރާތްތަކާ ގުޅިފައިވާ މުއްސަނދިންނަށާއި ވަކިވަކި ފަރުދުންގެ މައްޗަށެވެ.

އިސްލާމީ އެތަށް ގައުމަކަށް ގަދަބާރުންއަރައި އެގައުމުތައް ހަލާކުކޮށްލީ އެމެރިކާ ކަމަށްވީނަމަވެސް އަދި އިސްރާއީލުގެ އަނިޔާވެރިކަމުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށްވީނަމަވެސް މިސަމިޓްގައި ބައިވެރިވި އެއްވެސް ގައުމަކުން އެމެރިކާއާ ދެކޮޅަށް އަޑުވެސް އުފުލާލާފައެއް ނުވެއެވެ.

ރިޔާޒްގައި ބޭއްވި އަރަބި އިސްލާމިކް އެމެރިކަން ސަމިޓަކީ ސައޫދީ އިސްވެ އޮވެގެން ބޭއްވި ކަންދެއްކުމުގެ ނިޔަތުގައާއި ސައޫދީ ޝާހީ އާއިލާއަށް އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މައްޗަށް ބާރުފޯރުވޭކަން ދެއްކުމުގެ ބޭނުމުގައި ކަމަށް އީރާނުގެ ރަސްމީ މީޑިޔާއިން ބުނެފައިވެއެވެ. ނަމަވެސް ސައޫދީންގެ ދައުވަތަށް މިސަމިޓަށް ގިނަ ގައުމުތަކުން ޙާޒިރުވީ ގަތަރާއި ސައޫދީން ފައިސާގެ ބޮޑެތި އެހީތަކެއްދީގެން އީރާނުން ފާހަގަކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް