މަންޑޭއާއެކު ހަބޭސްގެ މަދަހަ ވީޑިއޯ ސީޑީއެއް ނެރެނީ

ހަބޭސްގެ ވީޑިއޯ މަދަހަ އަލްބަމް ފެންނަ ފޮޓޯއެއް ---

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، "ހަބޭސް"ގެ ފަރާތުން އަންނަ ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުގައި މަދަހަ ވީޑިއޯ ސީޑީއެއް ނެރެން ނިންމައިފިއެވެ. "ޒަމާން"ގެ ނަން ދީފައިވާ އެ މަދަހަ ވީޑިއޯ ސީޑީއަކީ ހަބޭސް އިން އުފައްދާ ފުރަތަމަ މަދަހަ ސީޑީއެވެ.

ހަބޭސް ގްރޫޕްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ، އަމިއްލަ ރާގުގެ ހަތް މަދަހަ ހިމެނޭ އެ މަދަހަ ވީޑިއޯ ސީޑީ ރަސްމީކޮށް ނެރޭނީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު ޓީވީއެމް އިން ގެނެސްދޭ "ހޭޔަންބޯ" ޕްރޮގްރާމްގައި ކަމަށެވެ.

އެޗްޑީ ވީޑީއޯތަކަކާއެކު ނެރޭ އެ މަދަހަ ސީޑީގައި ހިމެނޭނީ އެއްވެސް މިއުޒިކަކާ ނުލާ ކިޔާފައިވާ މަދަހަތަކެކެވެ. އަދި މަދަހަތަކުގެ ލިރިކްސް އާއި މިއުޒިކް، ރެކޯޑިން އަދި މަދަހަ ތަކުގެ ވީޑިއޯ ވެސް ހަދާފައި ވަނީ ހަބޭސް ސްޓޫޑިއޯ އިންނެވެ.

އެ މަދަހަ ސީޑީއަށް މަދަހަތައް ކިޔައިދީފައި ވަނީ ބޮޑުބެރުގައި ރަން އަޑެއްގެ ވެރި، އިބްރާހިމް މަމްދޫހް (މަންޑޭ) އާއި އޭނާގެ ކޮއްކޮ ނަސްރު، ހަބޭސް ބޮޑުބެރު ގްރޫޕްގެ ވޯކަލިސްޓް ހަސަން ތޮލާގް (ތޮލާ)، މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި އަދި ހަބޭސް ގްރެވިޓީގެ ވޯކަލިސްޓް މުއައްޒިންގެ އިތުރުން މިއަހަރުގެ ސީޒަންގައި ފެނުނު އިބްރާހިމް ވަހީދު (ބޮޑުބެ)، ސައްޔާހް، ޝާރިމް އަދި ހުސެއިން (ސެން) އެވެ.

ހަބޭސް އިން ބުނިގޮތުގައި، ޒަމާން މަދަހަ ސީޑީ ނެރުމަށްފަހު، ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ސީޑީ ހިލޭ ލިބޭނެއެވެ.

comment ކޮމެންޓް