މި އަހަރު އިންޑިއާގެ ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ބެލުންތެރިންގެތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ޓޮކްސިކް"ގެ މުޅީން އާ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމަކީ މަޝްހޫރު ކަންނާޑާ އެކްޓަރު އަދި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ކޭޖީއެފް"ގެ ދެ ފިލްމުގެ ލީޑް އެކްޓަރު ޔަޝް ބަތަލުގެ ރޯލް ކުޅެފައިވާ ފިލްމެކެވެ.
ފިލްމު "ޓޮކްސިކް"ގައި ޔަޝް ފެންނާނީ ވަރަށް ވަރުގަދަ ގޭންގްސްޓާއެއްގެ ރޯލްއިންނެވެ. ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި ޔަޝް ވެސް ހިމެނޭއިރު ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތުގައި ނުރަސްމީކޮށް އެކްޓަރު ބައިވެރިވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ޓޮކްސިކް"ގެ މުހިއްމު ރޯލްތަކުން ފެންނާނެ ބަތަލާއިން ފެންނަ ޕޯސްޓަރެއް އަދި ފިލްމުގެ ލީޑް ރޯލް ކުޅޭ ޔަޝް--ފޮޓޯ/ފިލްމުފެއަ
ފިލްމު "ޓޮކްސިކް"ގެ ކާސްޓުގައި ބޮލީވުޑްގެ ބައެއް ތަރިންވެސް ހިމެނޭއިރު ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެ ކެރެކްޓާ ވެސް ދާދިފަހުން ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި ކިއާރާ އަދުވާނީ، ހުމާ ގުރޭޝީ، ތާރާ ސުތާރިއާ އަދި ނަޔަންތާރާ ހިމެނެއެވެ.
މީގެއިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ އިތުރު ފިލްމީ ތަރިންގެތެރޭ ރުކްމަނީ ވަސަންތު، ސުދޭވް ނައިރު، އަކްޝޭ އޮބޮރޯއި، ސުރްޖީތު ގޯޕީނާތު އަދި އަމިތު ތިވާރީ ހިމެނެއެވެ.
ޖުމްލަ 66 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ "ޓޮކްސިކް" އަންނަ މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާއިރު އެ ތާރީޚުގައި ޑައިރެކްޓަރު އަދިތިޔަ ދަރުގެ ފިލްމު, "ދުރަންދަރު"ގެ ދެވަނަ ބައިވެސް ރިލީޒްކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.
މި ދެ ފިލްމަކީ ވެސް ވަރަށް ބިޔަ ބަޖެޓަކުން އުފައްދާ ވަރުގަދަ ދެ ފިލްމަށް ވުމުން ބޮކްސް އޮފީހުގައި ކުރި ހޯދާނެ ފިލްމަކާ ދޭތެރޭ ބެލުންތެރިންގެ މެދުގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.