ޓްރެއިލާ ރިލީޒްކުރުމާ އެކު 'ދަ ކެރެލާ ސްޓޯރީ 2' ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް

މި އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމު "ދަ ކެރެލާ ސްޓޯރީ 2: ގޯސް ބިޔޯންޑް"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ފިލްމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައިފިއެވެ.

އާންމުންގެ ނުރުހުމާއި ފާޑުކިޔުންތައް ފިލްމަށް ރައްދުވެފައިވާއިރު ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރައި ވިޖަޔަން ވަނީ "ދަ ކެރެލާ ސްޓޯރީ 2"އަކީ މުޅިން ދޮގު މައުލޫމާތު ހިމެނޭ, ދޮގުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވަރަށް ވަރުގަދަ ޕްރޮޕެގެންޑާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ފިލްމު ރިލީޒްކުރަން ހަފުތާއަކަށްވެފައި ވަނިކޮށް ގިނަ ބަޔަކު ވަނީ ފިލްމު ރިލީޒްކުރުން މަނާކޮށް ކޯޓު އަމުރެއް ނެރުމަށް އިންޑިއާގެ ހައިކޯޓުތަކަށް ގޮވާލާފައެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއި ވިޖަޔަން އަދި ފިލްމު "ދަ ކެރެލާ ސްޓޯރީ 2"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކަމަހްޔާ ނާރަޔަން ސިންގް ޑައިރެކްޓްކޮށް ވިޕުލް އަމްރުތުލާލް ޝާހް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ސެންސަރު ބޯޑުން އަންޑަ އޭޖް ސެޓްފިކެޓެއް ދީފައިވާއިރު އެ ސެޓްފިކެޓު ބާޠިލު ކުރުމަށް ވެސް އާއްމުންގެ ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މި ފިލްމަކީ މުޖްތަމައުތެރޭ އޮތް އެއްބައިވަންތަކަށް ނައްތާލުމަށް އުފައްދާފައިވާ ވިހަގަދަ ޕްރޮޕެގެންޑާ ފިލްމެއް ކަމަށް ބުނެ ކެރެލާއަށް ނިސްބަތްވާ ބައޮލޮޖިސްޓް ސްރީދޭވް ނަމްބޫދިރީ ވަނީ ކެރެލާ ހައި ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

މި ޕެޓިޝަނުގައި، ފިލްމު ރިލީޒްކުރުން ހުއްޓުވައި ދިނުމަށް ގޮވާލާފައިވާއިރު ސެންސަރު ބޯޑު މެމްބަރުންނާއި ފިލްމުގެ ޕްރޮޑިއުސަރާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

މި މައްސަލައިގެ އަޑު އެހުންތައް މި އަންނަ ހަފުތާގެ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާއިރު މި ނަމުގައި އުފެއްދި ފުރަތަމަ ފިލްމަށް ވެސް އާއްމުންގެ ފާޑުކިޔުންތައް ރައްދުވެ ފިލްމު ރިލީޒްކުރުމަށް ދެކޮޅަށް އަޑު އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް އެ ބަހުސްތަކާ އެކުވެސް ފިލްމު ވަނީ 2023ގެ މެއި މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކޮށްފައެވެ. އެންމެ 20 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 30 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް