ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ލިސްޓަށް އެރުވުމުގެ މަސައްކަތް ދައްކުވައިދޭ މައުރަޒެއް މިއަދު ދާރުލް އާސާރުގައި ފަށައިފި އެވެ.
އިންޓަނޭޝަނަލް މިއުޒިއަމް ދުވަހުގެ މުނާސަބަގައި އެ މައުރަޒު ހުޅުވުމުގެ ގޮތުން އެ ޕްރޮޖެކްޓާ ހަވާލުވެ ހުންނެވި މުހަންމަދު މައުރޫފް ޖަމީލު ވަނީ ފޮތެއް ލިޔެ، ނެރެދެއްވައިފަ އެވެ.
ހިރިގަލުގެ މިސްކިތްތައް ދައްކުވައިދޭ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ފަޔާޒު މޫސާ
"އިންޑިއާ ކަނޑުން ނެތިގެންދާ ތަރިކަ"ގެ ނަމުގައި މައުރޫފު ލިއުއްވި އެ ފޮތް ނެރެދެއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެ ރަސްމިއްޔާތުގައި އައިޝަތު ޝިހާމް ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ސްކޫލުތަކާ ގުޅިގެން ދިވެހި ތަރިކަ އަދި އާސާރީ ތަންތަނާ ބެހޭ ގޮތުން ކުދިންނަށް އުނގަންނައިދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށެވެ.
ތަފާތު ޕްރޮޖެކްޓްތަކާއި އެހެނިހެން ގޮތް ގޮތުން ކުދިންނަށް އާސާރީ ކަންކަން އުނގަންނައި ދިނުމަށް ސްކޫލްތަކުގެ އެހީގައި އެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިރިގަލުގެ މިސްކިއްތައް ދައްކުވައިދޭ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ފަޔާޒު މޫސާ
ދިވެހި ރާއްޖޭގައި ހިރިގަލުން ހަދާފައިވާ މިސްކިތްތައް އަދި ހިރިގަލުގެ ވަޑާން ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މިސްކިއްތަކުގެ ކުރެހުންތައް އެ މައުރަޒުގައި ވަނީ އާސާރުކޮށްފަ އެވެ.
މައުރޫފް ވިދާޅުވީ އެ މައުރަޒުގެ ބޭނުމަކީ ރާއްޖޭގެ އެންމެން ވެސް އެފަދަ މިސްކިތްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބި އަދި މިސްކިއްތަކަށް އާންމުންގެ މެދުގައި ލޯބި ޖެއްސެވުންކަމުގަ އެވެ.
ހިރިގަލުގެ މިސްކިތްތައް ދައްކުވައިދޭ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ފަޔާޒު މޫސާ
"މިފަދަ ގަދީމީ ތަރިކަ އޭގެ ދެވަނައެއް ނެތް ފަންނުވެރިކަމާ އެކު އެމަސައްކަތްތައް ނެތިގެން ދިޔަ ނުދީ އަންނަން އޮތް ޖީލުތަކަށް ދިރުވާ އާލަކުރަން ޖެހޭ." މައުރޫފް ވިދާޅުވި އެވެ.