ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީޚީ ބޮޑުތަކުރުފާނުގެ ޖިހާދުގެ މަންޒަރުތައް ސިފަކޮށްދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތު އޮތީ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު މެންދުރުފަހުއެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގެ މަންޒަރުތައް ދައްކުވައިދޭ އުތީމު 'ވާހަކަ ވައު' ރައީސް ހުޅުވައިދެއްވުން --- ފޮޓޯ: ރައީސް އޮފީސް
ދިވެހި ތާރީޚީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކޮށްފައިވާ "ވާހަކަ ވައު" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސް ކޮށްދިނުމަށްޓަކައި ތާރީޚުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަހުރުވެރި ނަސްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވެއެވެ.
މިއީ ފަންނުވެރިކަމާއި ގުދުރަތީ ރީތިކަމާއި ތާރީޚު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ޕާކެކެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގެ މަންޒަރުތައް ދައްކުވައިދޭ އުތީމު 'ވާހަކަ ވައު' ރައީސް ހުޅުވައިދެއްވުން --- ފޮޓޯ: ރައީސް އޮފީސް
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމިއްޔަތަށް ދެއްވާ ޚާއްސަ އަހަންމިއްޔަތާއެކު ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
"ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫ"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ގައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމު ޢަބްދުﷲ އާއި ދަޢުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
އަދި ދަޢުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭބޭފުޅުންނާއި، ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ބޭބޭފުޅުން ވަނީ، "ވާހަކަ ވައު" ބައްލަވާލައްވައި، މި ތާރީޚީ ހިނގާލުން ތަޖުރިބާކުރައްވާފައެވެ.