ޝާހު އާއެކު ކުޅެން ހަމަޖެހުނު ފިލްމަށް އާލިއާ އެންމެ ފަހުން ނޫނެކޭ ބުނީތަ؟

ޑައިރެކްޓަރު އާނަންދު އެލް ރާއިގެ ކުރިއަށް އޮތް ފިލްމަށް ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އަދި މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ކުޅަދާނަ ޒުވާން ބަތަލާ އާލިއާ ބަޓް ހަމަޖެއްސި ނަމަވެސް، އާލިއާ މިހާރު ފިލްމު ދޫކޮށްލާފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

'ތަންނޫ ވެޑްސް މަންނޫ'، 'ރާންޖާނާ' އަދި 'ތަންނޫ ވެޑްސް މަންނޫ: ރިޓާންސް'ގެ ޑައިރެކްޓަރު އަދި ޝާހަށް އާލިއާ ނޫނެކޭ ބުނެފައި ވަނީ އޭނާއަށް އެ ފިލްމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުންނެވެ.

އާލިއާ އެ ފިލްމަށް ހަމަޖައްސާފައި ވަނީ ވެސް ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފަށް ވެސް ފިލްމު ހުށަހެޅުމަށްފަހު އެވެ.

ޚަބަރުތައް ބުނާގޮތުން އާލިއާ ފިލްމަށް އެއްބަސްވީ ޝާހަށް ނޫނެކޭ ބުނަން ނުކެރިގެންނެވެ. އާލިއާ އާއި ޝާހު ވަނީ މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޑިއާ ޒިންދަގީ'ގައި ވެސް އެކުގައި މަސައްކަތް ކޮށްފައެވެ.

އަދި ޝާހު އަކީ ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް އާލިއާއަށް ވަރަށް ބޮޑަށް ހިތްވަރުދީ، އެހީތެރިވާ ފަރާތެއް ކަމަށްވެ އެވެ.

އެހެންކަމުން ފިލްމާ ގުޅޭގޮތުން އާލިއާ ޝާހު އާއި ވާހަކަ ދެއްކީ ޝާހުގެ އެންމެ ގާތް އެކުވެރިޔާ އަދި އާލިއާގެ މެންޓޯ، ކަރަން ޖޯހަރު މެދުވެރިކޮށެވެ. ކަރަން އާއި އާލިއާގެ މެނޭޖަރު ވެސް ހިމަނައިގެން ޝާހުގެ ގޭގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އާލިއާ ވަނީ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ރާވާފައިވާ ތާރީޚު ތަކުގައި އޭނާ އަށް ފިލްމު ޝޫޓު ކުރެވެން ނެތް ކަމަށް ބުނެފައެވެ.

ޝާހު ވަނީ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އާލިއާއަށް ފިލްމުގައި މަސައްކަތް ކުރެވެން ނެތް ކަމަށް ބުނުމުން އުފާވި ކަމަށް ބުނެފައެވެ.

އެކްޓަރު ސަންޖޭ ދަތު ފިލްމީ ދާއިރާއަށް އަލުން ނުކުންނަ ފިލްމު 'ބޫމީ' ވެސް ފުރަތަމަ ހުށަހެޅީ އާލިއާ އަށެވެ. ނަމަވެސް އާލިއާ ވަނީ ސްކްރިޕްޓު ވެސް ކިޔުމަކާ ނުލައި ފިލްމަށް ނޫނެކޭ ބުނެފައެވެ.

އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މި އަހަރު ރިލީޒް ކުރި ފިލްމު 'ބަދްރީނާތު ކީ ދުލްހަނިއާ' އިންނެވެ. އާލިއާ ދެން އެންމެ އަވަހަށް މަސައްކަތް ފަށަނީ ރަންބީރު ކަޕޫރު އާއެކު، އަޔާން މުކަރްޖީގެ ފިލްމު 'ޑްރެގަން' ގައެވެ.

comment ކޮމެންޓް