އީމްއާ އެކު ބޭއްވި މޭކަޕް ކުލާހުން މަޝްހޫރު ފެޝަން ވީކެއްގައި ހުނަރު ދައްކާލުމުގެ ފުރުސަތެއް

އީމް ނިޒާމްއާ އެކު ބޭއްވި މޭކަޕް ކުލާހުގައި ކިޔަވައިދިން ޖަމީލާ (ވ) އަދި ކުލާހުގެ ހޯސްޓް މަރީ (ކ)، ކުލާހުގެ ބައިވެރިއަކާއެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ ސޮއްޓި

މޭކަޕް ކުރަން ޝައުގުވެރިކަން ހުންނަ މީހުންނަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި ޕްރޮފެޝަނަލް ލެވެލްގެ މޭކަޕް ކުލާހުގެ ބައެއް ބައިވެރިންނަށް ދުނިޔޭގެ މަޝްހޫރު ފެޝަން ވީކެއްގައި ހުނަރު ދައްކާލުމުގެ ފުރުސަތު ދީފި އެވެ.

ސަން ސިޔާމް ރިސޯޓްސްގެ މެއިން ސްޕޮންސާގެ ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، އާޓިލާ އެކެޑަމީއާ ގުޅިގެން މޭކަޕް ކުލާސް ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު، ޝީ ބިލްޑިންގް ގަ އެވެ.

މޭކަޕް ކުލާހާ ގުޅޭ ގޮތުން ސަން އަށް ދިން އިންޓަވިއުއެއްގައި ލައިވް ސްޓައިލްސް އަދި އިވެންޓްސް މެނޭޖްމަންޓް ކުންފުނި އާޓިލާގެ ވެރިޔާ ޖަމީލާ ޕައުލް ވިދާޅުވީ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މޭކަޕް ކުލާހުގައި ދަސްކޮށްދިން އެއްޗެހިތައް ބޭނުންކޮށްގެން ރަނގަޅު ހުނަރެއް ދައްކާފައިވާ ކަމަށެވެ.

އީމް ނިޒާމްއާ އެކު ބޭއްވި މޭކަޕް ކުލާހުގެ ބައިވެރިއަކު މޭކަޕް ކޮށްފައި ---

އޭގެ ތެރެއިން ވެސް ކޯހުގައި ބައިވެރިންނަށް ދަސްކޮށްދިން، އާޓިލާ ކުންފުނިން ދުބާއީގައި ބޭނުންކުރާ ގްލިޓަރާޓީ ކޮންސެޕްޓަށް ބައިވެރިން ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލާ ޕައުލް އަކީ މޭކަޕް ކުރުމާއި އިސްތަށިގަނޑު ރީތިކޮށް އެކި ޑިޒައިންތަކަށް ހެދުމަށް ދަސްކޮށްދިނުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ޖަމީލާ ވިދާޅުވީ، އިއްޔެ ދުބާއީގައި ނިމިގެންދިޔަ ފެޝަން ވީކެއްގައި ވެސް އޭނާގެ އާޓިލާ ކުންފުނީގެ ފަރާތުން ބައިވެރިވި ކަމަށެވެ. އަންނަ އަހަރު އެ ޕެޝަން ވީކުގެ ކޮންޓްރެކްޓް ލިބިއްޖެ ނަމަ، ރާއްޖޭގައި ހިންގި މޭކަޕް ކުލާހުން ހޮވާލެވުނު ބައެއް ބައިވެރިންނަށް އެ ފެޝަން ވީކުގައި އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އީމް ނިޒާމްއާ އެކު ބޭއްވި މޭކަޕް ކުލާހުގައި ކިޔަވައިދިން ޖަމީލާއާއެކު ހަރަކާތްތެރިވި އާޓިލާގެ އައިލީން ރެއިންސް ---

ޖަމީލާ ފާހަގަކުރި އެ ފެޝަން ވީކަކީ ދުނިޔޭގެ އެންމެ ބޮޑު ނަން ޕްރޮފިޓް ފެޝަން ކައުންސިލް، އަރަބް ފެޝަން ކައުންސިލް (އޭއެފްސީ) އިން އަރަބި ލީގްގެ އަރަބި ގައުމުތަކުގެ މެމްބަރުންނަށް ބާއްވާ އަރަބި ފެޝަން ވީކް (އޭއެފްޑަބްލިއު)އެވެ.

ނިއު ޔޯކް، ލަންޑަން، މިލާން އަދި ޕެރިސް ފަދަ ގައުމުތަކުގައި ބާއްވާ ފެޝަން ވީކްތަކާ އެއް ގިންތިއެއްގައި ގުނާލެވޭ އަދި ބައިނަލްއަގްވާމީ ކަލަންޑަރުގައި ވެސް ހިމެނޭ އަރަބް ފެޝަން ވީކަކީ އަހަރަކު ދެ ފަހަރު ބާއްވާ ހަރަކާތެކެވެ.

ގިނަ ބައެއްގެ މެދުގައި މަގްބޫލް އެ ހަރަކާތް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދުނިޔޭގެ އެންމެ ދިގު އިމާރާތް، ދަ މޭޑަން ހޮޓެލް އެންޑް ގްރޭޑްސްޓޭޑްސްގަ އެވެ.

އީމް ނިޒާމްއާ އެކު ބޭއްވި މޭކަޕް ކުލާހުގެ ބައިވެރިއަކު މޭކަޕް ކޮށްފައި ---

ގްރޭންޑް އެމްޕުރެސް އަދި ބްރިލިއަންޓްސް ޓްރޭޑިން އިން އިސްނަގައިގެން ރާއްޖޭގައި ބޭއްވި މޭކަޕް ކުލާހަށް ބޮޑު ތަރުހީބެއް ލިބުނު އިރު، ކުލާސް ކުރިއަށް ގެންދިޔައީ ޖުމްލަ 39 ބައިވެރިންނާ އެކު އެވެ. އޭގެ ތެރޭގައި މާލޭގައި މޭކަޕް ސެލޫންގެ ވިޔަފާރި ހިންގާ އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ބައެއް ފަރާތްތައް ވެސް ހިމެނެ އެވެ.

މަޝްހޫރު ލަވަ ކިޔުންތެރިިޔާ އަދި މޮޑެލް އީމް ނިޒާމް އިންތިޒާމްކުރި އެ މޭކަޕް ކުލާހުގެ މޮޑެލަކަށް ކަނޑައެޅީ، 22 އަހަރު ވަންދެން ބެލުންތެރިން މުނިފޫހިފިލުވައިދިން ތަޖުރިބާކާރު އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ)އެވެ. އަދި ކުލާސް ކުރިއަށްގެން ދިޔަ ޝީ ބިލްޑިންގެ މާލަމް ތައްޔާރު ކޮށްދިނީ އިވެންޓާސްގެ ފަރާތުންނެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއާއެކު އީމް ----

އީމްގެ މޭކަޕް ކުލާހުގެ ހޯސްޓަކީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)އެވެ. އަދި އޮފިޝަލް ފޮޓޯގުރާފަރު ޕާޓްނަރަކީ ރާއްޖޭގެ މަޝްހޫރު ފޮޓޯގުރާފަރުންގެ ތެރޭގައި ނަން ހިންގާ ޒުވާނެއް ކަމަށްވާ ޝިފާޒް ހުތީ (ސޮއްޓި)އެވެ.

comment ކޮމެންޓް