އަމިއްލަ ގައުމުގައި ކުރިއަށްދާ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ސާބާ ޗެމްޕިއަންޝިޕްގެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއިން ރާއްޖެގެ މައްޗަށް ކުރިހޯދީ 84-42 ޕޮއިންޓުންނެވެ.
އެ މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާއިން ވަނީ ރާއްޖޭގެ މައްޗަށް ބޮޑު ލީޑެއް ހޯދައިފައެވެ. އިންޑިއާގެ ވަރުގަދަ ކުޅުމާއެކު ފުރަތަމަ ކުއާޓާ ނިންމާލީ 22-3 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ކުއާޓާ އިންޑިއާއިން ނިންމާލީ 46-15 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
އިންޑިއާއިން ވަނީ މެޗުގެ ފަހު ދެ ކުއާޓާގައި ވެސް ވަރަށް ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. އެ މެޗުގެ ތިންވަނަ ކުއާޓާ އިންޑިއާއިން 68-28 ޕޮއިންޓުން ކުރީގައި އޮވެ ނިންމާލިއިރު، ހަތަރުވަނަ ކުއާޓާ ވެސް ނިންމާލީ އެއްވަރެއްގައި ކުޅުން ހިފަހައްޓާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިންޑިއާއަށް 25 ޕޮއިންޓް ހޯދައިދިން އަމްރިތުޕާލް ސިންގެވެ. ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 12 ޕޮއިންޓް ހޯދައިދިން ކެޕްޓަން ޒިލާލް މުހައްމަދެވެ.
ސާބާ ޗެމްޕިއަންޝިޕްގެ ދެ މެޗެއް މިއަދު ވެސް ކުރިއަށްދާނެއެވެ. ހަވީރު 5:00ގައި ކުޅޭ މެޗުގައި ބަނގްލަދޭޝްއާއި ސްރީ ލަންކާ ބައްދަލުކުރާއިރު، މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ރާއްޖެއެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ އިންޑިއާ، ރާއްޖެ، ބަނގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާއެވެ.