ޝައިހް ޝަމީމްގެ "މަންމަ" ދަރުސް އިން އެތައް ބަޔަކު ރޮއްވާލައިފި

މިރޭގެ ދަރުހުގައި ޝައިހް ޝަމީމް ވާހަކަ ދައްކަވަނީ --- ފޮޓޯ/ އަސުރުމާ

މައިންބަފައިންނަށް އޯގާތެރިވުމާއި އެމީހުންނަށް އަޅާލުމާ ގުޅޭގޮތުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމް މިރޭ ދެއްވި ދީނީ ދަރުހުން އެތައް ބަޔަކު ރޮއްވާލައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި އެ ދީނީ ދަރުހުގައި ވަނީ ގިނަ ބަޔަކު ބައިވެރިވެފަ އެވެ. އަދި ޝައިޚް ޝަމީމް ދެއްވި އަގުހުރި ފިލާވަޅުން އެތަނަށް ގޮސްތިބި ގިނަ ބަޔަކަށް ވަނީ އަސަރުކޮށްފަ އެވެ.

ބައެއް ޓީވީ ޗެނަލްތަކުން ވެސް ވަގުތުން ދުރަށް ފޮނުވި އެ ދަރުހުގައި ޝައިޚް ވަނީ މައިން ބަފައިންނަށް އޯގާތެރިވުމަކީ ކޮބައިކަމާއި އެމީހުންނަށް އޯގާތެރިކޮށް ކަންތައްތައް ކޮށްދިނުމާމެދު ދީނުގައި އޮންނަ ގޮތް، ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކުންނާއި އެކިއެކި ޞަހާބީންގެ ބަސްފުޅުތަކުން މިސާލު ނަންގަވައި ބުނެދެއްވާފަ އެވެ.

މިރޭގެ ދަރުހުގައި ޝައިޚް ޝަމީމް ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީއްހެއްގެ ދުނިޔަވީ ހުރިހާ ކަމަކަށްވުރެ ބޮޑަށް މައިންބަފައިން ނުވަތަ ޚާއްސަކޮށް މައިމީހާ އިސްކުރަންޖެހޭ ކަމަށެވެ. އަދި އެމީހުންނަށް އަޅާނުލައި ދޭންޖެހޭ ލޯބި ނުދީ އުޅުމަކީ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް އެޅޭ ހުރަހެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ، މަންމަގެ މަގާމަކީ ދުނިޔޭގައި އިންސާނާގެ ކައިރީ އުޅޭ އެހެން އެންމެނަށްވުރެ އިސް މަގާމެއް ކަމަށެވެ. އެގޮތުން ރައްޓެހިންނާއި އާއިލާގެ އެހެން މީހުންނާއި އަނބިންނަށްވުރެ ވެސް މައިންބަފައިން އިސްކުރަން ޖެހޭކަމަށް ޝައިޚް ވިދާޅުވި އެވެ.

އޭގެ އިތުރުން ދަރިއެއްގެ ސަބަބުން މައެއްގެ ލޮލުން ކަރުނަ އަޅަންޖެހިއްޖެ ނަމަ، އެ ދަރިއަކަށް މައިމީހާ މައާފް ނުކުރާހާ ހިނދަކު އެ މީހަކު ސުވަރުގެއަށް ނުވަންނާނެ ކަމަށް ޝައިޚް ވިދާޅުވި އެވެ.

އޭގެ އިތުރުން މައިމީހާ މުސްކުޅިގެ ގައިބާރު ނެތޭ ދުވަހު ދަރިންގެ ލޯބި މައިންނަށް ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ޝައިޚް ވާހަކަ ދެއްކެވި އެވެ. އެގޮތުން އެމީހުންނަށްޓަކައި ޚަރަދުކޮށް، އެމީހުންނަށް ކާންދީ ބޯންދީ ހުރިހާ ކަމެއް ކުރަންޖެހޭނެ ކަމަށް ޝައިޚް ވިދާޅުވި އެވެ. އަދި ދަރިއަކު މުޅި އުމުރު ދުވަހު މަސައްކަތް ކުރިނަމަވެސް މައިމީހާ ދިން ލޯތްބާއި ގުރުބާނީގެ އަގު އަދާނުކުރެވޭނެ ކަމަށް ޝައިޚް ވިދާޅުވި އެވެ.

ހަޔާތުގައި މަންމަގެ މަގާމާ ގުޅޭގޮތުން ޝައިޚް ޝަމީމް ގިނަ ވާހަކަތަކެއް "އަސަރާއެކު" ވިދާޅުވި އިރު، ޝައިޚް ދަރުސް ނިންމަވާލެއްވީ ހާއްސަ ދުއާއަކުންނެވެ. މިރޭގެ ދަރުހުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އާއި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

comment ކޮމެންޓް