ތަނަވަސްކަން ނެތް ކުދިންގެ ތައުލީމީ ޚަރަދުތަކާ ސުޝާންތު ހަވާލުވަނީ

ފައިސާގެ ދަތިކަމުގެ ސަބަބުން އިތުރަށް ތައުލީމު ހާސިލް ކުރުމުގެ އުންމީދު ނެތް ކުދިންގެ ތެރެއިން ހޮވާލެވޭ ކުދިންގެ ތައުލީމީ ޚަރަދުތަކާ ހަވާލުވާން ނިންމާފައިވާ ކަމަށް ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ބުނެފި އެވެ.

ސުޝާންތު އަކީ ވެސް ކިޔަވަން މޮޅު ނަމަވެސް ފައިސާގެ ދަތިކަމުގެ ސަބަބުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ގެއްލުނު މީހެކެވެ. އެހެންކަމުން ކިޔަވަން މޮޅު ކުދިންނަށް އެ ފުރުސަތު ހޯދައި ދޭން އޭނާ ބޭނުންވެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސުޝާންތު ބުނީ ކިޔެވުމުގެ ޚަރަދުތައް ފޯރު ކޮށްދިނުމަށް ކުދިން ހޮވާނީ، ވަކި ސްކޫލުތަކެއް ކަނޑައެޅުމަށް ފަހު ކޮންމެ ސްކޫލެއްގައި ވެސް ކުރިއަށް ގެންދެވޭ ޓެސްޓުން ފާސްވާ ކުދިންނަށް ކަމަށެވެ.

"ފުރަތަމަ ދޭނީ އެއް އަހަރު ދުވަހުގެ ހުރިހާ ޚަރަދެއް. އެއް އަހަރަށް ފަހު އަނެއްކާ ވެސް ޓެސްޓެއް ކުރިއަށް ގެންދެވޭނެ. އިތުރު އަހަރަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނީ ޓެސްޓުން ފާސްވާ ކުދިންނަށް،" ސުޝާންތު ބުންޏެވެ.

ސުޝާންތު ބުނީ އޭރުން އެކުދިން އަބަދު ވެސް ކިޔެވުމަށް ސަމާލުކަން ދޭނެ ކަމަށާއި، އަދި ކުދިންގެ މެދުގައި ވާދަވެރި ރޫހެއް އުފެދި، އެކުދިންގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެއަށް ވުރެ ރަނގަޅު އުސޫލުކަން އެކަން ކުރިއަށް ގެންދަން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ސުޝާންތު ބުނީ ކުދިންނަށް އުނގަންނައިދޭންވީ އެކުދިން ޑޮކްޓަރަކަށް ނުވަތަ އިންޖިނިއަރަކަށް ހަދަން ނޫން ކަމަށާއި، ދުނިޔޭގައި ކަން ހިނގާ އުސޫލުތަކާއި، ހެވާއި ނުބައި ވަކި ކުރެވޭ ވަރުގެ ގާބިލް ބަޔަކަށް ހެދުމަށް ކަމަށެވެ.

ޓީވީ ސީރީޒް 'ޕަވިއްތުރަ ރިޝްތާ' އިން މަޝްހޫރުކަން ހޯދުމަށް ފަހު ސުޝާންތު ބޮލީވުޑަށް ނުކުތީ 2013 ވަނަ އަހަރު، ފިލްމު 'ކައި ޕޯ ޗޭ' އިންނެވެ.

ސުޝާންތު މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ރާބްތާ' ރިލީޒް ކުރުމަށެވެ.

comment ކޮމެންޓް