ގާސިމަށް ކުރި ޝަރުތުތައް އުވާލައިފި

ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަންދުން ދޫކޮށްލިއިރު، ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އެ ކޯޓުން މިއަދު އުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވައި ގާސިމަށް ފޮނުވި "ޝަރުތުތައް އުވާލި ކަމުގެ ލިޔުމުގައި" ބުނެފައި ވަނީ އޭނާ އަށް ކުރި ޝަރުތުތައް އުވާލާފައިވާ ކަމަށެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ އެ ޝަރުތުތައް ކޮށްފައި ވަނީ އެންމެފަހުން ބޭއްވި މުއްދަތު މަޖިލީހުގައި ގާސިމްގެ ދެވަނަ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިނުވާ ކަމަށް ފުލުހުން ބުނުމުން ކަމަށެވެ.

ޕީޖީ އޮފީހަށް މަައްސަލަ ފޮނުވިފައިނުވާ ކަމަށް އެދުވަހު ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް ބުނެ އެކަމަށްޓަކައި ނިހާޔަތަށް މައާފަށްއެދޭ ކަމަށް ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއްޔެ އެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.

ޝަރުތުތައް އުވާލީ އެހެންވެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ. ގާސިމާ ގުޅޭގޮތުން ތަހުގީގުކުރި ދެވަނަ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ނިންމާފައި ވަނީ އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލާގައި ދައުވާ ނުކުރުމަށެވެ.

ގާސިމަށް ކުރިން ކުރި ޝަރުތުތައް:

  • ތަހުގީގަށް އެއްބާރުލުން ދިނުން
  • ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަަށް ނުދިއުން
  • މުޖުތަމައުތަރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވުން
  • މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުން
  • މުޖުތަމައުތެރޭގައި ފިތުނަ އުފައްދާ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުން
  • މުޖުތަމައުތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހީމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރަން އެހެން މީސްމީހުންނަށް އެތަންތަން ނުދިނުން
  • ދައުލަތުގެ ތިންބާރާއި ތިންބާރުގެ ވެރިންނާއި ބެހޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކުން
comment ކޮމެންޓް