ފުވައްމުލަކުގެ ކުނި މެނޭޖްކުރުން ވެމްކޯއާ ހަވާލުކޮށްފި

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓްރީ އާއި ވެމްކޯއާ ދެމެދު އެއްބަސްވުން ބަދަލު ކުރަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފުވައްމުލަށްސިޓީގެ ކުނި މެނޭޖްކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ހަވާލުކޮށްފި އެވެ.

ވެމްކޯ އަށް އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ވެމްކޯ އާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް އެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއީން އެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޠާރިގް ވިދާޅުވީ، މިއަދު ވީ އެއްބަސްވުމުގެ ދަށުން މި މަހުގެ ފަހުކޮޅު ވެމްކޯ އިން ފުވައްމުލަކު ގެތަކުން ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ވެސް މިހާރު ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކަކީ ވެސް ބޮޑު އާބާދީއެއް އޮންނަ ސިޓީއަކަށް ވާއިރު، އެތަނުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާގައި އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ވެސް ކުރައްވާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު ވާޙަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގައި އުފެދޭ ކުނީގެ ތެރެއިން ނައްތާނުލެވޭ ތަކެތި އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ރީސައިކަލް ސެންޓަރަށް ގެންދިއުމަށް ރާވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް