ނ. މާފަރު އެއާޕޯޓާ ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ނަމަ އެމުއާމަލާތެއް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
މިލޭނިއަމް ކެޕިޓަލުން ކޯޓުގައި ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދިފައި ވަނީ، މާފަރު އެއާޕޯޓު ހަދަން އެ ކުންފުންޏާ ހަވާލުކޮށްފައިވަނިކޮށް އެ އެއްބަސްވުން ސަރުކާރުން އުވާލުމުންނެވެ.
އެއާޕޯޓުގެ މަސައްކަތް އެކުންފުނީގެ އަތުން ނެގުމަށް ފަހު، އެއާޕޯޓު އަޅަން ހަވާލުކޮށްފައި ވަނީ ސަން ސިޔާމް ރިސޯޓްސް އާ އެވެ. މާފަރުގައި އެއާޕޯޓެއް އެޅުމަށާއި އޮޕަރޭޓުކުރުމަށް ސަން ސިޔާމް ރިސޯޓްސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.
އެއްބަސްވުން އުވައިލި މައްސަލާގައި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެއާޕޯޓާ ގުޅޭ މުއާމަލާތެއް ނުކުރަމަށް މިލޭނިއަމް ކެޕިޓަލުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މިލޭނިއަމް ކެޕިޓަލުން މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ކުންފުނިން ތައްޔާރުވެފައިވީ ނަމަވެސް އެއްބަސްވުމުގައިވާ ތާރީހަށް މަސައްކަތް ނިންމައި ހިދުމަތްދޭން ނުފެށޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން އެފަދަ އަމުރެއް ނެރޭ އިރު ދައުވާ ލިބޭ ފަރާތުގެ މަސްލަހަތަށް ވެސް ބަލަން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެފަދަ އަމުރެއް ނެރުމުން ހިމާޔަތް ކުރެވޭ މިލޭނިއަމް ކެޕިޓަލްގެ މަސްލަހަތަށް ވުރެ، އެ އަމުރު ނުނެރެފި ނަމަ ހިމާޔަތް ކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑު ކަމަށް ހުކުމުގައިވެ އެވެ.
މިލޭނިއަމް ކެޕިޓަލް ކުންފުންޏަކީ ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ކުންފުންޏެކެވެ.