މާފަރު އެއާޕޯޓު އެޅުމަށް ސަން ސިޔާމް ރިސޯޓްސްއަށް ހަވާލުކޮށްފި

ސަމް ސިޔާމް ރިސޯޓްސްއަށް ނ. މާފަރު އެއާޕޯޓު އެޅުމަށް ހަވާލުކުރުން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ނ. މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށާއި އޮޕަރޭޓުކުރުމަށް ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް މިއަދު ހަވާލުކޮށްފި އެވެ.

ނ. މާފަރުގައި އެއާޕޯޓު އެޅުމަށާއި އޮޕަރޭޓްކުރުމަށް ސަން ސިޔާމް ރިސޯޓްސްއަށް ދިނީ 50 އަހަރަށެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ނ. މާފަރު އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓަރު އަދި ނ. ކެނދިކުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު އަލީ މައުރޫފެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ސަން ސިޔާމް ރިސޯޓްސް އިން ނ. މާފަރުގައި، 24 މަސް ދުވަސް (ދެ އަހަރު) ތެޜޭގައި އެއާޕޯޓު އަޅައި ނިންމާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ ނ. މާފަރު އެއާޕޯޓު ތަރައްގީކުރަނީ 1.8 ކިލޯ މީޓަރުގެ ރަންވޭއަކާ އެކުގައި ކަމަށާއި، އެތަނަށް އެންމެ މަތީ ފަންތީގެ ޖެޓުތައް ޖެއްސޭނެ ކަމަށެވެ.

"ނ. އަތޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ އަގުބޮޑު އެއް ސަރަހައްދު. ޖެޓުތަކުގައި އަންނަ މުއްސަނދިން ނ. އަތޮޅަށް އަންނަ ނަމަ މާލެ ނައިސް، ސީދާ މާފަރު އެއާޕޯޓަށްއާދެވޭނެ،"

މައުރޫފް އިތުރަށް ވިދާޅުވީ ޖެޓުތައް ޕާކު ކުރުމުގެ ފެސިލިޓީ ވެސް އެ އެއާޕޯޓުގައި ތަރައްގީކުރެވޭނެ ކަމަށާއި، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ޖެޓުތައް މާފަރުގައި ޕާކުކޮށް، ވެލާނާ އެއާޕޯޓަށް ބާރު ކުޑަކުރެވޭނެ ކަމަށެވެ.

އެއާޕޯޓުގެ އިތުރުން މާފަރުގައި 50 އެނދުގެ ސިޓީ ހޮޓަލެއް ވެސް ސަން ސިޔާމް ރިސޯޓްސްއިން އަޅާނެ އެވެ.

މައުރޫފް ވިދާޅުވީ ޑޮމެސްޓިކް އެއާޕޯޓުތައް އާންމުކޮށް ހިންގަނީ ގެއްލުމުގައި ކަމަށް ވާތީ އޭގެ ބަދަލުގެ ގޮތުގައި ރިސޯޓު އެޅުމަށް ސަރުކާރުން ކުންފުނިތަކަށް ފަޅުރަށް މީގެ ކުރިން ދިން ނަމަވެސް، އެއީ މިއަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި މަޝްރޫއު ދިނީ ފަޅުރަށްތަކަކާ އެކުގައެއް ނޫން. އެފަދަ އެއްވެސް ޑިމާންޑެއް ވެސް އަޅުގަނޑުމެންގެއެއް ނެތް،"

މައުރޫފް ވިދާޅުވީ ސަން ސިޔާމް ރިސޯޓްސްއިން 15 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓަކާ އެކު މާފަރު އެއާޕޯޓާއި ސިޓީ ހޮޓެލް އަޅާ އިރު، އެކަމުގެ ހެޔޮ ފައިދާ ނ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

އެގޮތުން ނ. އަތޮޅުގެ ރައްޔިތުންނަށް މާލެއާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ދަތުރުކުރުން ފަސޭހަވުމުގެ އިތުރުން، އެސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުމާއި ޖުމްލަ ގޮތެއްގައި މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މައުރޫފްގެ އިތުރުން، ސަން ސިޔާމް ރިސޯޓްސްގެ ޑައިޓެކްޓަރުން ހުސައިން ސާލިމް މުހައްމަދު، އަހްމަދު ޝާކިރު އަދި ޒުލޭޚާ މަނިކެ ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް