ހަނީފް ގޭބަންދަށް ބަދަލުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ---

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ، ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރު ކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.

ހަނީފް ހައްޔަރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހަނީފްގެ މޮބައިލް ފޯނު ހިފަހައްޓައިފަ އެވެ.

ހަނީފަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަރިސް ބޭފުޅެކެވެ. ދާދިފަހުން ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެންފަ އެވެ.

ފަނޑިޔާރު ޝުޖާއު އާއި ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ހަނީފް ހައްޔަރުކުރުމާ ގުޅިގެން އެކަމާ ނުރުހުންފާޅުކޮށް ވިލިނގިލީގައި އިއްޔެ ވެސް ވަނީ މުޒާހަރާއެއް ކޮށްފަ އެވެ.

comment ކޮމެންޓް