މިހާރު ކުރަނީ ހުޅަނގު މޫސުން ފެށުމާ ގުޅިގެން ކުރާ ވިއްސާރަ: މެޓް

މެޓް އޮފީހުގައި މޫސުން ބެލުމަށް ބޭނުންކުރާ ވަސީލަތެއް --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަހަލަ ގޮތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމާ ގުޅިގެން ކުރަމުން އަންނަ ވިއްސާރަ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ފެށުމާ އެކު ގަދަޔަށް ވިއްސާރަ ކުރާ ކަމަށެވެ.

އިއްޔެ ހުޅަނގު މޫސުން ފެށިފައިވާ އިރު، ރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި ވެސް ވަނީ ހުޅުމާލެ އިން ވެސް ބައެއް ގަސްތައް ވެއްޓުން ފަދަ ކަންކަން ދިމާވެފަ އެވެ. މެޓް އޮފީހުން އިއްޔެ ބުނީ، މިއީ ހުޅަނގު މޫސުމަށްވީ ނަމަވެސް މިއީ އާދައިގެ ހުޅަނގު މޫސުމެއް ކަމަށެވެ.

މެޓް އޮފީހުގެ އޮފިޝަލު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަޔަށް ވައިޖެހި ވިއްސާރަ ކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވެސް ގަދަވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ކަމަށާއި މާލެ ސަރަހައްދުގެ ކަނޑު ހާއްސަކޮށް ގަދަ ކަމަށެވެ. އެހެންކަމުން ދަތުރުކުރައްވާ ފަރާތްތައް އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެ އެވެ.

comment ކޮމެންޓް