އަމީތާބުގެ 'ނަމަކް ހަލާލް' އަލުން ބޮޑު ސްކްރީނަށް!

ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރު ރިލީޒް ކުރި އަމީތާބު ބައްޗަންގެ ކާމިޔާބު ފިލްމު، ނަމަކް ހަލާލް އަލުން ބޮޑު ސްކްރީނުގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު ރިލީޒް ކުރިތާ 35 އަހަރު ވުން ފާހަގަ ކުރުމަށް އިންޑިއާގެ ސިނަމާތަކުގައި އަލުން އެ ފިލްމު ދައްކަން ނިންމާފައި ވަނީ ޝެމަރޫ އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް އިންނެވެ.

ޝެމަރޫ އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ފިލްމުގެ ޚާއްސަ ސްކްރީނިންގްއެއް މި މަހުގެ 21 ވަނަ ދުވަހު އޮންނާނެ އެވެ. އަދި ޕްރައިވެޓް ސްކްރީނިންގް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޝެމަރޫ އިން ބުނެ އެވެ.

ކުރީގެ ފާހަގަކޮށްލެވޭ މޮޅު ފިލްމުތައް އަލުން ސިނަމާގައި ދެއްކުމަކީ ހުޅަނގުން މިހާރު ވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި، މިއީ މިއަދުގެ ޒުވާނުންނަށް އެ ފިލްމުތައް ސިނަމާގައި ތިބެގެން ބަލާލުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށް އެ ފަރާތުން ބުންޏެވެ.

ޕްރަކާޝް މެހެރާ ޑައިރެކްޓު ކޮށްފައިވާ 'ނަމަކް ހަލާލް'ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ އަމީތާބް އާއި ޝަޝީ ކަޕޫރު، ސްމިތާ ޕާޓިލް، ޕަރްވީން ބާބީ އަދި ވަހީދާ ރެހްމާން ފަދަ ތަރިންނެވެ.

comment ކޮމެންޓް