ޓްރަމްޕް، ދުބާއިގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާ ބައްދަލުކުރައްވައިފި

ވޮޝިންޓަން (މޭ 16) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގައި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ނައިބު ރައީސް އަދި ދުބާއިގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާލްނިހްޔާން އާ ބައްދަލުކުރައްވައިފި އެވެ.

ޓްރަމްޕް ދުބާއިގެ ވަލީއުލްއަހްދާ މި ބައްދަލުކުރެއްވީ ސައޫދީއަށާއި އިސްރާއީލަށް އޭނާ ކުރައްވާ ދަތުރުފުޅު ފައްޓަވަން އެންމެ ފަސްދުވަހަށް ވެފައިވަނިކޮށެވެ. މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ޔޫއޭއީން ބުނެފައި ވަނީ ޓްރަމްޕާއި މުހައްމަދު ބިން ޒާޔިދުގެ ވާހަކަތައް ބިނާކުރެއްވީ މެދުއިރުމަތީގެ ގައުމުތަކުގައިވާ ނުތަނަވަސްކަން ފިލުވޭނެ ގޮތްތަކާބެހޭގޮތުން ކަމުގައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޔޫއޭއީ އަކީ ތެލަށް ބަރޯސާ ނުވާ އިގްތިސާދެއް ބިނާކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ. ޔޫއޭއީ ގެ އިގްތިސާދުގައި ސިނާއަތާއި ފަތުރުވެރިކަމުގެ ސެކްޓަރު ވަނީ ވަރަށްބޮޑަށް ފުޅާކޮށްފައެވެ. ޔޫއޭއީ އަކީ މުޅި ދުނިޔެއަށްބަލާއިރުވެސް ތިންވަނައަށް އެންމެ ގިނައިން އެމެރިކާގެ އުފެއްދުންތައް އިންޕޯޓްކުރާ ގައުމެވެ. ނަމަވެސް ޔޫއޭއީގެ އިގްތިސާދުގެ 80 އިންސައްތައަކީ ބޭރުގެ މަސައްކަތްތެރިންގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެކެވެ. މިދިޔައަހަރު އެމެރިކާއާއި ޔޫއޭއީ އާ ދެމެދު ކުރި ވިޔަފާރީގެ މިންވަރު 29 ބިލިޔަން ޑޮލަރަށް އަރާފައިވެއެވެ. ޔޫއޭއީ އަކީ ސޫރިޔާ، ލިބިޔާ، ޔަމަން އަދި އިރާގުގައި ހިނގަމުންދާ އަރާރުންތަކާއި ހަނގުރާމަތަކުގައި ސީދާގޮތުންނާއި ނުސިދާގޮތުން ބައިވެރިވާ ގައުމެކެވެ.

ޔަމަންގެ ހަނގުރާމައިގާ ސީދާ ގޮތެއްގައި ޔޫއޭއީ ބައިވެރިވާ ހަނގުރާމަކުރާއިރު ސޫރިޔާގެ ހަނގުރާމައިގާ ޔޫއޭއީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ދޭ ގައުމެކެވެ. އަދި ޔޫއޭއީއަކީ ފަލަސްތީނުގެ ހައްގުތަކަށް ވެސް މާބޮޑަށް ވަކާލާތުކުރާ ގައުމެއް ނޫނެވެ. ސޫރިޔާ އާއި އިރާގުންވަނީ އެ ދެގައުމުގައި ދާޚިލީ ފިތުނަ އުފައްދާކަމުގެ ތުހުމަތު ޔޫއޭއީ ގެ މައްޗަށް ކޮށްފައެވެ. އަދި މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް އަބްދުލްފައްތާޙް އައްސީސީ ގެންނެވި އަސްކަރީ އިންގިލާބަށް އެހިތެރިވިކަމުގެ ތުހުމަތުވެސް ޔޫއޭއީ ގެ މައްޗަށްވަނީ ކުރެވިފައެވެ.

ޓްރަމްޕް ދުބާއިގެ ވަލީއުލްއަހްދާ ބައްދަލުކުރެއްވިއިރު އެމެރިކާވަނީ ދެބިލިޔަން ޑޮލަރުގެ ހަތިޔާރު ޔޫއޭއީ އަށް ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެފައެވެ. ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ސައޫދީ އިސްކޮށް އޮވެގެން ބާއްވާ އަރަބި އިސްލާމީ ގައުމުތަކުގެ ބައެއް ވެރިންނާއި ޓްރަމްޕްގެ ސަމިޓް ބައްދަލުވުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ސައޫދީގެ ވެރިރަށް ރިޔާޟުގައެވެ. މިސަމިޓްގައި ޔޫއޭއީގެ ރައީސް ޚަލިފާ ބިން ޒާޔިދު ބައިވެރިވެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މިސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަކުރުމާއި އީރާނާއި ސޫިރޔާއާ ދެކޮޅަށް އަރަބި އިސްލާމީ ބައެއްގައުމުތަކާ ގުޅިގެން އެމެރިކާއިން އެލަޔަންސެއް އެކުލަވާލުން ކަމަށް ވައިތް ހައުސް އިން ވަނީ ބުނެފައެވެ. (ރޮއިޓާސް)

comment ކޮމެންޓް