ހިއުމަން ރައިޓްސް ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެއްވެސް ނުފޫޒެއް ނުފޯރުއްވަވާ ކަމަށް، ދާދި ފަހުން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކޯލިޝަނުން ބާއްވާ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ އޭނާ އެޗްއާރުސީއެމަށް އައްޔަނު ކުރެއްވުމުން ވަރަށް ގިނަ ފަރާތްތަކުން ސިޔާސީ މީހެއް ކަމަށް ބުނެ ފާޑުކީ ކަމަށެވެ.
"އަޅުގަނޑުމެންނާ މަގާމް ހަވާލުކުރައްވާފައި ފުރަތަމަ ރައީސް އަޅުގަނޑުމެންނަށް ދެއްވި އިރުޝާދަކީ ވަރަށް މުހިންމު ދުސްތޫރީ މަސްއޫލިއްޔަތެކޭ ތިހަވާލުކުރެވުނީ. ވަކި ފަރާތަކަށް ބުރަވުމެއްނެތި ތައައްސުބުން އެއްކިބާވެހުރެ ތިތަނަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ އެ މައްސަލައިގެ ދެ ހަސްމެއްގެ މަސްލަހަތު އުޅޭނެ ކަމެއްކަން ގަބޫލުކޮށްގެން އިންސާފުގެ މަގުން ކުރިއަށް ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވިއެވެ.
"ﷲގަންދީ ހަދާ ތެދު އަޅުގަނޑު އެ މަގާމުން އިސްތިއުފާ ދިނުމާ ހަމައަށްވެސް އަދި މިއަދު މިވަގުތާ ހަމައަށް ވެސް ރައީސް ޔާމީންގެ އެއްވެސް ނުފޫޒެއް ހިއުމަން ރައިޓްސް ކޮމިޝަނާހަމައަށް ގޮސްފައެއް ނެތް،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ދާދިފަހުން އައްޔަނު ކުރެއްވި ޝިފާގު ވިދާޅުވިއެވެ.
ޝިފާގު ވިދާޅުވީ، އެޗްއާރުސީއެމްގައި ހޭދަކުރެއްވި ދުވަސްވަރު ކޮމިޝަނުގެ މެމްބަރުންނާ ވަރަށް ގިނަ ފަހަރު ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމަށާއި އެ ހިޔާލުތަފާތުވުންތަކަކީ ސަރުކާރުގެ ނުފޫޒެއް ނުވަތަ ކެބިނެޓް މިނިސްޓަރެއްގެ ނުފޫޒެއް އައިސްގެން ވީ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ ނުފޫޒެއް ސަރުކާރުގެ އެއްވެސް ފަރާތަކުން އައިސްފައިނުވާ ކަމަށް ވެސް ޝިފާގު ވިދާޅުވިއެވެ.
"އަޅުގަނޑު އެ މަގާމުން އިސްތިއުފާ ދިނުމުން އަޅުގަނޑަށް ސަނާކިޔައި އިދިކޮޅު ފަރާތްތަކުން ދައުވަތު ދިން އެ ފަރާތްތަކާ ގުޅުމަށް. ނަމަވެސް އަޅުގަނޑު ސަރުކާރުގެ ވަޒީފާއަކުން ފެނުނީމަ އެ ހިސާބުން އަޅުގަނޑު ގޯސްވެއްޖެ،" އޭނާ ވިދާޅުވިއެވެ.