މެޗަކުން ބަލިނުވެ ޒެފްރޯލްއިން ދެވަނަ ޑިވިޝަން ކާމިޔާބުކޮށްފި

ކުޑަހެންވޭރު 4-1 ލަނޑުން ބަލިކޮށް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޒެފްރޯލުން މުބާރާތުގެ ތަށި އުފުލާލަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ވާދަވެރި ކުޑަ ހެންވޭރު ބަލިކޮށް ޒެފްރޯލްއިން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒެފްރޯލް ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު ޒެފްރޯލުން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

ޒެފްރޯލުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު ފުރަތަމަ ހާފުގައި އެޓީމުންވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ރިފާއުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ.

ދެވަނަ ހާފުގައި ޒެފްރޯލުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 51 ވަނަ މިނިޓްގައި އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބޫއެވެ. އަދި އޭގެ ފަސް މިނިޓްފަހުން ޒެފްރޯލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. 56 ވަނަ މިނެޓްގައި އެލަނޑު ކާމިިޔާބުކޮށްދިނީ އިބްރާހީމް ޝާތިރެވެ.

މެޗު ނިމެންދަނިކޮށް ކުޑަ ހެންވޭރުން ވަނީ ލަނޑެއްކާމިޔާބުކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 88 ވަނަ މިނިޓްގައި ޔާމީން މުހައްމަދެވެ. ނަމަވެސް ކުޑަ ހެންވޭރުކޮޅަށް 90 ވަނަ މިނިޓްގައި އަނެއްކާވެސް ޒެފްރޯލުން ވަނީ ލަނޑެއްޖަހައި 4-1 ނަތީޖާބަދަލްކޮށްފައެވެ.

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުން އަދި ރަނަރަޕް ދެން ވާދަކުރާނީ މާލޭ ލީގު ކޮލިފިކޭޝަންގައެވެ. އަދި އެ ދެޓީމާ އެކު މާލޭ ލީގުން އެންމެ ދަށް ނަތީޖާ ލިބޭ ހަތަރު ޓީމްވެސް ކޮލިފިކޭޝަންގައި ކުޅޭނެއެވެ. އަދި މާލޭ ލީގަށް ކޮލިފައިވާނީ އެންމެ ގަދަ ހަތަރު ޓީމެވެ.

comment ކޮމެންޓް